ބޮޑުފިނޮޅުގެ މައްސަލައިގައި ފަސް އިދާރާއެއް މަޖިލީހަށް ހާޒިރުކުރަން ނިންމައިފި

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މީހުންނަށް މުސާރަ ނުދީ، ހިއުމަން ޓްރެފިކިން އަށް ފެތޭ ގޮތަށް އެ މީހުން ލައްވައި ރިޒް ކުންފުނިން މަސައްކަތް ކުރުވި ކަމުގެ ތުހުމަތާ ގުޅިގެން، ސަރުކާރުގެ ފަސް އިދާރާއެއް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން މިއަދު ނިންމައިފި އެވެ.


ރިޒް ކުންފުނީގެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރި މައްސަލަ ދިރާސާކުރާ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހުގެ ކޮމިޓީން ނިންމީ، އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން އަދި ލޭބަ ރިލޭޝަންސް އޮތޯރިޓީ ކޮމިޓީ އަށް ހާޒިރުކުރުމަށެވެ.

އެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، މަޖިލީހުގެ ޖަލްސާ ތަންދޭ އެންމެ އަވަހަކަށް އެ ފަސް އިދާރާ ހާޒިރުކުރާނެ ކަމަށެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން، ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވަނީ، މުސާރަ ނުލިބިގެން ވިޔަސް ބިދޭސީންތަކެއް ޝަކުވާ ކުރާއިރު އެ ހައްގު ކަށަވަރުކުރާ ފަރާތަކީ ކޮބައިތޯ ސުވާލު އުފައްދަވައިފަ އެވެ.

"..ސްޕޮންސަރުންނަށް އެ ދޭންޖެހޭ މުސާރަ ދީފައިތޯ އޮތީ؟ އެ މީހުން ފޮނުވާލުމުގެ ކުރިން ދިންތޯ؟ މި ކަންތައްތަކޭ ކަށަވަރު ކުރެވިފައެއް ނެތް. މިސާލަކަށް ވެދާނެ ފުލުހުންގެ މެންޑޭޓުގައި ނެތް ކަމަކަށް އެއީ. އެކަމަކު ދައުލަތުގެ ކޮންމެވެސް އިދާރާއެއްގެ މެންޑޭޓުގައި އޮންނަން ޖެހޭނެ ކަމެކޭ އަޅުގަނޑު މި ދަންނަނީ. އެ ކަންތައްތަކެކޭ އަޅުގަނޑުމެން ސާފުކުރަންވީ،" އަފީފް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖަމްޝީދު މުހައްމަދު ވިދާޅުވި ގޮތުގައި، އެފަދަ ކަމެއް ގައުމަށް ދިމާވުމުން ކަންތައްތައް ކުރާނެ ގޮތަކީ ކޮބައިތޯ ބަލަންޖެހެ އެވެ.

ޖަމްޝީދު ވިދާޅުވީ، ބައެއްގެ ހައްގުތައް ގެއްލިއްޖެ ނަމަ އޮންނަނީ އަރައިރުން ވުމާއި ތަޅައިފޮޅުމާއި ގެއްލުން ދިނުމެއް ނޫން ކަމަށެވެ. ހައްގުތައް ހޯދަން ހަލުތާލު ކުރެވިދާނެ ކަމަށާއި އެކަމަކު ދިވެހި މުޖުތަމައަށް އެ ދިން ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ބިދޭސީންނަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސާރަ ނުދިން މައްސަލައިގައި އެ މީހުން ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީނުކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. މުސާރަ ނުދެވުނީ އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު ސީލް ކުންފުނިން އެކަމަށް އިންކާރު ކުރެ އެވެ.