ގއ. ވިލިނގިއްޔަށް ގެންދިޔަ ކޮވިޑްގެ ބަލި މީހަކު ރަށަށް އެރުވިޔަނުދީ ހިފަހައްޓައިފި

ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ އަށް ގެންދިޔަ ކޮވިޑް-19ގެ ބަލި މީހަކު އެ ރަށަށް އެރުވިޔަ ނުދޭން މިއަދު ހުރަސް އަޅައިފި އެވެ.


ފުލުހުން ބުނީ ވިލިނގިލީގައި ހުންނަ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ އަށް ގެންދިޔަ ބަލިމީހަކު އެ ރަށަށް އެރުވުމާ ދެކޮޅަށް އެ ރަށުގައި ބަޔަކު އިހުތިޖާޖް ކުރާތީ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި ވިލިނގިއްޔަށް ގެންދިޔައީ ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހެކެވެ. އަދި ވިލިނގިލީ ބަޔަކު އިހުތިޖާޖުކުރަމުން ދަނީ އޭނާއާ އެކު އެހީތެރިއެއްގެ ގޮތުގައި ގެންދިޔަ މީހަކާ މެދު އޮތް ހިތްހަމަނުޖެހުމެެއްގެ ސަބަބުން ކަމަށް ވެ އެވެ. އެހެންވެ އެ ބަލިމީހާ ދަތުރުކުރި ލޯންޗްގައި ތިބި އެއްވެސް މީހަކު ރަށަށް ފޭބިޔަ ނުދީ ހުރަސް އަޅަން ބަޔަކު މަސައްކަތް ކުރިކަން ވެސް ވަނީ އެނގިފަ އެވެ.

މިކަމާ ބެހޭ ގޮތުން ވިލިނގިލީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެރުވުމަށް ބައެއް ރަށްރަށުގެ މީހުން ދެކޮޅު ހަދާއިރު ރަނގަޅުވެގެން ދޫކޮށްލާ މީހުން ރަށުގައި އުޅުމަށް ވެސް ބައެއް މީހުން ދެކޮޅު ހަދަ އެވެ.