ބޮޑުފިނޮޅުގައި ބިދޭސީން ފުލުހުންނަށް ހަމަލާދޭ ބިރުވެރި މަންޒަރެއް

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންްނަ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި 13 ދިވެއްސަކު ރަހީނު ކުރުމުން އެ ތަނަށް ފުރަތަމަ ދިޔަ ފުލުހުންނަށް ބިދޭސީން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެެއް "މިހާރު"އަށް ލިބިއްޖެ އެވެ.


ބޮޑުފިނޮޅުގެ ބަނދަރު ކައިރީގައި ހުރެ ނަގާފައިވާ ކަމަށް ބެލެވޭ އެ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަވަރެއްގެ ލޯންޗެއްގައި ފުލުހުން ތޮށިގަނޑާ ގާތްކުރަން އައި އިރު ގިނަ އަދަދެއްގެ ބިދޭސީން ތިބީ ލަޓިބުރިބުރި އާއި ގަލާއި ދަގަނޑުބުރި ފަދަ ތަކެތި ހިފައިގެން ރުޅިވެރިކަމުގަ އެވެ. އެ މީހުން ތިބީ ބޮޑު ކުރިމަތިލުމަކަށް ތައްޔާރުވެގެން ކަން އެ މީހުންގެ ހަރަކާތްތަކުން އެނގެ އެވެ.

ފުލުހުންގެ ލޯންޗު ގާތްކޮށްލުމާ އެކު އެ މީހުންގެ އަތުގައި ހުރި ތަކެތި އެންމެން އެއްފަހަރާ އުކަން ފަށަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ލޯންޗްގެ ދިރުނބާކޮޅުން އެތެރެއަށް ވެސް ބިދޭސީންގެ ބައެއް ހަމަލާތައް އެރި އެވެ.

ފުލުހުން ރަށަށް އެރިޔަ ނުދޭން ހަމަލާދިން އިރު، ބޮޑު ފިނޮޅަށް ދިޔަ ބައެއް ފުލުހުންނަށް އަނިޔާވެގެން ފަރުވާ ދޭން ޖެހުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނެވެ. އެމީހުން ހަމަނުޖެހުމަކަށް ދިޔައީ މުސާރަ ނުދީ، އެ ރަށުން ފޭބިޔަވެސްް ނުދީ ތިބޭތާ އެތައް މަހެއް ވީ ފަހުންކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުން ރޭ ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އެކަމުގެ ޒިންމާ އެކުންފުނިން އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގަ އެވެ. މީހުންނަށް މުސާރަ ނުދެވުނީ ސީލް އިން ޕޭމަންޓްތައް ނުދީގެން ކަމަށް އެގޮތުން ބުންޏެވެ.

އެކަމަކު ސީލް މޯލްޑިވްގެ ވަކީލުން މިއަދު ބުނީ އެއީ ދޮގެއް ކަަމަށާއި ރިޒް މޯލްޑިވްސް އަށް ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ވެސް ފައިސާ ދީފައިވާ ކަމަށެވެ.