ލ. ގަމުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ: މާލޭގައި ކޮވިޑަށް ޚާއްސަ ކުރި އެނދުތައް ފުރިދާނެ ކަމުގެ ބިރު އެބައޮތް.---ފޮޓޯ: ހެލްތު މިނިސްޓްރީ
23 އޯގަސްޓް 2020 - 13:33
މާލެ ތެރޭގައި ކޮވިޑް-19 ބާރަށް ފެތުރި ބަލީގައި އެޑްމިޓްކުރާ އަދަދު އިތުރުވެ އެނދުތައް ފުރުމުގެ ބިރު ހީވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު 100 އިން މަތީގައި އުޅޭއިރު، ބަލީގައި މިހާރު ވެސް 169 މީހަކު އެޑްމިޓްކޮށްފައި އެބަތިއްބެވެ. ހާލު ބޮޑުވެ ފަސް މީހަކަށް ވެންޓިލޭޓަރުގައި އަދި 10 މީހަކަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި ހިސާބުތަކުން ހާލަތު ސިފަކޮށްދެއްވަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ކޮވިޑަށް ޚާއްސަކޮށްފައިވާ ހޮސްޕިޓަލްތަކުގެ 62 ޕަސެންޓް އެނދުތައް ފުރިއްޖެ ކަމަށެވެ. ބަލީގެ ލަފާކުރުންތަކުގައި ވެސް ވަނީ މި މަހު ބަލި ޖެހޭ އަދަދު ގިނަވުމާ އެކު އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.
62 percent of COVID hospital beds in Male' area are now occupied.
— Nazla Rafeeg (@nazla_r) August 23, 2020
In order to protect our loved ones who are at high risk, we need to work together and act now. pic.twitter.com/nVpL2nXCju
ޑރ. ނަޒްލާގެ ޓުވީޓް
ނަޒްލާ އާއްމުކުރެއްވި ހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ ފަހުކޮޅުން ފެށިގެން ޖުލައި މަހުގެ ފަހުކޮޅާ ހަމައަށް އެނދުތަކުގެ އޮކިއުޕެންސީ ހުރީ 30 ޕަސެންޓުގަ އެވެ. އެކަމަކު އޮގަސްޓް މަހު ދެ ގުނަވެ، 60 ޕަސެންޓް އެނދުތައް ފުރުނީ މި މަހުގެ ތެރޭގައި ކަން އެ ހިސާބުތަކުން ދައްކަ އެވެ.
މިއީ، އެލާޓް ލެވެލް 2 ކަން ވެސް އޭނާ އާއްމުންގެ ސަމާލުކަމަށް ގެނަ އެވެ. އެލާޓް ލެވެލް 2 ގެ ގޮތުގައި ބަލަނީ 60-79 ޕަސެންޓް އެނދުތައް ފުރުމެވެ. ނަޒްލާ އެދިވަޑައިގަތީ ބަލިން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކަށް އެއްބާރުލުންދީ އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ.
ކޮވިޑަށް ފަރުވާދޭން ޚާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ޖާގަ އަކީ 250 އެވެ. އޭގެ އިތުރުން ހާލު ބޮޑު މީހުންނަށް ފަރުވާދޭ ދަރުމަންތަ ހޮސްޕިޓަލުގައި 16 އެނދުގައި ފަރުވާދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކޮވިޑް-19ގެ ބަލިމީހުންނަށް އަތޮޅުތަކުގައި ފަރުވާދެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
އެޗްއީއޯސީން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑް-19 އަދިވެސް ދަނީ ބާރަށް ފެތުރެމުންނެވެ. އެންމެ ހަރަކާތްތެރި އުމުރުފުރާ ކަމުގައިވާ 18-40 އަހަރާ ދެމެދު ބަލި ފެތުރޭއިރު އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އިންޑިޕެންޑެންޓް ކޭސްތައް އިތުރުވުމަކީ ބަލި ފެތުރޭ މިންވަރު ބޮޑުވެފައި ވުން ކަން ވެސް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު ބަލި ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވުމުން މިހާރު ވަނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް އަދި މާލެ ސަރަަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އާ ދެމެދު ބޭރުގައި އުޅުން ވެސް މަނާކޮށްފަ އެވެ. މިވަރުން ވެސް ކޭސްތައް ކޮންޓްރޯލްނުވާތީ މިރޭ 8 އިން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުން އޮތީ މަނާކޮށްފަ އެވެ.
މި ނިންމުމާ މެދު ފާޑުކިޔަމުން ދިޔަ ނަމަވެސް އެޗްޕީއޭ އިން ބުނެފައި ވަނީ އެ ނިންމުމަކީ ބަލި އެންމެ ގިނައިން ފެތުރޭ ކަަމަށް ލަފާކުރެވިފައިވާ ވަގުތުތަކުގައި އާއްމުން ހަރަކާތްތެރިވެ އުޅުން މަދުކުރަން އެޅި ފިޔަވަޅެއް ކަމަށެވެ.
ރާއްޖެ އިން މިދިޔަ މާޗް 7 ގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް އެ ބަލި ވަނީ 6،660 މީހަކަށް ޖެހިފަ އެވެ. ބަލީގައި ވަނީ 26 މީހުން މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭން 4،113 މީހުން ރަނގަޅުވި އިރު އެކްޓިވް ކޭސްގެ އަދަދަކީ 2،521 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރޯނާ
24 August 2020
ނަރުހުން ނެތޭ ކިޔާއިރު ރަނގަޅަށް ބަލަންވޭ އެބަ މިކަން. ރޮޓޭޓް ކުރަނީ ހަމަ އެއް ނަރުހުންތަކެއް. އައިޖީއެމްއެޗް ފުއްޕާމެއަށް ހާއްސަ ޑިޕާޓްމެންޓް ނަރުހުން އެތިބީ އެމީހުން މިކަމުގައި ބޭނުން ކުރާނީ ކޮންދުވަހަކުތޯ އިންތިޒާރުކޮށްލަ ކޮށްލާ. ނަން ފޮނުވައިގެން ވޮލަންޓަރީކޮށް ދާން. ދެން ކީއްވެ ފުރުސަތު ނުދެނީ؟ އެއީ ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ނަރުހުން. ދެން މި ކޮމެންޓް ކިޔާފަ އެކުދިންނަށް ބުލީ ކޮށްގަންނާނީ ނޫން. އެހެން ޑިޕާޓްމެންޓްތަށްވެސް ބަލަންވީ
އއއ
24 August 2020
ރޭގަ ވެސް މާސްކް ނާޅާ ޒުވާނުން މަގުމަތީގަ ތިބި. .. އެހެން މާސްކެއް ވެސް ނާޅާ އުޅެފަ ދެން ގޮސް ވަންނާނީ ގެޔަށް.... ކޮންމެ މަގެއްގަ ފުލުހަކު ސަލާމާތީ ވަސީލަތާ އެކު ބަހައްޓައިގެން މި ޒުވާން ބައިގަނޑު މަތަ ވާނީ.... ރަގަޅަށް ޖޫރިމަނާ ކުރަންވީ.... އެހެން ގައުމްތަކުގަ ގަވައިދާ ހިލާފްވާނަމަ ހަރުކަށި އަދަބް ދޭ، ދިވެހި ރާއްޖޭގަ ވެސް އަދަބް ދޭންވީ
ޙައުދާސް
23 August 2020
ޜައްޔިތުންގެ އަމަލުތަކެއްބަދަލެއްނުވޭ! މާސްކް މަޖުބޫރުކުރީ ވާނެހައެއްޗެއްވީމަ! ޜައްޔިތުން ބިރުނުގެންނެވިޔަސް އެމީހުންގެ އަމަލުތަށް ބަދަލުކުރެވޭނެ! ޢެކަން ވަނީ މިގައުމުން ފެނިގެން ގޮސްފާ! ޓީވީއަށް އަރާ ބޮޑުކެޑިޔަސް ބައްޔެއް ކޮންޓްރޯލެއްނުވާނެ!
ކޯވިޑާ
23 August 2020
ވެންޓިލޭޓަރުތައް ލިބިއްޖެބާ؟ ކޮވިޑް 19 ނިމި މިހާރު ކޮވިޑް 20 ވެސް ނިމެން މިދަނީ. ބުނާތީ އެހީމު ގައުމުގެ މައި އެއަރޕޯޓްގަ އަދި ވެސް ނެތޯ ތިޔަ އެއްޗަކަށް ޓެސްޓް ކުރެވެންވެސް.. ދެން ރައްޔިތުންނަށް ބިރުދައްކައިގެން އެކަނި ތިޔަ އެއްޗެއް ކޮންޓުރޯލު ވާނެތަ؟
މޯޑް
23 August 2020
ހިންގަން ތިބި މީހުންގެ ނާގާބިލު ކަމުން ހަމަސް 7 މަސް ވެގެން ދާއިރުވެސް ކޮންޓްރޯލު ނުވެގެން ތި އުޅެނީ
ސަމަރޭ
23 August 2020
ބަލަ އަހަރުމެން ހަނދާން އެބަހުރި ގެއަށް ވައްދާ ކޮންމެ އެއްޗެއް ދޮވެ ކޮތަޅު އެއްލާލާ އަތަށް އަންގި ލައްވާ މާސްކާ އެއްކޮށް ޝީލްޑް އަޅައިގެން މީހުނާ 3 ފޫޓު ދުރުގައި އުޅުން ދުވަސްތަކެއް. އޭރު ވަރަށް ރަނގަޅަށް ކަންތައް ދިޔަ. އެކަމަކު އޭރު ހީވީ ލޮކްޑައުން އުވާ ނުލައިގެން އެހެން ކަމެއް ހެން. ބަލާލަ މިއަދުގެ ހާލަތު. މިހާރު އޭރު ފަރުވާތެރިކަމާ އެއްކޮށް ފަރުދީ ޒިންމާ އަދާކުރި ވަރާ ގާތަށްވެސް މިއަދު އެއްވެސް މީހަކު ނޫޅޭ. މީކީ ލޮކްޑައުންއަކާ ނުވަތަ ހަރުކަށި ފިޔަވަޅަކާ ގުޅުން ހުރި ކަމެއްނޫން. މީ ސީދާ އެމީހެއްގެ ފަރުދީ ޒިންމާއާއި ގުޅިފައިވާ ކަންކަން. ކިތަންމެ ބަލައިގެން އުޅުނަސް ކޮވިޑްޖެހިދާނެ އެކަމަކު ފަރުދީ ޒިންމާ ނަގައިގެން ސަލާމަތަށް ބަލައިގެން އުޅެންޏާ ހާލަތު ރަނގަޅު ކުރެވިދާނެ. މިޙާރު ފެންނަނީ މުޅި މާލޭގައި ގޮތެއް ފޮތެއް ނެތި ދިވެހިންވެސް ބިދޭސީންވެސް ހިތަށް އެރިގޮތަކަށް އުޅޭތަން. އެޗް.ޕީ.އޭ އެކަނި އުޅެގެން މިކަމެއް ނުވާނެ. އެންމެން ޖެހޭ އެބަ ބަލަން ހާލަތު ބަދަލުކުރަން. ބަލަބަލާ ތިއްބާ އަހަރެމެންގެ އަމިއްލަ އަތްތަކުން މި ރާއްޖެ މި ހަލާކުވަނީ.. ވަކިން ހާއްސަކޮށް ބިދޭސީންގެ ދުއްޕާން ވަރަށް ބޮޑުވެއްޖެ
ކަރިން
23 August 2020
ތިއީ ކަލޭމެންގެ މައްސަލަ! ކަލޭމެންނަށް ތިކަން ނުވީ އެނގިއްޖޭ! ރައްޔިތުން ފައިސާ ހޯދަން ޖެހޭ ކަލޭމެންނަށް މަތިން މުސާރަ އޮހުނަސް! ދެން ނުވާނެ ތިކަމެއް، ރައްޔިތުން ހަފުސް ކޮށްލައިފި. ބަލާވަލަ ލަންކާ ތަންތަން! މިހާރު ކޮންޓްރޯލްވެފަ އެ އޮތީ. ދެން ބުނެވޭނީ ސޮރީއޭ!
ތިބޭތިބޭތިބޭތިބޭ
23 August 2020
އެޗްޕީއޭ ތަމެން ދަންނާތި ތަމެން ގެއަށް ކަނޑާލަން ޖެހޭ ދުވަސް ގާތްވަނީއޭ ބުނަން މަމެން ނެތީމޭ އެދުވަހުން އަލިފާނޯއިއޭ ކިޔާ ނުދުވާތި އިނގޭތޭ...
ކެނެރީ
23 August 2020
ކެނެރީގޭ ނަޝީދު ބުނި ދިވެހިން ކޮވިޑާއެކު އުޅެން ދަސްކޮށްޕިޔޭ، އެ ބޭފުޅާ އެހެން ބުނީމަ މަމެން ހީކުރީ ދިވެހިން ރައްކާތެރިކަމާއެކު ކޮވިޑް ނުޖޭހޭނެހެން ނިއު ނޯމަލްގައި އުޅެން ދަސްކުރީކަމަށް، ދެން ކީއްވެތަ ނަމްބަރުތައް މައްޗަށް ގޮސް އެނދުތައް ފުރެނީމި.
ހަސަނު
23 August 2020
އެނދު ހުރި އަދަދަށްވުރެ ވެސް މަދު އެ އެނދުތަކުގާ ބާއްވާ މީހާއަށް ހިދުމަތް ކުރަން ތިބި ޑޮކްޓަރުންނާ ނަރުހުންގެ އަދަދު.. އޮބިނޯވެގެން މިހާރުވެސް އެއުޅެނީ.. ކުރިއަށް އޮތް ދެތިން ހަފުތާއަކީ ކޮވިޑު ބަލިޖެހެން އެންމެ ނުރައްކާ ވަގުތު. އަޅާލާނެ މީހަކުވެސް ނުހުރެދާނެ.. އަމިއްލައަށް ލޮކްޑައުން ވެގެން ނަމަވެސް މި ދެތިންހަފުތަ ކޮވިޑު ނުޖެހި ހުރެވޭތޯ އެބަ ޖެހޭ ބަލަން...