ކޮވިޑް-19: ތިން މީހެއްގެ ހާލު ސީރިއަސްވެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ތިން މީހެއްގެ ހާލު ބޮޑުވެ އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް މިއަދު ބަދަލުކޮށްފި އެވެ.


އެޗްޕީއޭ އިން ބުނިގޮތުގައި އެ ތިން މީހުންގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރު ގުޅައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވީ 2.324 މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ރަނގަޅުވެފައި ވާއިރު އަށް މީހަކު ވަނީ މަރުވެފަ އެވެ. މަރުވި އަށް މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ ފަސް މީހެކެވެ.

ރާއްޖޭގައި މިހާރު ތިބި ޕޮޒިޓިވް މީހުންގެ އަދަދަކީ 400 އެވެ.

މާލޭގައި އާންމުންގެ ތެރޭ ކޮވިޑް-19 ފެތުރޭކަން އެނގުނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކޮށް އަންނަ މަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ވެސް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

ލޮކްޑައުން އަށް ލުއިދޭން ފެށީ ބަލި ޖެހޭ މިންވަރު ކޮންޓްރޯލްކުރެވި ބަލި މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ވެސް ހަމަޖެހި ފުރިހަމަ އަށް އެކަމަށް ތައްޔާރު ވެވުމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.