ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ގަވާއިދު ނެތުމުން ކަރަންޓީނާ މެދު ސުވާލު އުފެއްދޭ: އުޝާމް

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ގަވާއިދު ހެލްތު މިނިސްޓްރީން ހަދާފައި ނުވާތީ، މީހުން ކަރަންޓީން ކުރުމާ މެދު ސުވާލު އުފެއްދިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.


ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދާފައި ނުވާތީ، އެ މިނިސްޓްރީން ގާނޫނާ ޚިލާފުވި ކަމަށް މަޖިލީހުގެ ގަވާއިދު ކޮމެޓީން ހުށަހެޅި ރިޕޯޓާ ގުޅޭގޮތުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އުޝާމް ވިދާޅުވީ، ގައިންގަޔަށް އަރާ ބަލިތަކާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މީހުން ކަރަންޓީން ކުރުމުގެ ބާރު ލިބެނީ އެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މާއްދާގެ ދަށުން އެކަން ކުރެވެނީ ވެސް އެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން، ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ގަވާއިދެއްގައި ބުނާ އުސޫލުން ކަމަށް އުޝާމް ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް އައިއިރު ވެސް، އެ ގަވާއިދު ހެދިފައި ނެތުމުން ގައިންގަޔަށް އަރާ ބަލިތަކުގައި މީހުން ކަރަންޓީން ކުރުމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާ ބުނާގޮތުން، ގައިން ގަޔަށްއަރާ ބަލިތަކާ ބެހޭގޮތުން ހަދާ ގަވާއިދުގައި ވަކި ބައްޔެއް އެއީި ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ބަލާނެ މިންގަނޑު ކަނޑައަޅަން ޖެހޭނެ އެވެ. އެ ގާނޫނުގެ 12 ވަނަ މާއްދާގެ ބުނާގޮތުން، މީހުުން ކަރަންޓީން ކުރުމާއި އެކަހެރި ކުރެވޭނީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި ކަމަށް ބެލެވޭ މީހުންނެވެ.

"އަދި މިހާތަނަށް ވެސް 11 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދެއް ޕަބްލިކް ހެލްތުން ހަދައިފައެއް ނެތް. އެ ގަވާއިދު ނަހަދާ 12 ވަނަ މާއްދާގެ ދަށުން އެ ފިޔަވަޅު އެޅުމާ ދޭތެރޭގައި ހަގީގަތުގައި ވެސް ގާނޫނީ ގޮތުން ސުވާލު އުފެއްދުމުގެ ފުރުސަތު މެދުވެރިވޭ،" އަމިއްލަ މެމްބަރު އުޝާމް ވިދާޅުވި އެވެ.

ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަން ވެސް ކުރެއްވި އުޝާމް ވިދާޅުވި ގޮތުގައި، ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ އެތައް ގަވާއިދުތަކެއް އަދިވެސް ނުހަދަ އެވެ. މީގެ ކުރިން ވެސް އެކަންކަން ރަނގަޅަށް ބެލިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާ ބުނާގޮތުން، ގައިން ގަޔަށްއަރާ ބަލިތަކާ ބެހޭގޮތުން ހަދާ ގަވާއިދުގައި ވަކި ބައްޔެއް އެއީި ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ބަލާނެ މިންގަނޑު ކަނޑައަޅަން ޖެހޭނެ އެވެ. އެ ގާނޫނުގެ 12 ވަނަ މާއްދާގެ ބުނާގޮތުން، މީހުުން ކަރަންޓީން ކުރުމާއި އެކަހެރި ކުރެވޭނީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި ކަމަށް ބެލެވޭ މީހުންނެވެ.

އެ ގާނޫނު ބުނާގޮތުން، ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން އެއް އަހަރު ތެރޭގައި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދަންޖެހޭނެ އެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ 2013 ވަނަ އަހަރު އެވެ.