ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މީގެ ކުރިން ބޭއްވި އެއްވުން ރޫޅާލަން ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
24 އޯގަސްޓް 2020 - 12:12
މިއީ އެއްވުންތައް ބާއްވަން އެންމެ އެކަށޭނެ ވަގުތު ނޫން ކަމަށާއި އެހެންކަމުން އެފަދަ ހަރަކާތްތައް ނުބާއްވަން ފުލުހުން ރޭ އިލްތިމާސްކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ނާޒުކު ފައްތަރެއްގައި ރާއްޖެ އޮތް މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން އިހުތިޖާޖުކުރުމުގެ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ނަމަވެސް މިއީ އެފަދަ ކަންކަން ކުރަންވީ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރާވަމުން ގެންދަނީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ސުލްހަވެރި މުޒާހަރާތަކެއް ބާއްވާށެވެ. ޕީޕީއެމްގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ ހުކުރު ދުވަހު މުޒާހަރާތައް ބާއްވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ކަމަށެވެ.
ނަމަވެސް ޝަރީފް ވިދާޅުވީ މިހާރު އޮތް ގޮތުން އިހުތިޖާޖުކުރުން ނުވަތަ އެއްވުންތައް ބޭއްވުން ހުއްދަ ނޫން ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން ފުލުހުން ވެސް ކަރަންޓީނުކުރުމާއި އައިސޮލޭޓްކުރަން މަގުފަހިވަނީ އެފަދަ ކަންތައްތަކަށް އެޓެންޑުކުރަން ޖެހުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވަން އޮތީ މިއީ އަދި އެ ވަގުތު ނޫން ކަމަށް. މިހާރު އޮތް ގޮތުން އެފަދަ އިހުތިޖާޖަކަށް ނޫނީ މިކަހަލަ ކަންތައްތައް ކުރުމަކީ ވެސް ހުއްދަ ކަމެއް ނޫނޭ. އެހެންވީމަ އަޅުގަނޑުމެން މި ދަތި ހާލުގައި ދިރިއުޅެމުން ދާއިރުގައި އަދި އެފަދަ ކަމެއް ކުރުމަށްޓަކައި މަގުމައްޗަށް ގިނަ އަދަދެއްގެ ބަޔަކު ނުކުތުމަކީ އެއީ އަނެއްކާވެސް މިކަމަށް އެޅިގެންދާ ނުރައްކަލެކޭ،" ޝަރީފް ވިދާޅުވި އެވެ.
"އޭގެ ބަދަލުގައި އަޅުގަނޑުމެން ހުރިހާ އެންމެން ސިއްހީ ގޮތުން ރަނގަޅު ހާލަތެއްގައި ތިބެގެން ކަންކުރެވޭނެ ނިޒާމަކަށް ހުރިހާ ބޭފުޅުންގެ އަމަލުތައް ވެސް ބައްޓަންކޮށްދިނުމަށް އެދެން."
އޭނާ ވިދާޅުވީ މަގުމައްޗަށް ނުކުންނަ މީހުންނާއި މުޒާހަރާތަކަށް ނުކުންނަ މީހުންނަށް ވެސް އެކަކު އަނެކަކުގެ ހާލަތު ނޭނގޭނެ ކަމަށެވެ.
"އެހެންވީމަ އެފަދަ ކަންތައްތަކަށް ވެސް ވިސްނާފައި އެކަކު އަނެކަކަށް ގައިދުރުކުރުމުގެ ކަންކަން ބެހެއްޓުމަށްޓަކައި ވެސް، އެއްވެ އުޅުމަކީ ނުވަތަ ގްރޫޕު ހަދައިގެން އުޅުމަކީ ހުއްޓުވަން ޖެހޭ ކަމަކަށް ވާތީވެ އެކަންތައްތައް ނުކުރަން އަޅުގަނޑުމެން އިލްތިމާސްކުރަން،" ޝަރީފް ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ޖޫން 1 އިން ފެށިގެން ބޮޑެތި ލުއިދޭން ފެށިއިރު، އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ގްރޫޕް ހަދައިގެން ބޭރުގައި ގިނަވެގެން އުޅެވޭނީ 30 މީހުންނަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި ބަލި ޖެހޭ މީހުން އިތުރުވާން ފެށުމުން ފިޔަވަޅުތައް ހަރުކަށިކޮށް، އެއްފަހަރާ އުޅެވޭނީ ފަސް މީހުން ކަމަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޔޮޅުބޭ
24 August 2020
ހުޅު ރޯވީމަ ވެސް އިލްތިމާސް ތޯ؟ އެއްވުންތަށް ބޭއްވުން މަނާ ކުރައްވާ! ވަކި ބައެއްގެ ހައްގަށް ވުރެ މުޅި މުޖުތަމައުގެ ހައްގު ބޮޑުވާނެ. ކާކުދެކެ ބިރުންތަ އެޗްޕީއޭ/ސަރުކާރު ތިއުޅެނީ؟؟ މީ ބޮޑު ވެއްޖެ ކަމެއް ނުން! މިގައުމުގެ ހުންގާނު ހިފާނެ މީހެއް ނެތީތަ؟ އެލެކްސް އަޑުގަދަ ކުރަން ބަހައްޓަބަލަ!
ގަސަސަ
24 August 2020
ވާގޮތެއްވާން ރައްޔިތުން މަޑުންތިއްބާ ގައުމު ދަވާނިމިއްޖެ. ޝަރީފް ވިދާޅުވާގޮތަށް ބަސް އަހައިގެން މިއޮތްހާ ދުވަހު މި ތިބީ. އހަރެމެން ބަޑަށް ޖެހެނީ. މިހާރު އެގޮވަނީ އަނެއްކާ ލޮކްޑައުން އަކަށްދާން. ލޮކް ޑައުން ނިމޭއިރު ގައުމު އެއްކޮށް ބަޑަށްޖެހިފަ އޮންނާނީ. ކޮވިޑް ޖެހިގެން މަރުވާމީހުނަށް ވުރެން ގިނަމީހުން ބަޑިހައި ހޫނުކަމުގަ މަރުވެގެންދާނެ، މިތިބަ ވެރިން ކިރިޔާވެސް ގައުމަށް ހެވެއްއެދޭނަމަ، އިސްތިއުފާދީފަ، ކަންވާވަރު ބަޔަކާ ގައުމު އަވަހަށް ހަވާލުކުރޭ
ރަބަރު
24 August 2020
އެއްވެސް ރަށެއްގައި އެއްވުން ބާއްވާނެކަމެއްނެތް. މިއީ ސަރުކާރަށް ތާއިދުކޮށް ބުނިއެއްޗެއް ނޫން. ކޮވިޑް19 އާއިގުޅިގެން ދުނިޔޭގެ މީހުން ދައްކާވާހަކައިގެ ސަބަބުން ބުނި އެއްޗެއް.
ކުޑަ ޒަކީ
24 August 2020
މިހާ ނުވިސްނޭ ގަމާރު ބަޔަކު އުޅޭ ގައުމެއް ނުދެކެން. ސިއްޚީ ޚިދުމަތްތެރިން އެގޮވަނީ ގޭގަ ތިބޭށޭ، އެ މީހުން ވަރުބަލި ވެއްޖޭ. ޑޮކްޓަރުންނާއި ނަރުހުން މުޒާހަރާކުން ފެނޭ، މިމީހުން ބަސްނާހާތި އެކަމާ ދެކޮޅަށް. ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ނުނިކުމެ މުޒާހަރާ ކުރިޔަށް މި ގަމާރު މީހުންނަކަށް ނުވިސްނޭނެކަންވެސް އެނގޭ! ބޯ ހަލާކު. ދިވެއްސަކަށް ވީތީ ފަޚުރުވެރިވަން ވީ މިހެންވެތަ؟
ޓިނު
24 August 2020
ކޮންމެރަށަކުން 6 ރަގަޅުވާނެ؟
މައިން
24 August 2020
ކޯވިޑަކީ މިރާއްޖޭގެ ބަޔަކު މުއްސަނދިވާން ލިބުނު ފުރުސަތެއް. ރައްޔިތުންގެ ތެރެެއިން ގިނަ ބަޔެއްގެ ވަޒީފާގެއްލި ކުރަމުންއައި މަސަައްކަތްތައް ހުއްޓުމުން ލިބުނު ގެއްލުން ކުޑަކޮށްދިނުމަށް ސަރުކާރަށްކޮށްދެވުނުކަމެއް ނުފެނުނު. ރައްޔިތުންގެ ނޭވާހޮޅިންވެސް އަލީ ވަހީދުމެން ވައްކަންކުރީ.
ހުދުމުހުތާރު ކަލޭގެ
24 August 2020
ސަރުކާރު މިއޮތީ ޓެކްޓޮނިކް ޕްލޭޓެއްގެ މަތީގައި. ހަމަގުޑުމެއް އަރައިއިރަށް މަތީގައިތިބި އެންމެން ބަންޑުންވެދާނެ. އެހެންވީމާ މަގުމައްޗަށް މީހަކުނުކުމެ އަޑުގަދަ ކުރަންފަށައިފިނަމަ ވެރިކަމަށް ގުޑުން އަރާފާނެކަމުގެ ބިރަށް އުޅޭއުޅުމެއްކަމަށް ބޮޑަށް ބެލެނީ. އެހެންނޫންނަމަ މާލޭގެ މަގުތަކުގައި ރާންރާން އަޅާފައިމީހުން ނޫޅޭނެ. މާލޭގެ ކެފޭތަކުގައި މޭޒުތައް ވަށައިގެން މީހުން އެތުރިގެން ތިބުން ފުލުހުން ހުއްޓުވާނެ. ކޮވިޑުގެ ބިރުއޮތްނަމަ ހަރުދަނާފިޔަވަޅުއަޅާނެ.
ލކޖހފ
24 August 2020
ސައިންސްގެ ހޯދުންތަކުން އެންމެފަހުން ދެއްކިގޮތުގައި ކޮވިޑް ގައިންގަޔަށް އަރަނީ، މުޒާހަރާގެ ނަމުގައި އެއްވުންތައް ބޭއްވުމުންނާއި، ވެހިކަލް ދުއްވުމުން.
96895
24 August 2020
ހައްޤުތައް ކަށަވަރުކުރުމަކީ އަމާޒެއް- ރައީސުލްޖުމްހޫރިއްޔާ.. މިހިރަ ފެންނަނީ ހައްޤު ކަށަވަރުވާތަން. ހެޔޮ 20 މީހުން އެއްމޭޒެއްގައި މާލޭގެ ކެފޭއެއްގައި ސައިބޯން ތިއްބަސް. ހެޔޮ ހެދިކާ ވިއްކާ ފިހާރައެއްގައި ބޯބޯމައްޗަށް އަރައިގެން ހެދިކާ ގަންނަން ތިއްބަސް. ކޮވިޑެއް ނާރާނެ. ކޮވިޑް އަރަނީ، ދުއްވާ އެއްޗެހީގައި 8 ގެ ފަހުން އުޅުމުންނާއި، މުޒާހަރާ ކުރުމުން.
ޖަމީލު ޓުވިޓަރޭ
24 August 2020
ކޮވިޑް ފެށުނީއްސުރެ މި ބަލަނީ ކޮންމެވެސް ފިތުނައެއް ހެދޭތޯ. ނެހެދުނިއްޔާ ގައުމު ހަލަބޮލި ކޮށްލެވޭތޯ. ކޮބައިތޯ ބޭނުމަކީ؟ ބަރުލަމާނީ ނިޒާމަކަށް ޖާގަ ހުޅުވާ ޑީލްގެ ދަށުން ވެރިމީހާ ޖަލުން މިނިވަން ކުރުން. ހުސް އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުން.