ތަރުކާރީ އާއި މޭވާގެ ވިޔަފާރި ކުރާ ތަންތަން ރަޖިސްޓަރީ ކުރުން ލާޒިމުކޮށްފި

ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީ ކުރަން ލާޒިމްކޮޮށް، ރަޖިސްޓަރީ ނުކުރާ އެފަދަ ވިޔަފާރިތައް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ސަރުކާރުން މިއަދު ގަވައިދެއް އެކުލަވާލައިފި އެވެ.


އިކޮނޮމިކް މިނިސްޓްރީން އާންމުކޮށް އަދި އަންނަ މަހުން ފެށިގެން އަމަލުކުރާ، އެ ގަވައިދު ބުނާގޮތުން، ތަނެއްގައި ތިބެގެން ނުވަތަ އޮންލައިންކޮށް ނުވަތަ ވަގުތީ ގޮތުން އަދި ދާއިމީ ގޮތުން ވިޔަސް ތަރުކާރީ އާއި މޭވާ ވިއްކާ ނަމަ ވިޔަފާރިއެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ. މިހާރު ހިންގާ އެފަދަ ވިޔަފާރިތައް ވެސް ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަސް ތެރޭގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ވެ އެވެ. އެފަދަ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ އެ މީހުން ވަޒީފާ އަދާ ކުރުމުގެ ގަވާއިދުގެ ދަށުން ކަމަށް ވެސް އާ ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ.

އެ ގަވާއިދު ބުނާގޮތުން، ރަޖިސްޓަރީ ނުކޮށް އެފަދަ ވިޔަފާރިއެއް ހިންގާ ކޮންމެ ފަރާތެއް 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެފަދަ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ގަވާއިދު ބުނާގޮތުން، ތަރުކާރީ އާއި މޭވާ ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީކޮޮށް ދޭނީ އެ ވިޔަފާރިއެއް ހިންގާ އިމާރާތުގައި އެކަން ކުރުމަށް ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން ދޭ ހުއްދައެއް އޮތް ނަމަ އަދި ވިޔަފާރިކުރާ ތަނެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ނަމަ އެވެ. އެ މިންގަނޑަށް އެފަދަ ތަންތަން ފެތޭތޯ ކައުންސިލްތަކުން އިންސްޕެކްޓް ކުރާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން އެފަދަ ގަވާއިދެއް ހެދީ މާލެތެރޭގައި ބިދޭސީންނާއި އަމިއްލަ ބައެއް ފަރާތްތަކުން ތަކުރާރީ އާއި މޭވާ ވިއްކަން ޚާއްސަ މާރުކޭޓްތައް ހަދައި، އެފަދަ ތަކެތި ވިއްކަމުން ދަނިކޮށެވެ. އެއީ މާލެ ސަރަހައްދުގައި ބިދޭސީންގެ ފަރާތުން ފެންނަ އެންމެ ބޮޑު އެއް މައްސަލަ އަކަށް މިހާރު ވަނީ ވެފަ އެވެ.