ސަފާރީ ކޭސް: ފުލުހުން އިހުމާލުވި ކަމުގެ ތުހުމަތުތައް އެންއައިސީ އަށް ކިޔައިދީފި

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، ކެންޔާގެ އަންހެނަކަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ވިކްޓިމްގެ ވަކީލުން ކުރާ ތުހުމަތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އާ ހިއްސާކޮށްފި އެވެ.


ޖިންސީގޯނާގެ މައްސަލަ ރިޕޯޓު ކުރުމާ ހިސާބުން ފެށިގެން ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާއި ވިކްޓިމް ހޮސްޕިޓަލަށް ގެންދިއުން ލަސްވުމާއި ތުހުމަތު ކުރެވޭ މީހުން އެހާ އަވަހަށް ދޫކޮށްލުން ފަދަ ތުހުމަތުތަކާ ގުޅިގެން ކުރިން ވެސް ބޮޑެތި ފާޑުކިޔުންތަކެއް ފުލުހުންނަށް އަމާޒުވި މި މައްސަލައިގައި ކެންޔާގެ 27 އަހަރުގެ އަންހެން މީހާގެ ގާނޫނީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ ޝަފީއާ ރިޒާ އާއި ނޫރުބާން ފަހުމީ އެވެ.

ޝަފީއާ ރިޒާ ވިދާޅުވީ، އެންއައިސީއަށް އެ ވާހަކަތައް ކިޔައިދެއްވީ، ވިކްޓިމްގެ ބަޔާން ފުލުހުން ބަދަލުކުރި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށާފައިވާ މައްސަލައިގައި ކަމަށެވެ. ތަހުގީގަށް ހެކި ހޯދުމާއި އަވަސްކޮށް މައްސަލަ ތަހުގީގުކޮށް ނިންމަން ލިބިފައިވާ ހައްގަށް އުނިކަން ލިބޭ ގޮތަށް ފުލުހުން ހިންގާފައިވާ އަމަލުތައް ވެސް އެންއައިސީގެ ތަހުގީގަށް ކިޔައިދެއްވި ކަމަށް ޝަފީއާ ވިދާޅުވި އެވެ.

"ފުލުހުންގެ ތަހުގީގާ މެދު ސުވާލު އުފެދޭ ކަންކަން އަޅުގަނޑުން ހިއްސާކުރިން،" ޝަފީއާ ވިދާޅުވި އެވެ.

ވިކްޓިމްގެ ބަޔާން ފުލުހުން ބަދަލުކުރާ ކަމަށް ތުހުމަތާ އެކު ވަކީލުން ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު ފުލުހުން އެ ތުހުމަތު ދޮގުކޮށް ބުނެފައި ވަނީ ބަޔާނަށް އުނިއިތުރު ގެނެސްފައި ނުވާނެ ކަމަށެވެ.

އެ ވީޑިއޯއަކީ، ވިކްޓިމް އާއި ސްކައިޕް މެދުވެރިކޮށް ކޮށްފައިވާ އިންޓަވިއު ރެކޯޑިންއަކަށް ފަހު ވިކްޓިމްއާ ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާނެއް ޑްރާފްޓް ކުރުމުގެ މަރުހަލާގައި ތަހުގީގު ކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއް ކަމަށް ފުލުހުން ބުންޏެވެ.

ޝަފީއާ އާއި ނޫރުބާން "މިހާރު" އަށް ވިދާޅުވެފައި ވަނީ، ތަހުގީގުގައި ވިކްޓިމް ދޭ ބަޔާނަކީ "އަލިފުން ޔާ" އަށް އޮންނަން ޖެހޭ އެއްޗަކަށް ވިޔަސް ފުލުހުންނަށް އޮޅިގެން ވަކީލުންނަށް ސްކައިޕް މެދުވެރިކޮށް ފޮނުވުނު ވީޑިއޯގައި، ވިކްޓިމްގެ ބަޔާން "ބަދަލުކުރާ ތަން ފެނުމުން" ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ. އެހެންވެއާ ވެސް އެކު، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ އެންމެ އިންސާފުވެރިކޮށްތޯ ވަކީލުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ސަފާރީ ކޭސްއާ ގުޅިގެން ފުލުހުންނަށް ކުރި އާ ތުހުމަތެއް އެންއައިސީން ތަހުގީގުކުރާއިރު، އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ގަސްދުގައި އިހުމާލުވި ކަމަށް ކުރި ބޮޑެތި ތުހުމަތުތައް ވެސް ބެލި އެވެ. ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަ ނިންމާނެ ކަމަށް ބުނެފައިވިޔަސް ތަފުސީލެއް އޭގެ ފަހުން އާއްމެއް ނުކުރެ އެވެ.