އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީ 60 ދުވަހަށް ސަސްޕެންޑު ކޮށްފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބޭރުކޮށްލެއްވި، ގާޒީ އިސްމާއިލް ރަޝީދަށް ކުރާ ސުލޫކީ މައްސަލައިގެ ތުހުމަތާ ގުޅިގެން އޭނާ 60 ދުވަހަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.


އެމްއެމްޕީއާރުސީގެ ޚިޔާނާތް މި ސަރުކާރުގައި އަލުން ތަހުގީގުކޮށް، އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލި އެވެ. އެކަމަކު މި ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށް ކަނޑައަޅައި ގާޒީ އިސްމާއިލް ރަޝީދު މިދިޔަ އަންގާރަ ދުވަހު ނިންމެވީ ދައުލަތުން އުފުލި އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެކަމަކު، ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ވެސް ޖޭއެސްސީން ކަނޑައެޅީ ގާޒީ އިސްމާއިލް ރަޝީދު ނިންމެވި ނިންމެވުމުގެ ކަންކަން ބަލައި ފިޔަވަޅު އެޅުމަށެވެ. ޖޭއެއްސީގެ އެ ނިންމުމަށް ވެސް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް ހުށަޙެޅީ ވެސް ޕީޖީ އޮފީހުންނެވެ.

ޖޭއެސްސީން ބުނީ، ގާޒީ އިސްމާއިލް ރަޝީދަށް ތުހުމަތު ކުރެވޭ މައްސަލަ، އެ ކޮމިޝަނުން ބަލަމުން އަންނައިރު، އޭނާ ފަނޑިޔާރު ކަމުގެ މަސައްކަތުގައި ދެމި ހުންނަވައިފި ނަމަ ތަހުގީގަށް ހުރަސް އެޅިދާނެތީ އާއި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މިއަދުން ފެށިގެން ދެ މަސް ވަންދެން ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ. އެ މައްސަލަ ތަހުގީގުކޮށް ނިމުމުން، ތަފްސީލު އާންމު ކުރާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާން

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވާ ގޮތުން، އަދީބުގެ މައްސަލަތައް ބޭރުކޮށްލީ ދައުލަތުން ހުށަނާޅާ ލިޔުންތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެކަމުގައި އިޖުރާއާތުތަކާ ޚިލާފަށް ކޯޓުން އަމަލުކުރި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށް ފަހު، އަދީބު ފުރުން މަނާ ކުރުމުގެ އަމުރެއް މިހާރު ވަނީ ނެރެފަ އެވެ.