ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަކުރި މައްސަލަ ހައި ކޯޓުން ބަލައިގެެންފި

ލޯކަލް ކައުންސިލްތަކުގެ 33 ޕަަސެންޓު އަންހެނުންނަށް ޚާއްސަކުރަން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.


ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން، ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ޚާއްސަ ކުރަންޖެހޭތީ ކައުންސިލް އިންތިޚާބުގައި މަދުވެގެން 380 އަންހެނުން އިންތިޚާބު ކުރަންޖެހެ އެވެ. އެފަދަ ދާއިރާތަކަށް ފިރިހެނުންނަށް ވާދައެއް ނުކުރެވެ އެވެ. އެހެންވެ، އެ އިސްލާހުު ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރަައީސް މޫސާ އަންވަރެވެ.

އޭނާ އެ މައްސަލަ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެންގީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ. އެހެންވެ، ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަތީ މިދިޔަ މަހު އެވެ.

މޫސާ އަންވަރު ހުށަހެޅި މައްސަލައިގައި ވަނީ، ގާނޫނުއަސަސީ އިސްލާހު ނުކޮށް އާންމު ގާނޫނަކުން، އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ނިގުޅައިނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ ކުރިން ދުސްތޫރީ ބައެއް މައްސަލަތައް މޫސާ އަންވަރު ކޯޓަށް ހުށަހަޅައި، އެފަދަ ބައެއް މައްސަލަތައް ކާމިޔާބު ވެސް ކުރި އެވެ. އެގޮތުން އެންމެ ފުރަތަމަ 2010 ވަނަ އަހަރު ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައިއިރު، ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވޯޓުލާ ނަމަ، އެ ވޯޓެއް ބާތިލްވާ ގޮތަށް ގާނޫނުގައި އޮތް އޮތުން ސުޕްރީމް ކޯޓުން ބާތިލްކުރީ އޭނާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކައުންސިލްތަކުގެ އިންތިޚާބު މިދިޔަ އޭޕްރީލް މަހު ބާއްވަން ނިންމުމަށް ފަހުން ކޮވިޑް-19 އާ ގުޅިގެން އިންތިޚާބު ވަނީ އެއް އަހަރަށް ފަސްކޮށްފަ އެވެ. އެހެންވެ، އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.