މުސާރަ ނުދޭ ކަމަށް ބުނެ ބޮޑުފިނޮޅުގެ މުވައްޒަފުން ހަމަނުޖެހުން ހިންގައިފި

ބ. ތުޅާދޫ ފަޅުތެރޭގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކަކާއި ފުލުހުންނާ ދެމެދު މިއަދު ކުރިމަތިލުން ހިނގައި ބައެއް މީހުންނަށާއި ފުލުހުންނަށް އަނިޔާވެއްޖެ އެވެ.


ބޮޑުފިނޮޅުގައި ހަދަމުން އަންނަ މި ރިސޯޓުގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގީ، އެ މީހުންނަށް ހަ މަސް ދުވަހުގެ މުސާރަ ނުދިނުމުން ކަމަށް ވެ އެވެ. މި މައްސަލައިގައި އެ ރަށުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން، އެ ރަށުން ފޭބިޔަ ނުދީ ވެސް ހިފަހައްޓާފައި ވެ އެވެ. އެ ރަށް ރިސޯޓަކަށް ހެދުމުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނަނީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏަކުންނެވެ.

އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ބައެއް ފުލުހުންނަށް އަނިޔާވެ، ތުޅާދޫ ސިއްހީ މަރުކަޒުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެ އެވެ.

އެ ރިސޯޓު ހެދުމުގައި 400 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތްކުރެ އެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންނެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދު ހުއްޓުމުން އެންމެ އަސަރު ކުރި ދެ ދާއިރާ އަކީ ކޮންސްޓްރަކްޝަން މަސައްކަތްތެރިންނާއި ރިސޯޓު މަސައްކަތްތެރިންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު ލޮކްޑައުންކުރުމުން ގިނަ ބިދޭސީންގެ ވަޒީފާ ގެއްލުނެވެ.

އެކި އެކި ކަންކަމާ ގުޅިގެން ބިދޭސީން އަންނަނީ ހިތްހަމަނުޖެހުން ފާޅުކޮށް، މުޒާހަރާކުރަމުންނެވެ. މިދިޔަ މަހު ކުރީ ކޮޅު އައިމާ ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް ވަނީ، އެ މީހުންނާ މެދު ކަންތައް ކުރަމުން އައި ގޮތާ މެދު ހިތްހަމަނުޖެހިގެން، އެ މީހުން ބައިތިއްބާފައި ހުރި ކ. ތިލަފުށީގައި މުޒާހަރާކޮށްފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން މި މައްސަލަ ރަނގަޅަށް ނުބެލެނީސް، ގިނަ މުވައްޒަފުންތަކެއް އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމުން، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.