ކޮވިޑް ބަލީގައި ސިފައިންގެ ކުރީގެ އޮފިސަރަކު އަވަހަރާވެއްޖެ

ކޮވިޑް-19 ޖެހިގެން ފަރުވާދެމުން އައި ސިފައިންގެ ކުރީގެ އޮފިސަރަކު ރޭ ދަންވަރު އަވަހާރަވެއްޖެ އެވެ.


ސިފައިންގޭގައި 41 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރެއްވި ލެފްޓިނެޓް ކާނަލް (ރިޓަޔާޑް) އަބްދުލްޣަނީ އުމަރު 82، އަވަހާރަވީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ ދަންވަރު ދޭއް ޖަހާކަންހާއިރެވެ.

ޣަނީ، ހ. ހޭންބޭންގެ ޖަނާާ ރޭ ފަތިހު ވަނީ ހުޅުމާލޭގައި ވަނީ ބާއްވައިފަ އެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން މިހާތަނަށް ވަނީ 25 މީހަކު މަރުވެފަ އެވެ. މި މަހު އެކަނި ވެސް އެ ބަލީގައި ނުވަ މީހަކު ރާއްޖޭގައި ވަނީ މަރުވެފަ އެވެ. ކޮވިޑްގައި މި މަހު މަރުވި ނުވަ މީހުންނަކީ ވެސް ދިވެހިންނެވެ. ކޮވިޑް ބަލީގައި ދިވެހިންގެ ތެރެއިން މަރުވި އެންމެ ހަގު މީހާގެ އުމުރަކީ 41 އެވެ. އައިޖީއެމްއެޗުގައި ފަރުވާ ދެމުން އައި އެ އަންހެންމީހާ މަރުވީ މި މަހުގެ 18 ގަ އެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް ބަލި ޖެހިގެން މަރުވި 25 މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 19 އެވެ. ބާކީ ހަ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕިންސްގެ މީހެކެވެ.

ރޭ އަވަހާރަވި ޣަނީ، ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ކޯސްޓްގާޑުގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެގޮތުން 1981 ގައި ކޯސްޓްގާޑު އުފެއްދުމާ އެކު، އެ ތަނުގައި ޣަނީގެ ޚިދުމަތް ފެއްޓެވި އެވެ. ޣަނީ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައި ވަނީ އޮގަސްޓް 1، 2009 ގަ އެވެ

މާޗު 7 ގައި ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އިއްޔެގެ ހަވީރު ހަޔަކާ ހަމައަށް ވަނީ 6،370 މީހަކަށް އެ ބަލި ޖެހިފަ އެވެ. މިހާތަނަށް ކޮވިޑުން ފަސޭހަވީ 3،915 މީހެކެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ ބުދަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އާ ހަމައަށް އަލަށް ވަނީ 145 މީހަކަށް ކޮވިޑް ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 123 އެވެ. ބާކީ ދެން ތިބީ ބިދޭސީންނެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާދެމުން އަންނަނީ 161 މީހަކަށް ކަމަށް ވާއިރު، މިވަގުތު ވެސް ރާއްޖޭގައި ކޮވިޑް ޖެހިފައިވާ 2،431 މީހަކު އެބަތިއްބެވެ.