ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާގެ ފޮޓޯ އާންމުކޮށްފި

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިގެން، ޝަރީއަތް ނިމެންދެން ގދ. ތިނަދޫން ބަންދުކުރި މީހާގެ މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.


މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތިނަދޫ ގްރީންވާޑް، ޝުއާއު ޝަރީފް 32، އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެކަމަކު، ޝުއާއުގެ ބަންދާ މެދު ގޮތެއް ނިންމައި ދިނުމަށް އެދި ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އެ ދުވަހު ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައްސަލަ މުރާޖައާ ކުރަން ހުށަހެޅުމުން، މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ނިންމީ ޕްރޮސެކިއުޓަ ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލައި ޝުއާއު ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. ޝުއާއު ދޫކޮށްފައި ބެހެއްޓުމަކީ، ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބޭނެ ކަމަކަށް ވާތީ އާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށް ހިނގާފައިވާ ކަމަށް ބެލެވޭ މިންވަރަށް ފުލުހުންގެ ހެކިން ހެކި ލިބޭތީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޝުއާއު އަކީ މީގެ ކުރިން ވެސް މަސްތުވާތަކެއްޗާއި މާރާމާރީގެ އިތުރަށް ގެވެށި އަނިޔާގެ ވެސް ކުށުގެ ރިކޯޑު އޮތް މީހެކެވެ. ކުއްޖާގެ މެޑިކަލް ރިޕޯޓުތަކުން ވެސް، ކުއްޖާއާ މެދު އެފަދަ އަމަލެއް ހިނގާފައިވާ ކަން ސާބިތުވާ ކަމަށާއި އެ ވާހަކަތައް ކުއްޖާ އާއި އާއިލާގެ އެހެން މެމްބަރުން ވެސް ފުލުހުންނަށް ކިޔައިދީފައިވާކަން އެނގިފައި ވެ އެވެ.