ކޮވިޑް-19 އާ އެކު، ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ އާމްދަނީ ހުއްޓުނު: ސާވޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ހުރިހާ އާމްދަނީ އެއް މުޅިން ހުއްޓުނު ކަމަށް ސާވޭއަކުން ދައްކައިފި އެވެ.


މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މިދިޔަ މޭ މަހު ކުރި ސާވޭގެ ނަތީޖާ މިއަދު އާންމު ކޮށްފައިވާއިރު، ރާއްޖޭގެ ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ވަޒީފާ ވެސް އަންނަ މަހު ގެއްލޭނެ ކަމަށް އެ ސާވޭ އިން ދައްކަ އެވެ.

ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ 10 މީހެއްގެ ތެރެއިން ތިން މީހުންގެ މުސާރަ ވަނީ ކުޑަކޮށްފަ އެވެ. އެކަމަކު، ކޮންމެ 10 މީހެއްގެ ތެރެއިން ފަސް މީހެއްގެ ވަޒީފާ ސަލާމަތްވި ކަމަށް ސާވޭގައި ބައިވެރިވި މީހުން ބުންޏެވެ.

ކޮވިޑް-19 އާ ހެދި މާލެ ސަރަހައްދު ލޮކްޑައުންކޮށް، ލުއިތައް ދޭން ފެށުމުގެ ކުރިިން ހެދި އެ ސާވޭ އިން ދެއްކި ގޮތުގައި، 44 ޕަސެންޓު މީހުން ތިބެން ޖެހުނީ އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރެވި އެވެ. އެ މުއްދަތުގައި 37 ޕަސެންޓު މީހުން މަސައްކަތް ކުރީ ގޭގައި ތިބެގެންނެވެ. ފުލް ލޮކްޑައުންގެ މުއްދަތުގައި އަށް ޕަސެންޓު މީހުން ހަފުތާއަކު ދޭއް ނުވަތަ ތިން ދުވަހު މަސައްކަތަށް ދިޔަ އިރު، ކޮންމެ ދުވަހަކު މަސައްކަތަށް ބޭރަށް ދިޔައީ 11 ޕަސެންޓު މީހުންނެވެ.

ވިޔަފާރިތަކަަށް ބޮޑު ގެއްލުމެއް

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން މިދިޔަ މާޗް 27 ން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް، ހެދި އެ ސާވޭގައި ބައިވެރިކުރި ކޮންމެ 10 ވިޔަފާރިއެއްގެ ތެރެއިން ހަތަރު ވިޔަފާރިއެެއްގެ މުޅި އާމްދަނީ ހުއްޓުނެވެ. ކޮންމެ 10 ވިޔަފާރިއަކުން ފަސް ވިޔަފާރިއަކަށް ބޮޑު ގެއްލުމަކާ ކުރިމަތިވި އެވެ.

ވިޔަފާރިތަކަށާއި ފަރުދުންނަށް ލިބުނު މި ގެއްލުންތަކާ އެކު 65 ޕަސެންޓު މީހުން ބުނެފައި ވަނީ ހަރަދުގެ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުުމަށް ބޮޑު ހުރަހެއް ކުރިމަތިވި ކަމަށެވެ. ކުޑަކޮށް އަސަރުކުރި ކަމަށް ނުވަތަ އެއްވެސް އަސަރެއް ނުކުރާ ކަމަށް ބުނީ 23 ޕަސެންޓު މީހުންނެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 12 ޕަސެންޓް މީހުން ބުނީ އެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ.

ސާވޭގެ ނަތީޖާ

ކޮވިޑާ ހެދި އިގްތިސާދީ، އިޖުތިމާއީ ގޮތުން ކުރި އަސަރު އަންދާޒާ ކުރަން އޮންލައިންކޮށް ކުރަމުން އަންނަ ސާވޭގެ ފުރަތަމަ ބުރުގެ ނަތީޖާ މިއަދު އާއްމުކުރި އިރު އެސާވޭގައި ބައިވެރިވެރިވެ، އެކި ވަރަށް ޖަވާބުދިން މީހުންގެ އަދަދަކީ 2،871 އެވެ. އޭގެ ތެރެއިން 2،697 މީހަކު ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ.

އެހެން ގައުމުތަކުގައި ވެސް ސާވޭތަކުގައި ބައިވެރިވާ މީހުންގެ އަދަދުތަކާ އަަޅާ ބަލާއިރު މިއީ ރަނގަޅު އަދަދެކެވެ.