ދެ އޮޑިޓާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތްތައް ދެނެގެންނަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓު ރިޕޯޓުތަކުން ބޮޑެތި ގޯސްތަކެއް ފެންމަތިވުމުން އެކަމަށް ބަހުސް ކުރަން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން އެ ދެ މިނިސްޓްރީން ކުރި ޚަރަދުތަކުގެ އޮޑިޓް ރިޕޯޓުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެތައް ކަމެއް ފާހަގަ ކޮށްފައިވެ އެވެ. އެކަންކަން ބެލުމަށް ގޮވާލައި، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމެވެ.

އެ މައްސަލާގައި ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ގިނަ ކަންތައްތަކެއް ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ކަން ހާމަވާއިރު، އެ ކަންކަން އޮޅުވައިލަން އެ މިނިސްޓްރީތަކުން ދޮގު މައުލޫމާތު ކުރިން ދީފައިވާ ކަމަށެވެ. މިކަމުގައި ދައުލަތުގެ އިސްވެރިންގެ އިހުމާލުތަކެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެހެންވެ، އެކަމާ ގުޅިގެން މިހާރުން މިހާރަށް މުއައްސަސާތަކުން ފިިޔަވަޅު އެޅުމަށް ގޮވާލާ ކަމަށް އެ މައްސަލައިގައިވެ އެވެ.

މެމްބަރު އުޝާމް، މަޖިލިހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ

ކޮވިޑް-19 އާ ގުޅިގެން ދުބާއީ ކުންފުންޏަކާ ހަވާލު ކޮށްގެން ވެންޓިލޭޓަރު ގެނައުމާއި މެޑިކަލް ސާމާނު އެސްޓީއޯ މެދުވެރިކޮށް ގެނައުމުގައި ވެސް މާލިއްޔަތު ގަވާއިދާ ޚިލާފަށް އެތައް ކަމެއް ހެލްތު މިނިސްޓްރީން ކޮށްފައިވާ ކަން އޮޑިޓު ރިޕޯޓުން ހާމަވެފައިވެ އެވެ. އަދި 32 މިލިއަން ރުފިޔާގެ މެޑިކަލް ސާމާނު ގަތުމަށް ފައިސާ ދޫކުރިޔަސް، އޭގެ ތެރެއިން ލިބުނީ ކޯއްޗެއް ކަން ކަށަވަރު ނުކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައަށް ކަމަށް ސަރުކާރުން ބުންޏަސް، އެއީ ދޮގެއް ކަން ވެސް އޮޑިޓުން ހާމަވި އެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވެސް މާލިއްޔަތު ގަވާއިދާ ޚިލާފަށް އެތައް ކަމެއް ފާހަގަ ކޮށްފައިވެ އެވެ.