ޕީޕީއެމް/ޕީއެންސީން މަޖިލިސް ބޮއިކޮޓް ދޫކޮށްލައިފި

އެންމެ ފަހުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ތަޅުމުން ނެރެން ކުރި މަސައްކަތުގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ޝިޔާމަށް އަނިޔާކުރި ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޖިލީސް ބޮއިކޮޓްގެން ތިބުމަށް ފަހު މާދަމާ އިން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ނިންމައިފި އެވެ.


އެ ކޯލިޝަންގެ ޕީޖީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހަށް ހާޒިރު ނުވާން ނިންމައިގެން ތިބީ މަޖިލީހުގައި ރައްކާތެރިކަން ނެތުމުން ކަމަށާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިފައި ވިޔަސް އެކަމަށް ދެއްވީ ބީރުކަންފަތެއް ކަމަށެވެ.

މަޖިލީހުގެ 87 މެންބަރުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ މެންބަރުންގެ އަދަދަކީ 9 އެވެ. އެއީ ޕީޕީއެމްގެ ހަ މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުންނެވެ.

"ރައްޔިތުންގެ ހައްގުގައި އަޑު އުފުލަންޖެހޭ ގިނަ މައްސަލަތަކެއް ކުރިމަތިވެފައި ވީހިނދު، މި ކޯލިޝަންގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަން ނެތް ނަމަވެސް މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕުން ނިންމާފައިވާ ވާހަކަ ދެންނެވީމެވެ." ބަޔާނުގައިވެ އެވެ.

މަޖިލީހުގެ ރައީސަކީ ހުދުމުހުތާރު ބޭފުޅެއް ކަމަށް ސިފަކުރަމުން ބަޔާނުގައި ބުނެފައިވަނީ މަޖިލީސް ހިންގަވަނީ ނަޝީދަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަމަށެވެ.

ޝިޔާމަށް އަނިޔާކުރި ކަމުގެ މައްސަލަ ފުލުސް އޮފީހުގެ އިތުރުން އިންޓަ ޕާލިމެންޓްރީ ޔޫނިއަން ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ ޔުނިއަން އިން މައްސަލަ ބަލައިގެންފައި ވާއިރު މިރޭގެ ބަޔާނުގައި ބުނެފައި ވަނީ ފުލުހުން ވެސް މައްސަލަ ބަލަމުން އަންނަ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ މައްސަލަ ބަލައި އަވަހަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.