ފިއްތުންތައް އަންނަ ނަމަ މަގާމުގައި ނުހުންނާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި: އަދުރޭ

ފިއްތުންތައް ކުރިމަތިވެ ޒިންމާ އަދާނުކުރެވޭ ހާލަތަކަށް ހިނގައްޖެ ނަމަ މަގާމުގައި ނުހުންނަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވި ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުންތަކާއެކު ޕީޖީއާ މިއަދު ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ޝަމީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޝަމީމް ވަގުތު ދެއްވި ކަމަށާއި ސަރުކާރުގެ ގިނަ އިދާރާތަކާ ހިލާފަށް އޭނާގެ ފަރާތުން ފެނުނީ ވަރަށް ޒިންމާދާރު ސިފަތަކެއް ކަމަށެވެ. އެހެންވެ، އަދުރޭގެ ޝުކުރު ޝަމީމަށް ޚާއްސަ ކުރެއްވި އެވެ.

ޕީޖީ އޮފީހަށް ފޮނުވާތާ 1-2 ދުވަސް ތެރޭގައި ބައެއް މައްސަލަތަކުގައި ދައުވާ ކުރަން ކޯޓަށް ހުށަހަޅާ ތަން ފެންނާތީ، އެހެންވެ އެއީ ކިހިނެއްވާ ކަމެއްތޯ އަދުރޭ ސުވާލު އުފެއްދެވި އެވެ. އެކަމުގައި އެއްވެސް ފަރާތެއްގެ ޕްރެޝަރެއް އެބައޮތްތޯ ސުވާލު ކުރެއްވުމުން، ޝަމީމް ދެއްވި ޖަވާބު ބަލައިގަންނަ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"...އޭގައި ޕީޖީ ވިދާޅުވީ އެއީ ތަނުގެ ސިސްޓަމަށް ގެނެސްފައި އޮތް ބަދަލެއްގެ ސަބަބުން، މި ތާނގައި ތިން ދުވަހަށް ވުރެ ގިނަ ދުވަހެއް ނުވާނެއޭ މި ތަނަށް މައްސަލަ ވަދެފައި،" ވެލާނާގެ ކައިރީގައި ހުންނަވައި އަދުރޭ ވިދާޅުވި އެވެ.

"އޭގެ ތެރެއިން ތިމަންނައަށް އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތޭ. ދެން އެފަދަ ޕްރެޝަރެއް އައިސްގެން ތިމަންނަ އަށް ތިމަންނަގެ ޒިންމާ އަދާނުކުރެވޭ ހާލަތަކަށް ހިނގައްޖެއްޔާ ތިމަންނަ މިތާކު ނުހުންނާނަމޭ. ތިމަންނަ ކުރާނެ ކަމެއް ނެތިގެންނެއް ނޫނޭ މި އުޅެނީ. އެއީ އަޅުގަނޑުމެން ވަރަށް ބަލައިގެން ކަމެއް."

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ފިއްތުންތަކެއް އަތުވެއްޖެ ނަމަ އެއަށް ނޫނެކޭ ވިދާޅުވުމުގެ ވިސްނުން ޝަމީމްގެ ކިބައިގައި ހުރުމަކީ، އިދިކޮޅު ފަރާތްތަކަށް ލިބޭ ހިތްހަމަޖެހުމެކެވެ.

"އެ ދުވަހަކަށް އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ. އެއީ މި ސަރުކާރުން ޕްރެޝާ ނުކޮށް ނޯންނާނެ،" އަދުރޭ ވިދާޅުވި އެވެ.

މެދުކެނޑުމަކަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު އަޑުއެހުން މާދަމާ އަށް ތާވަލު ކޮށްފައިވާއިރު، އިދިކޮޅު ކޯލިޝަނުން ވަނީ ޔާމީނާ ދެކޮޅަށް ކުރާ ދައުވާތަކާއި ދެމުންދާ އަނިޔާތަކާ ގުޅިގެން ކަންބޮޑުވުންތައް ޕީޖީގެ އަރިހުގައި ފާޅުކުރައްވައިފަ އެވެ.

މަނީ ލޯންޑަރިންގެ ކުށެއް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި މިހާރު ވެސް ހުންނެވި ޔާމީނަށް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވެސް ޕީޖީން އިތުރު ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ.

އެއީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ.

ޔާމީންގެ މައްސަލައިގެ އިތުރުން، އެ ބޭފުޅުންގެ އަނެއް ކަންބޮޑުވުމުގެ ގޮތުގައި ހިއްސާކުރެއްވީ، އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓު ތައްޔާރުކުރި މީހުންނާ ދެކޮޅަށް މިހާތަނަށް ފިޔަވަޅެއް ނޭޅުމާއި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ނޭނގުމެވެ.

އެކަންކަމުގެ އިތުރުން ރޭޕާއި ޖިންސީ ގޯނާ އާއި އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކަށް ސަރުކާރުން އަޅާނުލާ ކަމަށް ތުހުމަތުކޮށް އެކަމުގެ ކަންބޮޑުވުންތައް ޕީޖީ އަށް ހުށަހެޅުއްވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ޕީޖީއަށް ގާނޫނުގެ ތެރެއިން ލިބޭ އިހުތިޔާރު ބޭނުންކުރައްވައިގެން މި ކަންކަމުގައި އަމަލީގޮތުން މަސައްކަތް ކޮށްދެއްވުމަށް ކޯލިޝަންގެ ފަރާތުން ދެންނެވިން،" އަދުރޭ ވިދާޅުވި އެވެ.

ޕީޖީ ޝަމީމްއާ ބައްދަލުކުރެއްވުމަށްފަހު ޕީއެންސީގެ ރައީސް އަދުރޭ ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ ކޯލިޝަން

އޭނާ ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން ޔާމީނަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ސާބިތުވެ ހުކުމް ކުރިއިރު އެސްއޯއެފަށް ދައުވާ ނުކުރީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ. އެއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ވަންޏާ އެ ފައިސާ ފުރަތަމަ ވަދެފައި ހުންނާނީ އެ ކުންފުންޏަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ އެއީ ވެސް ގޯހެއް ނޫން ހެއްޔޭ؟ މިއަދު އެނގިގެން ދިޔައީ އެސްއޯއެފްގެ ތަހުގީގު ވެސް ހިނގަމުންދާކަން،" އަދުރޭ ވިދާޅުވި އެވެ.

ސަރުކާރުގެ ބޭނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދުގެ މުށުތެރެއަށް ހުރިހާ ބާރުތަކެއް ލައިގެން ކަންކަން ކުރުން ކަމަށާއި އެހެންވެ ތަޖުރިބާކޮށްލަން ލިބޭ ފުރުސަތަކަށް ވާނީ ޝަމީމަށް ފިއްތުންތައް ކުރިމަތިކުރުވާ ދުވަސް ކަމަށް އަދުރޭ ވިދާޅުވި އެވެ.