ޚަބަރު / ޖުޑީޝަރީ ކޮމިޓީ (ރައްޔިތުންގެ މަޖިލިސް)

ވީޑިއޯ ކޮންފަރެންސް ޝަރީއަތްތަކަށް ޚާއްސަ ޝަރުތުތަކެއް ހިމަނައި، ކޮމެޓީން ބިލް ފާސްކޮށްފި

ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް: ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ޚާއްސަ ޝަރުތުތަކެއް ހިމަނައި، ކޮމެޓީން ވަނީ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި -- ފޮޓޯ/މިހާރު

ޖިނާއީ މައްސަލަތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ޚާއްސަ ޝަރުތުތަކެއް ހިމަނައިިި، ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބޮޑެތި ބަދަލުތަކަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަން ބިލް ހުށަހެޅީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާގެ ހާލަތްތަކުގެ އިތުރުން ކުއްލި ނުރައްކަލުގެ (ސްޓޭޓް އޮފް އިމަޖެންސީ) ގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭ ގޮތަށެވެ. އެކަމަކު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އެ ބިލް ދިރާސާ ކުރުމަށް ފަހު ކޮމެޓީން އެ ބިލް ފާސްކުރީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް އެ ބިލުގައި އޮތަސް، ކޮމެޓީން ބިލަށް ބަދަލު ގެނައީ އެގޮތަށް އަމަލު ކުރުމުގެ ބާރު ޚާއްސަ ހާލަތްތަކުގައި އެކަނި ލިބޭ ގޮތަށެވެ. އަދި ޚާއްސަ ހާލަތްތަކުގައި ވެސް ބަންދާ މެދު ގޮތެއް ނިންމުމާއި އިބްތިދާއީ އަޑުއެހުންތައް ފިޔަވައި، ޝަރީއަތުގެ އެހެން އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން ދައުވާ ލިބޭ މީހާގެ ރުހުން ހޯދަންޖެހޭ ގޮތަށް ކޮމެޓީން ވަނީ އެ ބިލަށް ބަދަލު ގެނެސްފަ އެވެ.

މީގެ އިތުރުން ދައުވާލިބޭ މީހާގެ ރުހުން އޮތަސް، ކުށަށް އިއުތިރާފްވާ މައްސަލަތަކާއި ސިކުނޑީގެ އުނިކަމެއް ހުންނަ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސްކޮށް އެއްވެސް ގޮތަކަށް ކުރިއަށް ނުގެންދެވޭ ގޮތަށް ވެސް އެ ބިލަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި ވީޑިއޯ ކޮންފަރެންސް ޝަރީއަތްތަކުގެ ރެކޯޑިން 10 އަހަރަށް ބަލަހައްޓަންޖެހޭ ގޮތަށް ބިލުގައި އޮތްއޮތުން 25 އަހަރަށް އިތުރު ކުރުން ވެސް ކޮމެޓީން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ހާލަތްތަކާއި ސްޓޭޓް އޮފް އިމަޖެންސީގެ ހާލަތްތަކުގައި ޖިނާއީ މައްސަލަތަކުގެ ދައުވާ ކުރުމުގެ މުއްދަތުތައް ނުހިނގާ ގޮތަށް އެ ބިލުގައި ހިމެނިޔަސް، ކޮމެޓީން ނިންމީ ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާ ކުރުމަށް ދަތިވާ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު އިތުރު ކުރުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ.

އެގޮތުން ހައްޔަރުކުރާ މީހުންގެ މައްޗަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ދައުވާކުރަން ޖެހޭ މުއްދަތާއި ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރަންޖެހޭ މުއްދަތާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރަންޖެހޭ މުއްދަތާއި އިސްތިއުނާފްގެ މުއްދަތު ވެސް އިތުރު ކުރެވޭ ގޮތަށް ކޮމެޓީން ވަނީ ބަދަލު ގެނެސްފަ އެވެ.

ޚާއްސަ ހާލަތްތަކުގައި ހައްޔަރު ކުރެވިފައިވާ މީހުންނާ ވަކީލުންނާ އެއް ހާޒިރެއްގައި ބައްދަލު ކުރެވެން ނެތް ނަމަ، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސްކޮޮށް ބައްދަލު ކުރެވޭ ގޮތް ހަމަޖައްސައި ދިނުމުގެ އިތުރަށް ވަކީލާއި މުވައްކިލާ ދެމެދު ދެކެވޭ ވާހަކަތައް އިތުރު ފަރާތަކަށް އަޑު ނީވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ގޮތަށް ވެސް ބިލަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބައެއް ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު ކޯޓުން މިހާރު އެގޮތަށް ކުރިއަށް ގެންދަނީ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކާއި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން ދައުވާލިބޭ މީހާ ދެކޮޅު ނަހަދާ މައްސަލަތަކުގައި އެކަންޏެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!