އުމުރުން ދުވަސްވީ ތިން އަންހެނެއްގެ ރޭޕްގެ ތުހުމަތު ކުރެވޭ މީހާ ގޭބަަންދަށް

އައްޑޫ މީދޫގައި އުމުރުން ދުވަސްވީ ތިން އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހާ ގޭބަންދަށް އިއްޔެ ބަދަލުކޮށްފި އެވެ.


މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ މައްސަލައިގައި އައްޑޫ މީދޫން ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

އެ މީހާގެ މައްޗަށް ތުހުމަތު ކުރަނީ އުމުރުން 64 އަހަރާއި 65 އަދި 66 އަހަރުގެ ތިން އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލަ އެކެވެ. އެ މީހާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ 64 އަހަރުގެ އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށް ތުހުމަތު ކޮށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އިތުރު ދެ އަންހެނަކު ވެސް ރޭޕް ކުރަން 24 ގަޑިއިރު ތެރޭގައި ދެ ފަހަރު އޭނާ މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައި އެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ މޭ 29 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ދިން މުއްދަތު ހަމަވުމުން، ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ގޭބަންދަށް ބަދަލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުގައި ސިޓީ އަކުން މިހާރު އެދިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މީހާ ގޭބަންދަށް ބަދަލުކުރީ މީދޫ ކޯޓުންނެވެ.

އެ މީހާގެ ޝިކާރައަކަށް ވީ އުމުރުން 64 އަހަރުގެ އަންހެން މީހާގެ އާއިލާ އިން "މިހާރު" އަށް ބުނީ އެކަމުގެ ސަބަބުން އަންހެން މީހާ އަށް ޖިސްމާނީ، ނަފްސާނީ ބޮޑެތި އަސަރުތައް ކޮށްފައިވާ ކަމަށެވެ. އެކަން ޑޮކްޓަރުންގެ ރިޕޯޓުތަކާއި ޖެންޑާ މިނިސްޓްރީން ހަދާފައިވާ އެސެސްމަންޓްތަކުން ވެސް އެނގެން އެބައޮތް ކަމަށް އާއިލާ އިން ބުންޏެވެ.