އޯޓިޒަމް ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރު ކުރި ޅިޔަނު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އުމުރުން 15 އަހަރުގެ އޯޓިޒަމް ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި އެ ކުއްޖާގެ ޅިޔަނު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފި އެވެ.


އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައިވަނީ ފ. ފީއަލީ، ފީރޯޒްގެ، އިބްރާހިމް ޝާފިއު، 37، އެވެ. އެއީ، "މިހާރު"އަށް ކަށަވަރުވެފައިވާ ގޮތުގައި ބަނޑުބޮޑުވި ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިމީހާ އެވެ.

މެދު ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ އެ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރު ކަންތައް ނުޖެހި 3-4 މަސް ވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އާއިލާގެ އެދުމުގެ މަތިން މިދިޔަ އަންގާރަ ދުވަހު ޓެސްޓް ހަދައި ބެލިއިރު އެ ކުއްޖާގެ ބަނޑަށް ތިން މަހެވެ.

ފުލުހުން ބުނީ އިބްރާހިމް ޝާފިއުގެ މައްޗަށް ތުހުމަތު ކުރެވެނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި ކަމަށެވެ. އޭނާ ދޫކޮށްލައިފި ނަމަ މި މައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒުފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމަ އަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި މައްސަލައިގެ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ އާއިލާ އިން "މިހާރު" އަށް ރޭ ވާހަކަދެއްކި މީހަކު ބުނީ، އެ ކުއްޖާއަކީ އޯޓިޒަމްގެ މައްސަލަތައް ވަރަށް ބޮޑަށް ހުންނަ ކުއްޖެއް ކަމަށެވެ. ވާހަކަ ދެއްކުމުގައި ވެސް ވަރަށް އުނދަގޫ ގޮތެއް ހުންނަ ކަމަށާއި ބައެއް އަކުރުތައް ވެސް ރަނގަޅަށް ނުކިޔޭނެ ކަމަށް ބުންޏެވެ.

ގްރޭޑު ހަތެއްގައި ކިޔަވަމުން އަންނަ ކުއްޖާ، 2018 ވަނަ އަހަރު ނަފްސާނީ ބަލީގެ ޑޮކްޓަރަށް ދެއްކުމުން އޭރު އެނގުނު ގޮތުގައި ވާހަކަ ދެއްކުމުގައި އޭނާގެ ހުންނަނީ 10 އަހަރުގެ ކުއްޖެއްގެ ގާބިލްކަމެވެ. ކަންކަން ކުރުމުގެ ގާބިލްކަން ހުންނަނީ ދެ އަހަރާއި ދެ އަހަރާ ބައިގެ ކުދިންގެ ސިކުނޑިއެއް ކަމަށް، އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ވެސް އުޅުނީ، އެ އަންހެން ކުއްޖާއާ އެއް ގެއެއްގަ އެވެ. އެ ފިރިހެން މީހާއާ އެކު ބޭރަށް ވެސް ނުކުމެލާ ކަމަށާއި އެކަމަކު ޖިންސީ ގޯނާގެ ޝައްކެއް އޭރު އެއް ވެސް ގޮތަކަށް ނުކުރެވޭ ކަމަށް ބުންޏެވެ.

އަންހެން ކުއްޖާގެ މަންމަ އަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އެހެންވެ އޭނާގެ ކަންތައްތައް ބަލަހައްޓަމުން އައީ، ރޭޕްގެ ތުހުމަތުކުރާ މީހާގެ އަންހެނުންނެވެ. ޑޮކްޓަރަށް ދެއްކުމާއި ސްކޫލުގެ ކަންތައްތައް ވެސް ބެލެހެއްޓީ އޭނާ އެވެ. އެކަމަކު ކުއްޖާ އަށް ގިނަ ފަހަރަށް ކާން ދެނީ އަދި ނިދަނީ ވެސް މަންމައާ އެކުގަ އެވެ.

ފުލުހުން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ވެސް ހިމެނޭ ގޮތަށް ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް، މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށް ވެސް ފުލުހުން އެދެ އެވެ.

މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު، 3000600 އަށް، ނުވަތަ ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުއްވުމަށް ވެސް ފުލުހުން އެދެ އެވެ.