ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް އަންނަ ބުދަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލާގެ އަޑުއެހުމެއް މިދިޔަ މާޗް މަހު ވެސް ބޭއްވި އެވެ. އަދި މާޗް މަހުގެ 22 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވަން ހަމަޖައްސާފައި ވަނިކޮށް ކޮވިޑް-19 ގެ ސަބަބުން ސަރުކާރު ބަންދު ކުރުމާ އެކު، ފަހުން އަޑުއެހުމެއް ނުބާއްވަ އެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ބާއްވަނީ އާންމު އުސޫލުން ކޯޓަށް ހާޒިރުވެގެންނެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ހައި ކޯޓުން ބައެއް ޝަރީއަތްތައް އޮޮންލައިންކޮށް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އެ މުއްދަތުގައި ހައި ކޯޓުން ކުރިއަށް ގެންދިޔައީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި އަވަހަށް ކުރިއަށް ގެންދަންޖެހޭ މައްސަލަތަކުގައި ހުކުމް ކުރުމާ ހިސާބުގައި ހުރި މައްސަލަތައް އެކަންޏެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތް ލަސްވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މައްސަލާގައި ހައި ކޯޓުގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން ވެސް އިދިކޮޅު ކޯލިޝަނުން މަސައްކަތްކުރި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ދާދިފަހުން ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.