އީވާގެ ބަހުގެ ވަރުގަދަ ހަމަލާތަކެއް ޑރ. އިޔާޒަށް

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، އިސްލާމްދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރައްވާ ކަމަށް ތުހުމަތު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އޭނާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް މިއަދު ދެެއްވައިފި އެވެ.


ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި އީވާ ވިދާޅުވީ ޑރ. އިޔާޒް ދައްކަވާ ވާހަކަތަކަކީ އިސްލާމްދީނަށް "ހުތުރުއެރުވުން" ކަމަށެވެ. ޖިންސީ ކުށްތައް މަދުކުރަން އިސްލާމީ އުސޫލުން ހެދުން އެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ޑރ. އިޔާޒް ކުރެއްވި ޓްވީޓަކާ މެދު ނުރުހުން ފާޅުކުރައްވަމުން އީވާ ވިދާޅުވީ އެއީ "ވަރަށް މުޑުދާރު ވާހަކައެއް" ކަމަށެވެ.

"ޑރ. މުހައްމަދު އިޔާޒް ޓްވިޓާ ހޭންޑުލްގައި ޖަހާލައިފައި، ޓީވީއަށް އަރާ އިނދެ ޝޭހު ކިޔާލާފައި މި ލިޔެލަނީ އަންހެން މީހާ އައުރަ ނިވާވީމާ ޖިންސީ އަނިޔާއެއް ނުހިނގާނޭ. މިހެން މި ލިޔެލަނީ، އިއްޒަތްތެރި ރައީސް، މިއީ މުޑުދާރު ވާހަކައެއް. މިއީ މުޑުދާރު ވާހަކައެއް،" އީވާ ވިދާޅުވި އެވެ.

"އަދި މިބުނަނީ ފާހިޝް ކަންކަމަށް މަގުފަހިވާ ދޮރުތައް ބަންދުކުރަންވީއޭ. އެ ދޮރުތައް ބަންދުކުރަން މި ކުރަން ޖެހޭ ކަމަކީ އަންހެންމީހާ ލާ ހެދުން ބަދަލުކުރަންވީ. އިއްޒަތްތެރި ރައީސް، މިއީ މުޑުދާރު ވާހަކައެއް."

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު އީވާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: މަޖިލިސް

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް ވާހަަކަ ދައްކާ މީހުން އެކުރާ ކަމަކީ އިސްލާމްދީނުގެ ހަގީގީ ދަންނަ ބޭކަލުންނަށް ހުތުރު އެރުވުމެވެ. އަދި ވަރަށް ބޮޑަށް ކޯފާ އިސްކުރައްވަައި އިޔާޒަށް އިންޒާރު ދެއްވަމުން އީވާ ވިދާޅުވީ "އޭނާ އެ ދައްކަވާ ވާހަކަ ހުއްޓުވާނެ" ކަމަށެވެ.

އީވާ ވިދާޅުވީ ޑރ. އިޔާޒުގެ ވާހަކަތަކަކީ އަންހެނުން ފަލީހަތް ކުރުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ލިބިވަޑައިގެންފައިވާ އިމްތިޔާޒްތައް އެކަމާ ދެކޮޅަށް ބޭނުން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޑރ. މުހައްމަދު އިޔާޒަށް ދަންނަވާލަން ބޭނުން ހަބަރުދާރޭ. ހުއްޓާލާށޭ! ފަހަތަށް ޖެހޭށޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަކުރާކަށް ތިޔަ ޓްވިޓާ ހޭންޑުލް ކުރަންޏާ މި މައިކް، ގަލޮޅު އުތުރުން މި މައިކް އަޅުގަނޑުގެ އަތުގައި އޮތް ހާ ހިނދަކު އަޅުގަނޑު މި ދަންނަވަނީ މި މައިކް އަޅުގަނޑު ބޭނުންކުރާނީ ދިވެހި އަންހެނުންގެ ހިމާޔަތުގައި،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖިންސީ ގޯނާ އަކީ އަންހެނުން ހެދުން އަޅާ ގޮތުން ދިމާވާ ކަމެއްގެ ގޮތުގައި ސިފަކުރަން ބައެއް އިލްމުވެރިންގެ އިތުރުން ބައެއް ނޫސްތަކުން ވެސް މަސައްކަތްކުރާ ކަމަށެވެ. އެފަދަ ވާހަކަތައް ތެދު ނަމަ ހަ މަހުގެ ކުދިން ރޭޕްކުރަނީ ކީއްވެތޯ އީވާ ސުވާލުކުރެއްވި އެވެ.