މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ހާމަނުކުރާ ގޮތަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހާ އެއްގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ނިންމައި، އާއްމު ކޮމިޓީން އެކުލަވައިލި ރިޕޯޓު ތަޅުމުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ރިޕޯޓު މަޖިލީހުން ފާސްކުރީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ހުށަހެޅުއްވި އިސްލާހަކާ އެކުގަ އެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެމްބަރުންނާއި މެމްބަރުންގެ ފިރިން/އަނބިން ނުވަތަ ފިރިންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ވެސް މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެ އެވެ.

ރިޕޯޓަށް ހަސަން ހުށަހެޅުއްވި އިސްލާހުގައި އޮތީ މެމްބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ އަމީން އާއްމަށް ހުށަހަޅާތާ ހަފުތާއެއްގެ ތެރޭގައި ބަޔާންތަކުގެ ކޮޕީ އޮޑިޓަ ޖެނެރަލަށް ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދަށް އަކުރެއް އިތުރުކުރުމަށެވެ.

ޑރ.ޝަހީދުގެ ޓްވީޓް

ގަވައިދު އެގޮތަށް ބަދަލުކުރަން އާއްމު ކޮމިޓީން ނިންމުމުގެ ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އޮޑިޓަ ޖެނެރަލްގެ ލަފާ ހޯދި އެވެ. ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ މުއައްސަސާތަކުން ވެސް ލަފާ ދިނީ އަނބިން/ފިރިންން އަދި ދަރިންގެ މާލީ ބަޔާން އާންމު ކުރުން ރަނގަޅު ނޫން ކަމަށެވެ.

އެކަމުގައި އޭސީސީން ލަފާ ދިނީ މެމްބަރުންގެ 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހާމަކުރުން ރަނގަޅު ނޫން ކަމަށެވެ.

އެކަމަކު މިއީ ބައެއް މީހުންގެ ހިޔާލު ވަރަށް ބޮޑަށް ތަފާތު މައްސަލައެކެވެ. ބައެއް މީހުންގެ ނަޒަރުގައި ރައްޔިތުންގެ މަޖިލިހުގައި ހިންގާ ހިޔާނާތުގެ އަމަލްތައް ފޮރުވަން ވެސް ލިބޭނެ ފުރުސަތެކެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި މިހާރު އދ. ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރެއްގެ ވިޔަފާރީގެ ހިއްސާ އަނބިދަރިންނަށް ބަދަލުކޮށްލާ ހިސާބުން މެމްބަރުގެ މަސްލަހަތު ނޯންނާނެ ކަމަށް ދުށުމަކީ "ޚިޔާލީ ކަމެއް" ކަމަށެވެ. ގަަވައިދަށް ގެންނަ އެ ބަދަލަކީ ދަށު ދަރަޖައިގެ ކަމެއް ނޫންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.