ރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު ހިންގަނީ ގާނޫނުއަސާސީގައި ލިޔެ ފާސްކުރި ގޮތަށް ނޫން ކަމަށާއި އެކަން ކުރަނީ ޖުޑިޝަރީ ހިންގަން އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މާނަކޮށްގެން އުޅޭ ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ރޭ ވިދާޅުވެއްޖެ އެވެ.
މީގެ ތިން މަސް ކުރިން ހުއްޓާލި ސީއެންއެމްގެ ޓީމުން ވީއެފްޕީގެ ނަމުގައި ހިންގާ އޮންލައިން ނޫސް އިފްތިތާހް ކުރުމަށް ސަލްސާ ރޯޔަލްގައި ބޭއްވި ހަފުލާގައި ޒާހިރު ވިދާޅުވީ މިނިވަންކަމާ އެކު ޖުޑޝަރީ ހިންގަން ކަނޑައެޅި ގޮތް ދޫކޮށްލައި މާނަކޮށްގެން ކަންކަން ކުރަމުންދާތީ ޖުޑިޝަރީ ދެން އިސްލާހު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
"ވަރަށް ކެރިގެން އަޅުގަނޑު މި ދަންނަވަނީ، އޭގައި [ގާނޫނުއަސާސީ އެކުލަވާލުމުގައި] ފެށުނީއްސުރެ ނިމެންދެން ހުރި މީހެއް އަޅުގަނޑަކީ. ކެނެޑާގެ އެކްސްޕާޓް އަޅުގަނޑުމެންނަށް ލަފާ ދިނީ ހިންގުމުގެ ދާއިރާގައި އެއްގޮތަކަށް ވެސް ފަނޑިޔާރުން ބައިވެރި ނުކުރާށޭ. އެގޮތަށް ވެއްޖިއްޔާ ވަރަށް ނުބައި މައްސަލަތަކެއް ނިކުމެދާނެއޭ،" ޒާހިރު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި މިހާރު ނިކުމެގެން އުޅެނީ، އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލަތަކެވެ.
ގާނޫނުއަސާސީގައި ޖޭއެސްސީ އެކުލަވާލަން ކަނޑައެޅީ ވަރަށް ރަނގަޅަށް ކަން ފާހަގަކުރައްވައި ވިދާޅުވީ އެއަށް ވުރެ ފުރިހަމަކޮށް ކޮމިޝަން އެކުލަވައެއް ނުލެވޭނެ ކަމަށެވެ. ޖޭއެސްސީ އެކުލަވާލާފައިވާ ގޮތާ މެދު ފާޑުކިޔަސް، ހަގީގީ މައްސަލައަކީ ޖޭއެސްސީ ހިންގަމުންދާ ގޮތް ކަމަށް ވިދާޅުވި އެވެ.
"ވާހަކަ އަކީ ކިތަންމެ ރަނގަޅަށް ލިއުމުން އެއްޗެއް އޮތަސް އެ ލިއުމާ އެއްގޮތަށް ނުހިންގޭ ކަމަށް ވަންޏާ ރައްޔިތުންނަށް ވެސް އެއިން ކުރާނެ ވަކި ފައިދާއެއް ނޯންނާނެ،" ޒާހިރު ވިދާޅުވި އެވެ.
ރާއްޖޭގެ ޖުޑިޝަރީ ރަނގަޅު ކުރަން ކޮމަންވެލްތުން މަންދޫބެއް ކަނޑައަޅަން އުޅުނު ކަން ފާހަގަ ކުރައްވައި ވިދާޅުވީ އެގޮތަށް މަންދޫބެއް ކަނޑައަޅައިގެން ނެރޭ ރިޕޯޓަކުން ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ނުވާނެ ކަމަށެވެ. އެއީ، ޒާހިރު ސިފަ ކުރެއްވި ގޮތުގައި، އެ އަށް ވުރެ ޖުޑިޝަރީގެ ހާލަތު ގޯސްވެފައި އޮތުމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ ސަރުކާރަށެވެ.
ދިވެހި ރައްޔިތުން ޝަރުއީ ދާއިރާގެ މިނިވަންކަން ބޭނުން ވަނީ އިންސާފު ހޯދުމުގެ ހުރިހާ ދޮރުތައް ބަންދުވަމުން ދާން އޮތް ތަނަކީ ޝަރުއީ ދާއިރާ ކަމަށް ވާތީ ކަން ވެސް ޒާހިރު ފާހަގަކުރެއްވި އެވެ.
"ރަނގަޅު ވާހަކައެއް އުއްތަމަ ފަނޑިޔާރު، ނުވަތަ ފަނޑިޔާރުންގެ އިސް ބޭފުޅުން އެބަ ވިދާޅުވޭ ވަރަށް ފުރިހަމަ ޖުޑިޝަރީއެކޭ. ސަރުކާރުން ވެސް އެބައޮތް ވިދާޅުވެފަ ވަރަށް ފުރިހަމަ ޖުޑިޝަރީއެއް ކަމަށް. އެކަމަށް އެއްބަސްވަން. އެކަމަކު އެހެން ބުނަންވީ އެ ބޭފުޅުންތޯ؟ އަޅުގަނޑުމެން ނޫންތޯ އެހެން ބުނަންވީ. މިސާލަކަށް ބޭރުގެ، ޖުޑިޝަރީ ކަންކަން ބަލާ ޖަމާއަތަކުން ބުނަންވީ ޖުޑިޝަރީ ވަރަށް ފުރިހަމައޭ. ނުވަތަ ރައްޔިތުން ބުނަންވީ ރާއްޖޭގެ ޖުޑިޝަރީ ވަރަށް ފުރިހަމައޭ،" ޒާހިރު ވިދާޅުވި އެވެ.
އެކަމަކު ރާއްޖޭގައި ކަން ހިނގަނީ އެގޮތަށް ނޫން އޭނާ ކަމަށް ވިދާޅުވި އެވެ. ޒާހިރު ވިދާޅުވީ ޝަރުއީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތަށް ވަރަށް ހަލުވިކަމާ އެކު ބައެއް މައްސަލަތައް ނިންމާތަން ފެންނަ ކަމަށެވެ.
"ދާދި ފަހުން ވެސް ފެނިގެން ދިޔަ އަވަހަށް އެ ބޭފުޅުން ނިންމެވި ޝަރީއަތެއް. ބަންދު ދުވަހެއް އައިސް، ތިން ދުވަހުގެ ތެރޭގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާއި ހުކުމާ އެކު އައިސް އޮތީ. އެ ބޭފުޅުންނަށް ސާބަސް ދެން. ވަރަށް ހަލުވިކޮށް އެ ބޭފުޅުން ކަންތައްތައް ކުރައްވާ،" ޒާހިރު ވިދާޅުވި އެވެ.
އޭނާ އެ އިޝާރާތް ކުރެއްވީ ޕީޕީއެމްގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދާކުރެއްވި ހުރިހާ ޒިންމާތަކަކުން އެކަހެރި ކުރައްވައި ޕާޓީ ހިންގުން މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރި މައްސަލަ އަށެވެ.
ބާރުތައް ވަކިކޮށްފައިވާ ފުރިހަމަ ގާނޫނުއަސާސީއަކުން މިނިވަން މުއައްސަސާތައް މުއްސަނދި ކޮށްފައިވީ ނަމަވެސް ރާއްޖޭގައި މުއައްސަސާތައް މުސްތަގިއްލީ ހަމައެކަނި ނަމެއްގައި ކަމަށް ޒާހިރު ވިދާޅުވި އެވެ.
"މުއައްސަސާތައް މުސްތަގިއްލެއް ނުވި. މުއައްސަސާތައް މުސްތަގިއްލު ގޮތެއްގައި މަސައްކަތް ކުރެއްވުނު ނަމަހީ، ފަތުރުވެރިކަމުގެ ދާއިރާގައި މި ނުކުމެގެން އުޅުނު ހިޔާނާތުގެ މައްސަލައެއް ނުނިކުތީސް،" އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ކޮރަޕްޝަނަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވަމުން ދިޔަ ކަން ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒް ތިލަކުރެއްވުމާ އެކު ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ޒިންމާއަކަށް ވި ނަމަވެސް އެ ފިޔަވަޅު އަޅާފައި ނުވާ ކަން ޒާހިރު ފާހަގަކުރެއްވި އެވެ. އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅުއްވި ކަމަށް ނިޔާޒް ވިދާޅުވެފައިވާއިރު، މަޖިލީހުގެ ދައުރު އަދާކުރައްވާފައިވޭތޯ ޒާހިރު ސުވާލު އުފެއްދެވި އެވެ.
މިނިވަން މުއައްސަސާތައް މިނިވަން ނުވަނީ މަގާމް ގެއްލިދާނެ ކަމުގެ ބިރަށްޓަކައި ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުން ދެއްކެވީ މަޖިލީހުގެ މެމްބަރަކަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައެއް އޭސީސީން ބަލަން އޭނާ އުޅުމުން އެ ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކިކުރައްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވުމެވެ.
ސަރުކާރު ހިންގާ ގޮތުން ރައްޔިތުންނަށް ގެއްލުންތަަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެ ރާއްޖެ ކޮމަންވެލްތުން ވަކިވެ ޑިޕްލޮމެޓިކް ގުޅުންތަކާ އެކަހެރި ގައުމަކަށް މިސްރާބު ޖަހާފައިވާތީ ވެސް ޒާހިރު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުން ފަދަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ނަމަވެސް އޭގެ މާ ކުރިން، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ފަރުދީ މިނިވަންކަމާއި އެއްވެ އުޅުން ފަދަ ޑިމޮކްރަސީއާ ގުޅިފައިވާ ކަންކަން "ގާދޫކޮލުން ބޭރު ކޮށްފައިވާ" ކަމަށް ޒާހިރު ވިދާޅުވި އެވެ.