ބޮޑުފިނޮޅުގައި ތިބި ބިދޭސީންތަކެއް: އެ މީހުންގެ މުސާރައިގެ މައްސަލާގައި އެލްއާރުއޭއިން ވާހަކަ ދައްކަނީ ޝަރީއަތަށް ނުފޫޒު ފޯރުވަން ރިޒް އިން ބުނޭ -- ފޮޓޯ/މިހާރު
11 އޯގަސްޓް 2020 - 16:57
ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މުސާރަ ދިނުމުގެ މައްސަލާގައި ރިޒް ކުންފުނީގެ އެއްބާރުލުން ނުލިބޭ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ބުނެފައިވާތީ އެކަމާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ރިޒް ކުންފުނިން ރޭ ބުނެފި އެވެ.
ސީލް ކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން މަސައްކަތް ކުރުވި 179 ބިދޭސީންނަށް މުސާރަ ނުދިން މައްސަލާގައި އެ މީހުން ހިންގި ހަމަނުޖެހުންތަކަށް ފަހު، އެ މީހުންގެ މުސާރައިގެ ކަންކަން މިދިޔަ މަހުގެ ނިޔަލަށް ނިންމަން އެލްއާރުއޭ އިން އޮތީ ރިޒް ކުންފުންޏަށް އަންގައިފަ އެވެ. އެކަމަކު އެ ކުންފުނީގެ އެއްބާރުލުން ނުލިބޭ ކަމަށް އެލްއާރުއޭ އިން އިއްޔެ ބުންޏެވެ.
އެކަމާ ގުޅިގެން ރިޒް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެލްއާރުއޭގެ އެންގުން ބާތިލްކުރަން އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށެވެ. އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެލްއާރުއޭ އިން މީޑިއާގައި ވާހަކަ ދެއްކުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ބިދޭސީންގެ މުސާރައިގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ހިނގަމުންދާ ކަމަށާއި މުސާރަ ދޭން އެންގުން ފަދަ ނިންމުންތައް ނިންމޭނީ އެ މައްސަލާގެ ތެރެއިން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، އެކަމުގައި އެލްއާރުއޭއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށާއި އަދި ހަގީގަތް އޮޅޭ ގޮތަށް އަމަލު ނުކުރަން އަންގާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވާން ރިޒްގެ މައްޗަށް ބ. ތުޅާދޫ ކޯޓުން އަމުރެއް ނެރުނަސް، އެ ކުންފުނިން ވަނީ އެކަމާ ދެކޮޅުހަދައި، އެ މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ. އެހެންވެ، ސަރުކާރުގެ ބެލުމުގެ ދަށުން އެ ބިދޭސީން މިހާރު ތިބީ ހުޅުމާލޭގައި ބައިތިއްބައިފަ އެވެ.
އެ މީހުންގެ އިތުރުން އެރަށުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރު ކުރުމަށް ފަހު، މިހާރު ވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާފިޔަތު
12 August 2020
ކޮރޯނާ ވީމމަ މި މަޑު ކޮށްލަނީ. އިންސާފު ހޯދަން ނުކުންނާނަން. ހަނދާންކުރާތި އެމް ޑީ ޕީ
ބޮޑުވައި އިނގިލި
12 August 2020
ރިޒް ކުންފުނި - އެމްޑީޕީއާއި އިބްރާހީމް މުހައްމަދު ސޯލިހު ކިލެގެފާނުގެ ވެރިކަމުގެ ވެއްޓުން
ފަހުދު
12 August 2020
ރިޒް ކުންފުނި ހާދަހާ ބާރުގަދައޭދޯ. މިވަނީ ކިހިނެތް؟މޑޕ ގެ އިންސާފު ގާއިމްވުމުގެ އަލާމާތްތައް ހާދަގިނައޭ މިހާރު
ބުރާންޗެއް
12 August 2020
ރިޒާމެން މިއަދު ލަދުގަންނަންޖެހޭނެ ތިވައްތަރަށް ޤާނޫނު ތަންފީޒުކުރަން ތިބި އިދާރާތަކަށް ބިރުދައްކަން އަދި އަމުދުން މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ. އެމްޑީޕީ ބައިގަނޑާއި ޖެހުނީމަ ނޯންނާނެ އެއްވެސް އެއްޗެއް، ހަމަ ޗޮކުން ދާނީ.
ދޮންވެލި
12 August 2020
ފުރަތަމަ މައްސަލަ އެފުދުނު އިރު މީހާ ހުރީ ސައިޒް ގަ އެވެ. ދެން ބައެއް ބިދޭސީން ފުރުވާލާ އަނެއް ބަޔަކު ބަންދު ކުރީމަ ހިންދެމިލާ ފަ ވާހަކަ ދައްކަނީ އެވެ. އެލްއާރުއޭ އިން ރިސޯޓް ތައް ބަލައިފިނަމަ ސަލާމަތުން ހުރި ރިސޯޓެއް ނުހުންނާނެ އެވެ .
ހަސަނު
12 August 2020
މި ރިޒް މީ މާ ވަރުގަދަ ބަޔަކީތަ، ބޭނުން އިރަކު ބޭނުން ތާކު ފިޔަވަޅު އަޅަމުން މި ހިނގަނީ....
ކައުންސެލަރު
11 August 2020
ބޮލަށްފިތިފަހުރި ތާވަޅައެއްހެން މިއުޅެނީ. މިގައުމުގާ ސަރުކާރެއް އެބައޮތްތަ؟
އުދުހޭ
11 August 2020
މިއަދިވެސް މީނާ ހިފާ ހައްޔަރު ނުކުރޭ ދޯ؟ ދުއާ އަކީ އިންސާފު ލިބުން.
ޙުސައިން.
11 August 2020
މިލަންދޫ ދާއިރާގެ ލޮބުވެތި ރައްޔަތުން ކޮބާ؟ މެމްބަރުކަމުން ވަކި ކުރަން ދާއިރާގެ ރައްޔަތުން ޕެޓިޝަން ހުށައަޅާ މުޒާހަރާ ކުރާކަށް ނުވޭތަ؟ އަދިވެސް ޕާޓީ ހިމާޔަތް ކުރަނީތަ؟ ތި ރައްޔަތުންނަށް މުސާރަނުދީ 7 މަސްވެއްޖެނަމަ ކެއްވާނެތަ؟ އިންސާނީ ހައްޤަށްވުރެ ކުލަމުހިންމީދޯ؟ ތިމީހުނަންވެސް ސުވާލު ކުރެވޭނެ
ވަރަށް ސަލާމް
11 August 2020
ހާދަ ހެއްވައޭ. އަމިއްލަ ކުންފުންޏަކުން ދައުލަތަށް ބިރުދައްކާ އިންޒާރު ދެނީ! ބަޔަކުލައްވާ ގުލާކޮށް މުސާރަ ނުދޭކަން ކަށަވަރަށް ސާބިތު. ހިއުމަން ޓްރެފިކިން ކަށަވަރު. މީތޯ އެމް.ޑީ.ޕީ ގެ އިންސާފަކީ! ކޮބައިތޯ އެއްކަލަ ހުރިހާތާކަށް އުނދުޅިބާނާ މަޖިލީހާއި އެތާގެ ރައީސް!؟ މިހާރުދެން ރައްޔިތުން ގާތު އެމް.ޑީ.ޕީ އިން އިންސާފޭ ހައްގޭ ފަޅޮލޭ ނުކިޔާތި. މިމީހުންގެ ދެފުށްދެގޮތްކަން ގަބޫލްނުކުރާ އާއްމު ރައްޔިތު މީހާއަށްވެސް ވަރަށް ސަލާމް.