ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.


ޖިންސީ ގޯނާގެ މި މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ހައްޔަރު ކުރުމަށް ފަހު، އެ މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލި މައްސަލަ ހޫނުވެ، ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ފިރިމީހާއަށާއި އިތުރު ފިރިހެނަކަށް ތުހުމަތު ކުރެވޭއިރު އެ ދެ މީހުން ހައްޔަރު ނުކުރަނީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ބައެއް މީހުން އަންނަނީ ބުނެ އެވެ.

އެކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަވޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ކުއްލި މައްސަލައިގައި ވަނީ ޖިންސީ ގޯނާގެ ތުހުމަތާ މެދު ފުލުހުން އަމަލު ކޮށްފައިވާ ގޮތުން، ޖިންސީ ގޯނާ ލިބުނު މީހާގެ ހައްގުތަކަށް އުނިކަމެއް އައިސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ތަހުގީގަށް ސިޔާސީ ގޮތުން ބާރުވެރި މީހުންގެ ނުފޫޒު ފޯރުވަމުން ދާ ކަމަށް ބުނެފައިވެ އެވެ.

"މިނިވަންކަމާއެކު މި މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށް ނުބެލެވޭތީ އަދި މިފަދަ ކަންކަން ތަކުރާރުވަމުން އަންނާނީ މިކަމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި އިހުމާލުތަކެއް އޮވެގެން ކަމަށް ވާތީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ފެންނާތީ،" ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް ނަޝީދުގެ ހުށަހެޅުއްވުމުގައި ވެ އެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަން ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަކީ އެ ގަރާރުގެ މަގުސަދު ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހުގީގު ރަނގަޅަށް ކުރިއަށް ނުގެންދިޔަ ކަމަށް ފުލުހުންނަށް ގިނަ ތުހުމަތުތަކެއް ކުރެވޭއިރު އެކަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީތަކުން ވެސް ވަނީ ބަލަން ފަށައިފަ އެވެ.

ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެއްވެސް ނުފޫޒެއް ނެތި ތަހުގީގު ކުރާނެ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.