ބޮޑުފިނޮޅުގެ މައްސަލަ ދެ މަސް ފަހުން މާދަމާ އަށް ތާވަލުކޮށްފި

ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި އެތައް މަހަކު މުސާރަ ނުދީ ހާލުގައި ޖެއްސި ބިދޭސީންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ދެ މަސް ފަހުން މާދަމާ އަށް ތާވަލުކޮށްފި އެވެ.


ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި މަސައްކަތް ކުރި 200 ބިދޭސީންގެ ފަރާތުން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މިދިޔަ ޖުލައި 15 ގައި ހުށަހެޅި މައްސަލަ ބަލައިގަތީ ވެސް އެއް މަސް ފަހުން އޮގަސްޓް، 19ގަ އެވެ.

ޕީއައިއެލްސީން ބުނީ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާނެ ކަން އަންގާފައިވާ ކަމަށެވެ.

ޕީއައިއެލްސީން ހުށަހެޅި މައްސަލައިގައި ވަނީ މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށާއި މުސާރަ ނުދީ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި ގައުމަށް އެނބުރިދާން އެދޭ މީހުންނަށް އެ އިންތިޒާމުތައް ރިޒް ކުންފުނިން ހަމަޖައްސައިދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. ބިދޭސީންނާ މެދު ވަކި ގޮތެއް ހަމަޖެހެންދެން ކެއުމާއި ހުރުމާއި ބޭސްފަރުވާގެ އިންތިޒާމް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ހަވާލުވާން ޖެހޭ ކަމަށް ކަނޑައަޅައިދޭން ވެސް އެ މައްސަލައިގައި އެދިފައިވެ އެވެ.

އަވަހަށް ނިންމަން ޖެހޭ މި މައްސަލަ ތާވަލު މި ކުރީ، ޓްރައިބިއުނަލްގައި މައްސަލަ ތާށިވެފައި އޮތުމުގެ ކަންބޮޑުވުން ޕީއައިއެލްސީން ފާޅުކުރުމުންނެވެ.

ސީލް ކުންފުނީގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގެ މައްސަލަ ފެންމަތިވީ، މުސާރަ ނުދިނުމާއި އަސާސީ އެހެން ހައްގުތަކުން މަހުރޫމްކޮށް، ބިދޭސީން އެ ރަށުގައި ގެންގުޅެމުންދާތީ ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރުމުންނެވެ. އެ މުޒާހަރާގައި ބިދޭސީން ފުލުހުންނާ ވެސް ކުރިމަތިލި އެވެ.

ރިޒް ކުންފުނިން މުސާރަ ދެމުން އައި ބިދޭސީން ހަމަނުޖެހުން ހިންގުމުން އެ ކުންފުނިން ވަނީ އެ ރަށަށް އެ މީހުން ދޫކޮށްލައި ހަވާލުވާން ދެކޮޅު ހަދައިފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުން އެ މީހުން މާލެ ގެނެސް މިހާރު ބައިތިއްބާފައި ތިބީ ހުޅުމާލޭގައި ހުންނަ އެމްއާރުޑީސީގެ ފެސިލިޓީއެއްގަ އެވެ. އެމްއާރުޑީސީގެ އެ ފެސިލިޓީގައި އެ މީހުން ބޭތިއްބިޔަސް ހުރިހާ ޚަރަދެއް ދައްކާނީ ރިޒް ކުންފުނިން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ބިދޭސީންނާ ދޭތެރޭގައި އަމަލުކުރި ގޮތުން ރިޒް ކުންފުންޏަށް ކުރަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތެވެ.

ފުލުުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރާ މި މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށެވެ. ރިސޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަކު ރިޒް ކުންފުނިން ވަނީ މި ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ. ކުރިން މުސާރަ ދެމުން އަޔަސް ބޮޑުފިނޮޅުގައި ތިބި ހުރިހާ ބިދޭސީންނަކީ އެ ކުންފުނިން ހަވާލުވާން ޖެހޭ ބައެއް ނޫން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ.

ބޮޑުފިނޮޅުގައިރިޒް ކުންފުނިން މަސައްކަތް ކުރުވި 179 ބިދޭސީންނަށް މުސާރަދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ވަނީ އަންގައިފަ އެވެ. އެކަމަކު އެ އެންގުން ބާތިލްކުރަން ރިޒް ކުންފުނިން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.