ކޮވިޑް ކޭސްތައްް މިއަދު ވެސް 30 އިން ދަށުގައި

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު 30 އަށް ވުރެ ދަށުގައި މިއަދު ވެސް ހިފެހެއްޓިއްޖެ އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެގެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ދެމެދު ރާއްޖެއިން އެބައްޔަށް އަލަށް ޕޮޒިޓިވްވީ 27 މީހުން ކަމަށެވެ. އޭގެކުރީ ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 26 މީހުންނެވެ.

މި މަސް ފެށުނީއްސުރެ މިހާތަނަށް ކޮވިޑް ކޭސްތަކުގެ އަދަދުތައް ވަރަށް މަދު ދުވަހެއްގައި ނޫނީ މުޅިން ވެސް ހުރީ 30 އަށް ވުރެ ދަށުގަ އެވެ. އެގޮތުން މިދިޔަ ބުދަދުވަހު 29 ކޭސް ފެނުނު އިރު ބުރާސްފަތި ދުވަގު ފެނުނީ 27 ކޭސް އެވެ.

ރަށްތަކުގައި ކޮވިޑް ބަލި މީހުންގެ ތިބި އަދަދު ވެސް މި ހަފުތާގައި އަންނަނީ ދަށްވަމުންނެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު 13 ރަށަކާއި 26 ރިސޯޓެއްގައި އެބަލީގެ މީހުން ތިބި އިރު ޖެހިގެން އައި ދުވަހު ބަލިމީހުން ތިބީ 11 ރަށަކާއި 27 ރިސޯޓެއްގަ އެވެ. އަދި ބުރާސްފަތި ދުވަހު 10 ރަށަކާއި 25 ރިސޯޓެއްގައި ކޮވިޑްގެ ބަލިމީހުން ތިބި އިރު މިއަދު ތިބީ ނުވަ ރަށަކާއި 25 ރިސޯޓެއްގަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް މިދިޔަ ހަފުތާގައި ވަނީ ކޮންމެވެސް ވަރަކަށް ލުއިކޮށްްފަ އެވެ. އެގޮތުން ވަކި އުސޫލަކުން ބޭނުންކުރެވޭ ގޮތަށް މާލެ ސަރަހައްދުގެ ޕާކްތައް ވެސް މިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 12،000 އަށް ވުރެ މަތިވެފައި ވިޔަސް އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 827 އެވެ. އެބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 41 އެވެ.