ކަރަންޓީނަށް ނެގި ބައެއް ރިސޯޓްތައް ދޫކޮށްލައިފި

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއް ރިސޯޓްތައް ސަރުކާރުން ދޫކޮށްލައިފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ފަހު ދޫކޮށްލި ރިސޯޓްތަކުގެ ވިޔަފާރި އަލުން ފަށަން މަސައްކަތް ފަށާފައިވާ ކަަމަށެވެ. އެގޮތުން ދޫކޮށްލީ 13 ރިސޯޓެކެވެ.

ދޫކޮށްލި ރިސޯޓްތައް

ބިޔާދޫ، ފަން އައިލެންޑް ރިސޯޓް، ފުރަވެރި، ހޮލިޑޭ އައިލެންޑް ރިސޯޓް، މަޑިވަރު، ރޯޔަލް އައިލެންޑް ރިސޯޓް، އިރުފުށި، ވިލުރީފް، އިރުވެލި، އަތުރުގާ، ހެރަތެރެ، މެދުފުށި، ފުށިފަރު

މަބްރޫކް ވިދާޅުވީ އެ ރިސޯޓްތައް ދޫކޮށްލުމުން ކަރަންޓީނު ފެސިލިޓީތަކުގެ އަދަދަކީ މިހާރު 1،420 ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރަންޓީނު ފެސިިލިޓީތަކުގައި މިހާރު ތިބީ 217 މީހުންނެވެ. އެއީ ރަށްރަށަށް ދަތުރުކުރުމަށް ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 77 މީހަކާއި ކަރަންޓީނު ފެސލިޓީތަކުގައި ތިބި 140 މީހެކެވެ. ކަރަންޓީނު ފެސިލިޓީތަކުން މިއަދު 27 މީހަކު ދޫކޮށްލި އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަކީ މިހާރު 2,217 އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް 1،816 މީހަކު ވަނީ ބަލިން ރަނގަޅުވެ ދޫކޮށްލައިފަ އެވެ. އެހެންވެ ބަލިމީހުންގެ އަދަދު މިހާރު ހުރީ 391 ގަ އެވެ.