ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ބީލަމަށް ލައިފި އެވެ.


އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ، ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ތިނަދު އާއި ކުޅުދުއްފުށީގައި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަސައްކަތަށް ބީލަން ހުޅުވާލައިފަ އެެވެ. މި ދެ ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯދުން ކުރިއަށް ގެންދަނީ އިއުލާނުގައިވާ ގޮތުން އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިންނެވެ.

ކުޅުދުއްފުއްޓާއި ތިނަދޫގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލްގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.

ކުޅުދުއްފުއްޓާއި ތިނަދޫގައި މިހާރު ވެސް ހޮސްޕިޓަލެއް ހުރެ އެވެ. ޚާއްސަކޮށް ކުޅުދުއްފުށީ ހޮސްޕިޓަލަށް އުތުރުންނާއި އެ އަށް ވުރެ ދުރު އަތޮޅުތަކުން ވެސް ބޭސްފަރުވާ އަށް މިހާރު މީހުން ދަތުރުކުރެ އެވެ. އެހެންވެ، ޑިމާންޑު ވަނީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާ އެކު ހޮސްޕިޓަލް އިމާރާތް ކުރަން ނިންމައިފަ އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދަށުން ޅ. ހިންނަވަރު ހެލްތު ސެންޓަރުގެ އާ އިމާރާތާއި ށ. މިލަންދޫ ހެލްތު ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތް ވެސް ވަނީ ބިޑަށް ހުޅުވާލައިފަ އެވެ. މި ދެ މަޝްރޫއު ވެސް ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހެނީ 1.3 މިލިއަން ރުފިޔާ އެވެ.

ތ. ވިލުފުށީގައި އިމާރާތްކުރާ އާ ހޮސްޕިޓަލް މަސައްކަތް ވެސް ބީލަމަށް ހުޅުވާފައިވާއިރު މި މަޝްރޫގެ ބިޑް ސެކިއުރިޓީއަކީ ވެސް 1.3 މިލިއަން ރުފިޔާ އެވެ.

ވިލުފުއްޓާއި ހިންނަވަރާއި މިލަންދޫގެ މަސައްކަތްތަކުގެ ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 26 ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.