ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފި

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން ސަރުކާރުން ދެންމެ މަޖުބޫރުކޮށްފި އެވެ.


މިގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް ޓާސްކްފޯހުގެ މިއަދުގެ ބައްދަލުވުމުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެން، އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނީ، އަމިއްލަ މީހާ އާއި އެހެން މީހުންގެ ރައްކަލަކަށްޓަކައި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން މިހާރު މަޖުބޫރު ކަމަށެވެ.

ރައީސް އޮފީހުން ބުނީ، މި މަހުގެ 1 ން ފެށިގެން ލޮކްޑައުން އަށް ދިން ލުއިތަކާ އެކު، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިދިޔަ ދެ ހަފުތާގައި މާލެ ސަރަހައްދުގައި އިތުރުވަމުންދާ ކަމަށެވެ. އެހެންވެ، ދެވަނަ ލޮކްޑައުންއަކަށް ނުގޮސް ވާނެ ގޮތަކަށް ކަންކަން ކުރުމަކީ އެންމެންނާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގެ ޓުވީޓުގައި ވަނީ، ތަންތަނަށް ދިއުން މަދުކުރުމާއި ސޯޝަލް ޑިސްޓެންސިން އަދި ކޮންމެހެން ގޭގައި ތިބެގެން އޮފީސް މަސައްކަތް ކުރުމަށާއި އަތްދޮވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖެ އިން މިދިޔަ މާޗް 7 ގައި ކޮވިޑް ޖެހުނު ފަހުން މިދިޔަ އަންގާރަ ދުވަހު ވަނީ ރެކޯޑް އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހިފަ އެވެ. އެ ދުވަހު 137 މީހަކަށް ކޮވިޑް ޖެހުނުއިރު ދިވެހިންގެ އަދަދަކީ 92 އެވެ. އެއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހުނު ދުވަހެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ރޭ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިހާރު ނެތް ކަމަށެވެ. އެހެންވެ، ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު، އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް އޭނާ އޮތީ ވިދާޅުވެފަ އެވެ.

އަމީން ވެސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް މާސްކުގެ ބޭނުންތެރިކަން ބޮޑު ނަމަވެސް މާލޭގައި މާސްކު ނާޅާ އުޅޭ މީހުން މަގުމަތިން ފެންނަލެއް ގިނަ ކަމުގެ ކަންބޮޑުވުން ރޭގައި ފާޅުކުރައްވައިފަ އެވެ.