ކޮވިޑާ ގުޅިގެން އެޑްމިޓް ކޮށްގެން ފަރުވާދިން އަދަދު ހަފުތާއެއްގެ ތެރޭގައި ދެ ގުނަ މައްޗަށް!

ކޮވިޑް-19 އަށް ފަރުވާދިނުމަށް އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު ހަފުތާއެއްގެ ތެރޭގައި ދެ ގުނަ މައްޗަށް ހިނގައްޖެ އެވެ.


މާލެ ސަރަހައްދުން ކޮވިޑް ފެނުމާ އެކު އިއުލާންކުރި ލޮކްޑައުން އަށް ލުއިދީ، އަލުން ހުޅުވައިލުމުން ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން އެވްރެޖްކޮށް ދުވާލަކަށް 100 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސްތައް މިހާރު ފެނެ އެވެ.

ފާއިތުވެދިޔަ އެއް ހަފުތާ އަށް ބަލާއިރު، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެޑްމިޓްކޮށް ފަރުވާދީފައި ވަނީ 59 މީހަކަށެވެ. އެކަމަކު، ހަ ދުވަސް ތެރޭގައި މި އަދަދު މިވަނީ 105 އަށް އަރައިފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައި ވަނީ ދެ ތަނެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީ އާއި ހުޅުމާލޭގައި ހަދާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މި ދެ ތަނުގެ ވެސް ޖުމްލަ ކެޕޭސިޓީއަކީ 250 އެވެ.

ހުޅުމާލޭގެ ފެސިިޓީގައި ބަލީގެ ހާލަތަށް ބަލައި އެކި ބްލޮކްތަކަށް ބަހާލާފައި ހުންނަ އިރު ބަލީގެ އަލާމާތެއް ނެތި 14 ދުވަސް ހަމަވުމުންް މީހާ ދޫކޮށްލާނެ އެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް 1،000 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކްޓިވް ކޭސްތަކުގެ ޖުމްލަ އަކީ 3،719 އެވެ. އޭގެ ތެރެއިން ފަރުވާދެމުން އަނީ 1،120 މީހަކަށެވެ. ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 4،446 އެވެ. މިހާރު ފަރުވާދެމުން އަންނަނީ 1،719 މީހަކަށެވެ.

ކުރިއަށް އޮތް ފަސް މަސް ދުވަހު ރާއްޖޭގައި ކޮވިޑް-19 ހާލަތު ހުންނާނެ ގޮތް ބަލައި ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ހަދާފައިވާ ޕްރޮޖެކްޝަންގައި ބުނެފައިވާ ގޮތުން، މި މަހު 475 މީހަކަށް އެޑްމިޓްކޮށް ފަރުވާދޭން ޖެހިދާނެ އެވެ. އަންނަ މަހު ވެސް 293 މީހަކަށް އެޑްމިޓްކޮށް ފަރުވާދޭން ޖެހިދާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މީޑިއާ ބްރީފިންއެއްގައި ޑރ. ޝީނާ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

އެޗްޕީއޭ އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުން ގިނަވި ނަމަވެސް މިހާރު ހުރި ފެސިލިޓީތަކުގައި ބަލި މީހުން ބެލޭނެ ކެޕޭސިޓީ އެބަހުރި ކަމަށެވެ. އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން އިއްޔެ ބުންޏެވެ.