ކުޅުދުއްފުށީގައި ކަރަންޓީނުގައި ހުއްޓާ މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށީގައި ކަރަންޓީނުގައި ހުރެގެން ފަރުވާ ހޯދަނިކޮށް ރޭ މަރުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.


އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ރޭ މަރުވި މީހާ އަކީ ކެންސަރު ބައްޔަށް އިންޑިއާ އިން ފަރުވާ ހޯދުމަށް ފަހު އެނބުރި ރާއްޖެ އައިސް ކަރަންޓީނުގައި ހުރި ހއ. ކެލާ މީހެއް ކަމަށެވެ.

މަރުވި ފިރިހެން މީހާ އޭނާގެ އުފަން ރަށް، ހއ. ކެލަ އަށް ދިޔައީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. އަދި އެ ރަށު ހޯމް ކަރަންޓީނުގައި ހުއްޓާ ހާލު ސީރިއަސްވެގެން 58 އަހަރުގެ މީހާ ކުޅުދުއްފުއްޓަށް ގެންދިޔައީ އިއްޔެ ހެނދުނު އެވެ.

ކުޅުދުއްފުށީ ޕޯޓުގެ ގެސްޓުހައުސްގައިި ކަރަންޓީނުގައި ހުރެގެން އެ ފިރިހެން މީހާ އަށް ދިޔައީ ފަރުވާ ދެމުންނެވެ. ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުން ސާމްޕަލް ނަގައި ޓެސްޓްކުރުމުންނެވެ.

"ސާމްޕަލް ނެގީ ނިޔާވި ފަހުން. އޭރު މި އެނގުނީ ކޮވިޑަށް ޕޮޒިޓިވްކަން،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ އަށް ކޮވިޑް ފެތުރިފައިވާއިރު، މި ދުވަސްވަރު މަރުވާ އެންމެން ވެސް ކޮވިޑަށް ޓެސްޓުކުރެ އެވެ.