ބޭރު އަންހެންމީހާގެ މައްސަލަ ފުލުހުން ސީރިއަސްކޮށް ބެލި ކަމަކަށް ނުފެނޭ: ރިޔާޒް

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުން ބަލާފައިވާ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.


މިދިއަ ހުކުރުދުވަހުގެ ފަތިހު ކުރިމަތިވި މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން އުފެދުނީ ފުލުހުންނަށް އަންހެންމީހާ އެ މައްސަލަ ހުށައެޅުމުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހި ދެ ފިރިހެނުން ދޫކޮށްލުމުންނެވެ. އޭގެ ތެރެއިން އެކަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކާ އާއިލީ ގުޅުން އޮންނަ މީހަކަށް ވުމުން، ފުލުހުންގެ ތަހުގީގަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމުގެ ތުހުމަތު ވެސް، އާންމުން ކުރެ އެވެ.

އެކަމަކު ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ނުފޫޒެއް ނެތި އެ މައްސަލަ ބަލާނެ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި 27 އަހަރުގެ އަންހެންމީހާ ދިން ބަޔާނަށް ބަލާ އިރު، 39 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްގެން މައްސަލަ ކުރިއަށް ގެންދަން ޖެހޭ ވަރުގެ ސަބަބެއް ނެތެވެ.

އެކަމަކު ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް "މިހާރު" އަށް ވިދާޅުވީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ކޮންމެ މައްސަލައެއް ވެސް ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވަމުން ފާހަގަކުރެއްވި އެއް ކަމަކީ، އަންހެންމީހާއާ ހަވާލާދީ ދައުރުވާ ބައެއް މައުލޫމާތުތަކުގައި، އެ ދެ މީހުންގެ އަތްދަށުން ސަލާމަތްވާން، މޫދަށް ފުންމާލި ފުންމާލުމެވެ.

މޫދަށް ފުންމާލާނީ މަރުވިޔަސް ހެޔޮ ކަމަށް. ކުޑަ ވަރެއްމވީ ނަމަ އެ ޑިސިޝަނެއް ނުނަގާނެ. އެހެންވީމާ އެއީ ފުލުހުން ރަނގަަޅަށް ބަލަން ވާނެ ކަމެއް -- ރިޔާޒް

ރިޔާޒު ވިދާޅުވީ ބަޔަކު ޖިންސީ ގޯނާކުރަން ފެށުމުން އަންހެނަކު މޫދަށް ފުންމާލިއްޔޭ ބުނެފި ނަމަ އެ ހިސާބުން ވެސް މައްސަލަ ސީރިއަސްވާ ކަމަށެވެ.

"މޫދަށް ފުންމާލާނީ މަރުވިޔަސް ހެޔޮ ކަމަށް. ކުޑަ ވަރެއް ވީ ނަމަ އެ ޑިސިޝަނެއް ނުނަގާނެ. އެހެންވީމާ އެއީ ފުލުހުން ރަނގަޅަށް ބަލަން ވާނެ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީކުރަން ސަފާރީއަކަށް ގޮސް އުޅުނު ބައެއް ނަމަ އެ މީހުން މަސްތުވާ އެއްޗެއް ބޭނުންކޮށްފައި ހުރިތޯ ބެލުން ވެސް ރަނގަޅު ކަމަށެވެ.

ފުލުހުން މި މައްސަލައިގެެ ތެރެއަށް ވަދެފައި ވަނީ ވެސް އެކަން ބަޔަކު ހުށައަޅައިގެން ނޫންކަން، ބަޔާނުން އެނގެ އެވެ. ފަތިހު 5:00 ހާއިރު، ހުޅުމާލޭ ލަކުޑި ޖެޓީގައި، ދެ ފިރިހެނަކާއި އެ އަންހެން މީހާ ތިއްބާ ފުލުހުންނަށް އެތަނަށް ދެވުނީ އެވެ. ސަފާރީގައި ގަދަކަމުން ޖިންސީ ގޯނާ ކުރަން ފެށުމުން، މޫދަށް ފުންމާލީ ކަމަށް، ފުލުހުން ކައިރީ އެ އަންހެންމީހާ ބުންޏެވެ. އޭނާ ޖެޓީއަށް ގެނެސްދިނީ، އެ ދެ މީހުން، ސަފާރީގެ ޑިންގީގަ އެވެ.

ފުލުހުންނަށް އެ ތަނަށް ދެވުނީ، ޑިންގީގައި ގެނެސް ފާލަން މައްޗަށް ފައިބައިގެން ތިއްބާ ކަމަށް، ބަޔާނުން އެނގެ އެވެ.

ރިޔާޒް ވިދާޅުވީ ކުށަކަށް ތުހުމަތުކުރެވޭ މީހަކު ކޯޓު އަމުރެއް ނެތި ފުލުހުންގެ ބެލުމުގެ ދަށުގައި އެއް ދުވަސް ބެހެއްޓުމުގެ ހުއްދަ އޮންނަ އިރު، ޖިންސީ ގޯނާގެ މައްސަލައެއްގައި އެހާ އަވަހަށް ދޫކޮށްލީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

"ޖިންސީ ގޯނާގެ މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު އެހާ އަވަހަށް ދޫކޮށްލީމާ އަސްލު އެ މައްސަލަ ބަލަން ވާހާ ސީރިއަސްކޮށް، ބަލަން ޖެހޭ ވަރަށް ބެލުނު ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ބަންދުގައި ބަހައްޓަން އާންމުކޮށް ކޯޓަށް ގެންދާނެ އެވެ. އެކަމަކު އެކި މައްސަލަތަކުގައި އަމަލުކުރާނީ އެކި ގޮތަށް ކަމަށާއި ގޮތް ނިންމޭނީ މައްސަލައިގެ ހާލަތަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގައި މުޅިން ކަހަލަ ގޮތަކަށް އޮތީ، ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ކެންޔާގެ އެ އަންހެންމީހާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެކަމަކު އަވަހަށް އެ ދެ މީހުން ދޫކޮށްލުމުގެ މައްސަލައާ މެދު ވާހަކަ ދެއްކުމެވެ. ކޮމިޓީތަކުގައި ވެސް އެ މައުލޫއު އެވެ.