ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް މިއަދު މަރުވީ އައިޖީއެމްއެޗުން ކޮވިޑް ޖެހުނު ލޭގެ ކެންސަރަށް ފަރުވާ ހޯދާ މީހެއް
16 ޖުލައި 2020 - 18:08
ކޮވިޑް-19 ޖެހިގެން ރާއްޖޭން މިއަދު މަރުވި މީހާ އަކީ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އައިޖީއެމްއެޗްގައި ކޮވިޑް-19 ފެތުރުނުކަން އެނގުނީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސްފައި ވަނިކޮށް އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނީޝިއާގެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އޭނާއާ ކޮންޓެކްޓްވި މީހުން ޓެސްޓްކުރުމުންނެވެ. އުމުރުން 39 އަހަރުގެ އެ މީހާ އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހު ކުރީކޮޅު، ކެންސަރު ބަލީގައި ދެވަނަ ސާޖަރީއެއް ހަދަން އެ މީހާ ޓެސްޓްކުރުމުންނެވެ. އެކަމަކު ޓެސްޓުގެ ނަތީޖާ ލިބުނީ އެ މީހާ މަރުވި ފަހުންނެވެ.
އައިޖީއެމްއެޗުގައި ކޮވިޑް ފެތުރުނީ އުސޫލަށް ގެނައި ބަދަލަކުން! https://t.co/lWlkWdwzzr
— Mihaaru (@Mihaarunews) July 5, 2020
މިއަދު މަރުވި 42 އަހަރުގެ ފިރިހެނަކީ އެނގިފައިވާ ގޮތުގައި ލޫކީމިއާ ނުވަތަ ލޭގެ ކެންސަރަށް ފަރުވާ ހޯދަން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މީހެކެވެ. އޭނާ އެޑްމިޓްކޮށްފައި އޮތީ މަރުވި އިންޑޮނީޝިއާ މީހާ ކައިރީގަ އެވެ.
އައިޖިއެމްއެޗްގައި އޮތް އިރު ވެސް ހާލު ބޮޑު މި މީހާ އަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދި މީހެއް ނަމަވެސް ބަލާފައި ވަނީ ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ގޮތުގަ އެވެ.
ކޮވިޑް-19 ޖެހިގެން 42 އަހަރުގެ ދިވެއްސެއް މަރުވެއްޖެ https://t.co/LzOpiU03bd
— Mihaaru (@Mihaarunews) July 16, 2020
މި މަރާ އެކު، އައިޖީއެމްއެޗުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ތިނަކަށް އެރީ އެވެ. އަދި މިއީ ރާއްޖޭން މި ބަލީގައި މަރުވި 15 ވަނަ މީހާ އެވެ. އޭނާ މަރުވީ ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދޭން ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރު ފަހު 12:25 ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭގެ ޑޭޝްބޯޑުގައިވާ ގޮތުން އައިޖީއެމްއެޗް ކްލަސްޓާގައި 23 މީހަކު މިހާރު އެބަ ތިއްބެވެ. އައިޖީއެމްއެޗުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރަކާއި ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންނާއި އެ މީހުންނާ ކޮންޓެކްޓުވި އާއިލާގެ މީހުން ވެސް ހިމެނެ އެވެ.
އައިޖީއެމްޗްގައި ކޮވިޑް-19 ފެތުރު ފަހުން މިހާރު އަނެއްކާ ވެސް ވަނީ އިމަޖެންސީ ކޭސްތައް ފިޔަވައި އެހެން ހާލަތްތަކުގައި، ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބުމުން ނޫނީ އެޑްމިޓްކޮށް ފަރުވާ ނުދޭ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.
ރާއްޖޭން އިއްޔެގެ ނިޔަލަށް 2،831 މީހަކަށް ކޮވިޑް-19 ޖެހިފައި ވާއިރު އޭގެ ތެރެއިން 2،320 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި 15 މީހަކު ވަނީ ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ބޭރަށް ގޮސްފަ އެވެ. އެހެންވެ މިހާރު ރާއްޖޭގައި ތިބި އެ ބަލީގެ މީހުންގެ އަދަދަކީ 481 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލު
16 July 2020
ކުޑަ ހުސެން ޖެއްސީ ރަގަޅު މައްސަލައެއް. އެއީ އިމަޖެންސީގައި އޭނާގެ ދަރިފުޅު ޓެސްޓު ނުކޮށް ފަރުވާ ދޭން ހޮސްޕިޓަލުން ދެކޮޅު ހެދުމުން. ދެން އެސްއޯޕީ ބަދަލުކުރީ އެއަށްވުރެ ވެސް ނުބައިކޮށް. އެއީ އަލާމާތެއް ނެތް ނަމަ ޓެސްޓު ނުކުރާ ގޮތަށް. މީގައި ހުސެން ގެ މައްސަލައެއް ނެތް. އޭނާ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުގެ ހައްގު އޭނާއަށް އެބައޮތް. މައްސަލަ އޮތީ ހޮސްޕިޓަލް ހިންގަން ތިބި ނާގާބިލް ފަރާތްތަކުގެ.
ސާދާ
16 July 2020
ވަރަށް ދެރަވެއްޖެ އިހުމާލަކުން މިކަންވީމަ. މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި.
ނުރަބޯ
16 July 2020
ހޮސްޕިޓަލުގެ އިހުމާލުން 3 މަރު. ހޮސްޕިޓަލާ ދެކޮޅަށް ދައުވާ ކުރުމަށް އެމީހުންގެ އާޢިލާތަކަށް ގޮވާލަން.
އަދަބު
16 July 2020
ޢެޗްޕީއޭގެ އެންގުންތަކާ ހިލާފުވާ މުއައްސަސާތަކަށް ފިޔަވަޅު އަޅަން ގޮވާލަން. ފުރާނައާ ގުޅޭ ކަންކަމަކީ ސަކަރާތަކަށް ހަދަން ފުރުސަތު ދީގެން ނުވާނެ.
ނަސްމާ
16 July 2020
ނަތީޖާ ލިބެން ދެން މަޑެއް ނުކުރޭ
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
16 July 2020
ހަޤީޤަތުގައި ހެލްތު މިނިސްޓަރ އަށް މާ މައްސޫލިއްޔަތު ބޮޑީ. ރާއްޖޭގެ ހެލްތު ސިސްޓަމް ކުރިއަށް އޮތް ތަނުގައިވެސް ރަނގަޅު ކުރެވޭނީ ރާއްޖެތެރޭގެ ސިއްހީ ދާއިރާ އަށާއި ހޮސްޕިޓަލް ތަކަށް މިނިސްޓަރ އޮފް ހެލްތު ފޮރ ރީޖަނަލް ހެލްތު އެފެއަރސް އަކާއި ސެންޓްރަލް ދާއިރާ ތަކަށް މިނިސްޓަރ އޮފް ހެލްތު ފޮރ ސެންޓްރަލް ހޮސްޕިޓަލްސް އެންޑް ހެލްތު އެފެއަރސް އެއް ހުންނަވާގޮތަށް ވަކިކުރެވިގެން. އޭރުން މަޖްލިސް މެމްބަރުނަށްވެސް މިބޭފުޅުންނާއި ޑީލްކުރަން ފަސޭހަވެ، ޖަވާބުދާރީކުރުވޭނީ.
މުޑޭށި
16 July 2020
ކޮސް ނުގޮވާ. އައިޖީއެމްއެޗް ހިންގަނީ ހެލްތު މިނިސްޓްރީ ބެލުމުގެ ދަށަކުން ނޫން. އެތަން ހިންގަނީ ވަކި ގަވަނިން ބޯޑަކުން ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން. ރައީސް އޮފީހުން މިކަމާ ހަވާލުވެ ހުރީ އެ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމު. ކޮންމެ މީހަކުވެސް އެ މީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރީމަ ހުންނާނީ ރަނގަޅަށް.
ބަރަނި އަރަނި
16 July 2020
މި އުޅެނީ ހެލްތު މިނިސްޓަރުގެ ޒިންމާ އޮތް ކަމެއްގައި އިހްމާލެއް ވެގެން ވިއްޔާ. ވާނުވާ ނޭނގުނަސް ކޮންމެވެސް އެއްޗެއް ގޮވާތި
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
17 July 2020
(1) ރައީސް އޮފީހުގެ ގަވަރނިންގ ބޯރޑަކުން ހިންގެވި ނަމަވެސް ޑޮކްޓަރަށް ދައްކަން ނަންބަރު އެއް 3 މަސްފަހުން ލިބުމަކީ ބޮޑުމައްސަލައެއް. މިއީ ޤަބޫލް ކުރެވޭނޭ ކަމެއް ނޫން. (2) ކޮމެންޓް ރަނގަޅަށް ވިދާޅުވުން އެދެން. ހުރިހާ ހެލްތު ދާއިރާ އެއްގެ ކަމެއްގައިވެސް ޖަވާބުދާރީ ވާތަން ފެންނަނީ ހެލްތު މިނިސްޓަރ. ޢަލީ ޝިޔާމް ޖަވާބު ދެއްވާ ތަނެއް ނުފެނޭ. އެހެންކަމުން ކުރިއަށް އޮތް ތަނުގެ ވާހަކަ އަޅުގަނޑު ލިޔެފައިވާނީ. (3) ކޮންމެ ކަމެއް ސިޔާސީ ކޮށް ރުޅިގަދަ ވުމުން ޤައުމަށްވާނީގެއްލުން.
ބަރަނި ބަރަނި2
17 July 2020
ޑޮކްޓަރ ރާމީ އެވިދާޅުވީ ރަނގަޅަށް. ޤާނޫނީ ގޮތުން އައި.ޖީ.އެމް އެޗް ގެ ކަންކަމާ ޒިންމާވާނީ ހެލްތު މިނިސްޓަރ.
ގިތެޔޮ
17 July 2020
އެހެންވީމަ ސިޔާސީ ނުކޮށް އަލީ ޝިޔާމް ޖަވާބުދާރީ ކުރުވަބަލަ. ޕާޓީ މީހެެއްް ވިއްޔާ އަބަދުވެސް ޒިންމާކުރުވުމެއް ނެތީތަ؟ އަޖައިބެއް!
ވިރާސީ
17 July 2020
ބަރަނި ބަރަނި 2އަށް: މަޖިލީހުގެ ތަޅުމުން ކަންކަން ނިންމާ ގޮތަށް ޗާޓުން ބޭރުން ހެލްތު މިނިސްޓަރުގެ މެންޑޭޓުގައި ނުހިމެނޭ ކަމެއް އޭނާ ބޮލުގައި އަޅުވަންތޯ ތި އުޅެނީ؟ ޢެހެން އެކަން ކުރަން ބޭނުން ނަމަ ނިޒާމުގައި ބަޔާން ކޮށްފައިވާ ހަމަތަކާ އުސޫލުތަކުގެ މަތިން އެކަން ކުރޭ.
ޝައްފަ
17 July 2020
ޔާމިނު އަމިއްލައަމިއްލަ އަށްކޮށްފައި ކިތަންމެ ކަމެއްއެބަހުރި. އައިޖީއެމްއެޗް ރައީސް އޮފީހަށްބަދަލުކުރުން. ޔާމިނު އަމިއްލައަމިއްލަ އަށް ކުރާކަންކަމަކީ ޤާނޫނެއް ނޫން. ޤާނޫނުގައި ކަނޑައެޅިގެން ލިޔެވިފައިއޮވޭ ހެލްތުގެ ހުރިހާކަމެއްގައި(އިންކްލޫޑިންގް އައިޖީއެމްއެޗް)ޒިންމާ ނަގާނީ ހެލްތި މިނިސްޓަރު ކަމަށް.
ފަރީދާ
17 July 2020
ޔާމިނު އަމިއްލަ އަމިއްލަ އަށް ހަދާ މެންޑޭޓް އަކީ ޤާނޫނެއް ނޫން. އައިޖީއެމްއެޗް ހިންގުން ރައީސް އޮފީހުން ހިންގާ މެންޑޭޓެއް ޤާނޫނުގައި ލިޔެވިފަކާ ނޯވޭ.
ރީތި މޫސަ
16 July 2020
ކޮބާ މިކަމުގައި ބަހެއް ބުނެލާނެ ސިޔާސީ ވެރިއެއް ނެތްދޯ؟ ލޮކްޑައުން މުއްދަތުގައި ދަތުރުފަތުރު ބަންދުވެ މުޅި ގައުމު އެހާ ތާށިކޮށް އޮތްއިރު އިހުމާލެއްނެތި ކުއްޖަކު ބަނޑަށް މަރުވެގެން ސިޔާސީ ވެރިން ހީވީ ސޯޝަލް މީޑިޔާއަށް އުދަ އަރުވާލިހެން. ކޮބާ ޑރ.ވަހީދު މިއަދު؟ ސީދާ އިހުމާލެއް އޮވެގެން 3 ފުރާނަ ދިޔައިމަވެސް ބަހެއް ބުނެލަން ނުކެރޭ ދޯ؟ ކޮންމެ މީހަކުވެސް މި އުޅެނީ ތިމާގެ އަމިއްލަ ފާއިދާއަށް.
ސޯސަލް
16 July 2020
ކަމެއްވާއިރަށް ހޭބޯ ނާރާ ސޯޝަލް މީޑިއާގަ ދެފައިތެޅާފަ ބޮޑާތަ ހާކަންވީ. ކުށްވެރި ނުކުރާކަށް މީހެއް ނެތް. ކަމުދާ އުސޫލެއް އޮތްކަމުގައެއްނުވި. މިހާރު އެނގިފަ އޮންނާނި އުސޫލު އެހެން އޮތީ ކީއްވެކަން. ހާލަތަށް ބަލާފަ ޓެސްޓު ކޮށްފަ ފަރުވާދޭން މަޑުކުރަން ބުނީމަ އެކަން ކަމުނުގޮސްގެން އެކަމުގެ ރުޅި ބޭލި ކުޑަ ހުސައިނަށް މިއަދު އެއްޗެއް ވިސްނޭނެބާ؟ ސޯޝަލް މީޑިޔާގައި ފާޅުކުރާ އުދާސްތަކަށް ބަލައިގެން ޕޮލިސީ ބަދަލުކުރި މީހުންނަށްވެސް ވަރަށް ސަލާމް.
ރޯޔަލް ޕާޑަން
16 July 2020
އައިޖީއެމްއެޗުން ފަރުވާ ކުޑަކޮށްގެން އުފެދުނު ކްލަސްޓާގެ ސަބަބުން 3 ފުރާނަ މި ދިޔައީ. ޒިންމާ ނަގާނެ ފަރާތެއް، ޒިންމާ ކުރުވާނެ ފަރާތެއް ހަމަ ނެތީތަ؟ ސާބަހޭ
ހެޔޮ ދުޢާ
16 July 2020
މަރުހޫމު އަށް ﷲ ގެ ހެޔޮ ރަހްމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ. އާމީން.