ޑރ. ޝީނާ ލަފާކުރައްވަނީ މި މަހުގެ ފަހުކޮޅު ކޭސްތައް މަދުވާން ފަށާނެ ކަމަށް

މާލެ ސަރަަހައްދުގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައި އޮތް ނަމަވެސް މި މަހުގެ ފަހުކޮޅުން ފެށިގެން ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށްވާން ފަށާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓު ޑރ. ޝީނާ މޫސާ ރޭ ވިދާޅުވެއްޖެ އެވެ.


ކޮވިޑާ ދެކޮޅު މީޑީއާ ކެމްޕޭންގައި، ޕީއެސްއެމްގައި ޝީނާ ރޭ ވިދާޅުވީ ލޮކްޑައުން އަށް ވަރަށް ބޮޑަށް ލުއި ދީ އަންދާޒާކުރި ވަރަށް ވުރެ ވެސް ބޮޑަށް މާލެ ސަރަހައްދުގައި ބަލި ފެތުރިފައިވާ ކަމަށެވެ. ލުއިތައް ދިނީ އާއްމުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރާނެ ކަމުގެ އުއްމީދާ އެކުގައި ނަމަވެސް ބަލި ކޮންޓްރޯލްކުރަން އާއްމު ދިރިއުޅުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅުނު ކަމުގެ ކަންބޮޑުވުން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ސަރަހައްދުގެ ހާލަތު ދަންނަވަންޏާ މިހާރު މިއޮތީ ވަރަށް ބޮޑަށް ފެތުރިފައި. ތަންކޮޅެއް ކުރިން އޮގަސްޓް މަހު އަޅުގަނޑު ޝެއާ ކޮށްލިން ޕްރޮޖެކްޝަންސްތަކެއް. އެސްޓިމޭޓް ކުރެވެޔޭ ސެޕްޓެމްބަރު ފަހުކޮޅު، ޓްރެޖެކްޓެރީއަކަށް ގޮސްފައި ދެން ތިރިވާނެއޭ. އެހެންވީމާ އަދި މި ލެވެލްގައި ދުވަސްކޮޅަކު ހިފަހައްޓާނެ،" ޝީނާ ވިދާޅުވި އެވެ.

"މި މަހުގެ ފަހުކޮޅަށް އަންދާޒާ ކުރެވެނީ ދަށްވާން ފަށާނެ ކަމަށް."

ޑރ. ޝީނާ ވިދާޅުވި ގޮތުގައި ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް އޮތީ ވަރަށް ބުރަ ބޮޑުވެފަ އެވެ. ކޮވިޑަށް ޚާއްސަކޮށް ހުޅުމާލޭގައި ހެދި ފެސިލިޓީގެ ހުރިހާ އެނދެއް ގާތްގަނޑަކަށް ފުރިފައި އޮތް ކަމަށް ވިދާޅުވި އެވެ.

ކުރިން ވެސް އޮތް ކަންބޮޑުވުމަކީ އެނދުތައް ފުރިއްޖެ ނަމަ އެކަށީގެންވާ ގޮތެއްގައި ބަލި މީހުންނަށް ފަރުވާ ނުދެވުން ކަމަށާއި މެދުކެނޑުމެއް ނެތި މި ފަރުވާގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެފައި ތިބި ކަމަށް ވިދާޅުވި އެވެ.

ޝީނާ ވިދާޅުވީ، މިހާރުގެ ރޭޓުގައި މި މަހުގެ ފަހުކޮޅަށް އަދަދު ދަށްވެއްޖެ ނަމަ ސިއްހީ ދާއިރާ އަށް މެނޭޖު ކުރެވިދާނެ ކަމަށެވެ. އެކަމަކު އެކަން ވުން ގުޅިފައި އޮތީ އެޗްޕީއޭގެ ފިޔަވަޅުތަކާ އެއްގޮތަށް އާދަތައް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ނޫން ނަމަ، އަދަދު ދަށްވާނެ ކަމަށް ޔަގީންކޮށް ދަންނަވަން ދަތި ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ މަހުން ފެށިގެން ދުވާލަކު 100 އަށް ވުރެން ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން އައިސް އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 8،500 އަށް ވުރެ މަތިވެފަ އެވެ. މި ބަލީގައި ރާއްޖެ އިން މިހާތަނަށް 29 މީހަކު ވަނީ މަރުވެފަ އެވެ.