ކޮވިޑް-19 / ވެންޓިލޭޓަރުތައް ގެނައުމުގެ މައްސަލަގަނޑު

ވެންޓިލޭޓަރުތަކުގެ މަތިން ދެން ހަނދާން ނައްތާލާ!

ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ އައިސީޔޫގައި ބަލިމީހަކަށް ފަރުވާދެނީ: ވެކްސިންގެ މަސައްކަތް ފެށިއިރު ވެސް އެގްޒެކިއުޓާސްއާ ހަވާލުކުރި ވެންޓިލޭޓަރުތައް ހަމައަށް ނުފޮނުވާ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮވިޑް-19ގެ ބިރުން އަރައިގަތުމަށް ދެން އޮތީ ވެކްސިން ޖަހަން ފެށުމެވެ. ހުރިހާ ދިވެހިންނަށް ވެކްސިން ހޯދަން ކުރަން ޖެހިފައިވާ މަސައްކަތް ބޮޑެވެ. އެކަމަކު މި މަސައްކަތް ފެށިއިރު ވެސް ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކުރިމަތިވި ހާސްކަމުން ހެލްތު މިނިސްޓްރީއަކަށް އަރައެއް ނުގަނެވުނެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ މަކަރުގައި އަދިވެސް ތާށިވެފަ އެވެ. އެންމެ ފަހުން ފޮނުވި ފަސް ވެންޓިލޭޓަރާ ހެލްތު މިނިސްޓްރީން އަދިވެސް ހަވާލެއް ނުވެ އެވެ. ޑްރެގާ ބްރޭންޑުގެ ޑިސްޓްރިބިއުޓަރު، އޭޑީކޭ ކުންފުނި މެދުވެރިކޮށް ވެންޓިލޭޓަރުތައް މިފަހަރު ފޮނުވީ، ބައެއް އާލާތްތައް މަދުކޮށެވެ. އެ ތަކެތި ލިބުމުން ނޫނީ ހަވާލުވާން ހެލްތުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ އާލާތްތަކަށް ފައިސާ ދައްކަން އެގްޒެކިއުޓާސްގައި ވަނީ އެދިފަ އެވެ.

އެއްބަސްވި ގޮތަށް އަދި ސަރުކާރުން ފައިސާ ދައްކާފައިވާ 75 ވެންޓިލޭޓަރު ފޯރުކޮށްދޭން އެގްޒެކިއުޓާސްގައި "އާދޭސްކުރާ" އިރު، ފުރަތަމަ ރާއްޖެ ފޮނުވި 10 ވެންޓިލޭޓަރު ވެސް ފަރުވާގައި ބޭނުންކުރެވޭ ވަރަށް ވުރެން ފެންވަރު ދަށެވެ. އެ މައްސަލަ ޖެއްސުމުން ބަދަލުގައި 10 ވެންޓިލޭޓަރު އަލުން ދިނެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވައިދޭން އެދުމުން ފުރަތަމަ ކަނޑައެޅީ ވަކި ތާރީޚެކެވެ. އެކަމަކު އެ މުއްދަތުގައި ނުލިބިގެން ހެލްތު މިނިސްޓްރީން އެ ކުންފުންޏާ މުއާމަލާތްކުރާތާ މަސްތަކެއް ފަހުން ފޮނުވި ފަސް ވެންޓިލޭޓަރު ވެސް އަދި އޮތީ ބޭކާރު އެއްޗެހީގެ ގޮތުގަ އެވެ. އެއާ އެކު ލިބެން ޖެހޭ އާލާތްތައް ލިބި ބޭނުންކުރެވޭ ހާލަތުގައި ހުރި ކަން ޔަގީންކުރެވުމުން ހެލްތަށް ދެން ވެސް ޖެހޭނީ ބާކީ 60 ވެންޓިލޭޓަރު ހޯދަން ފަހަތުން ދުވާށެވެ.

އެގްޒެކިއުޓާސް އިން މިހާތަނަށް އަމަލުކުރަމުންދާ ގޮތަށް ބަލާއިރު ހަމައަށް މި ވެންޓިލޭޓަރުތައް ފޮނުވާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ހެލްތު މިނިސްޓްރީއަށް އެތައް ތާރީޚެއް ދީ އެ ކުންފުނިން އޮޅުވާލަނީ އެވެ. ސުވާލަކީ ނިސްބަތުން އެހާ ދިގު މުއްދަތެއް ވަންދެން އާދޭސްކުރާން ތިބެން ޖެހޭ ވަރަށް ރާއްޖެ އަށް މިހާރު އެ ވެންޓިލޭޓަރުތައް ބޭނުން ހެއްޔެވެ؟

އޮކްސްފޯޑްގެ ކޮވިޑް ވެކްސިން: މި ވެކްސިން ހޯދަން ފައިޒާގެ ސިންގަޕޫރު ކުންފުންޏާ އެކު ސޮއިކުރަން ސަރުކާރުން ވަނީ ނިންމާފައި --ފޮޓޯ:އޭއެފްޕީ

ކޮވިޑްގެ ހާސްކަމުގައި އަދި އޭރު ލިބެން ހުރި މައުލޫމާތާއި އަންދާޒާތަކަށް ބަލާއިރު ވެންޓިލޭޓަރު ހޯދުމުގެ މަރުހަލާގައި ލަފާކުރި ވަރާ ގާތަށް ވެސް ވެންޓިލޭޓަރުގައި ކޮވިޑްގެ ބަލި މީހުންނަށް ރާއްޖޭގައި ފަރުވާދޭކަށް ނުޖެހުނެވެ. ރާއްޖޭގެ ދެ ކުންފުންޏަކާ ހަވާލުކުރި 74 ވެންޓިލޭޓަރު ގެނެސް ހެލްތު މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ.

އެންމެ ގިނަ ވެންޓިލޭޓަރު ބޮޑު އަގުގައި ފޯރުކޮށްދޭން އެގްޒެކިއުޓާސް ކަނޑައަޅައި، 34 މިލިއަން ރުފިޔާ ވަނީ އެއްފަހަރާ ދައްކައިފަ އެވެ. އެ 75 ވެންޓިލޭޓަރު ހޯދަން އެއްބަސްވި ގޮތަށް ބަލާއިރު ބާކީ ނުދީ އޮތީ އެންމެ ހަތަރު މިލިއަން ރުފިޔާ އެވެ. ބޭންކް ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި 30 މިލިއަން ރުފިޔާ ދިނީ މާލިއްޔަތު ގަވާއިދާ ޚިލާފަށެވެ. އެއްބަސްވުން ހަދާފައި އޮތީ، ބާކީ ފައިސާ އެއްކޮށް ދައްކައި ނިމުމުން ވެންޓިލޭޓަރުތައް ފޮނުވާ ގޮތަށެވެ.

އެގްޒެކިއުޓާސް އަށް ބޮޑު އަދަދަކުން ފައިސާ ދޫކުރީ ވެންޓިލޭޓަރު ފޮނުވޭނީ އެއްކޮށް ފައިސާ ދެއްކުމުން ކަމަށް އެ ކުންފުނިން ޝަރުތު ކުރުމުންނެވެ.

އަދިވެސް ނާޖާއިޒު ފައިދާ ހޯދައި ދެވެނީ!

ދުބާއީގައި ކުޑަ ކްލިނިކެއް ހިންގާ އެގްޒެކިއުޓާސް އިން ވެންޓިލޭޓަރު ވިޔަފާރީގެ ތެރެއަށް ވެއްދީ، އެއްގޮތަކުން ބަލަންޏާ ރާއްޖޭގެ ހެލްތު މިނިސްޓްރީންނެވެ. އެންމެ މީހަކު އިސްވެ ހިންގާ އެ ކުންފުނިން ވެންޓިލޭޓަރު ނުވަތަ ސިއްހީ ސާމާނުތައް ވިއްކާ ކަމުގެ ރެކޯޑެއް ނެތެވެ. ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ ހަވާލުކުރީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަން އޮޑިޓް ރިޕޯޓާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުން އެނގެ އެވެ.

އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށް އޭސީސީން ދައުވާކުރަން ވެސް ފޮނުވި އެވެ. އެކަމަކު އެ މައްސަލަތަކުގައި ދައުވާކުރަން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓަ ޖެނެރަލް އަނބުރާ އޭސީސީއަށް އެ މައްސަލަ ފޮނުވާލީ އެވެ. ނަމަވެސް އޭސީސީން އެދިގެން އެ މައްސަލަ މުރާޖައާކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެގްޒެކިއުޓާސްއަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމުގެ ހެއްކާއި ގަރީނާ އޭސީސީން އެއްކޮށްފައިވާއިރު، ދިވެހި ދައުލަތުގެ ފައިސާއިން އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން އަދިވެސް އޮތީ މަގުފަހިވެފަ އެވެ.

ވިޔަފާރި ކުންފުންޏަކަށް ވާތީ ވިޔަފާރި ފުޅާކުރުމުގެ މަސްލަހަތު އެގްޒެކިއުޓާސްގައި އޮންނާނެ ކަން ފާހަގަކުރައްވަމުން ގާނޫނީ ވަކީލަކު ވިދާޅުވީ ފައިސާ ދީފައި ދައުލަތަށް ޚިދުމަތެއް ނުލިބޭއިރު އިތުބާރާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން ފުރުސަތު ދީގެން ތިބުމުގެ ބަދަލުގައި ގެއްލުނު ފައިސާކޮޅު ހޯދަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ކޮވިޑާ ހެދި ވެންޓިލޭޓަރުގެ އަގު މައްޗަށް ޖެހުނަސް ދުނިޔޭގެ މާކެޓްގައި ވެންޓިލޭޓަރުގެ އަގު މިހާރު ވެއްޓި އެގްޒެކިއުޓާސްއަށް މާލީ ބޮޑު ފައިދާއެއް ވުމުގެ ފުރުސަތު ބޮޑެވެ.

"މިހާރުގެ ހާލަތަށް އަދި އެ ކުންފުނިން އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު ވެންޓިލޭޓަރުތައް އެ މީހުން ފޯރުކޮށްދޭނެ އިރަކަށް ތިބުމެއް ނޫން ހެދެން އޮތް ގޮތަކީ. މުހިއްމީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި އެވެ.

އެއްބަސްވުން އުވާލައިގެން ދައުލަތަށް ގެއްލުންވާނެ؟

ކޮވިޑުގެ ބިރު ރާއްޖެ ވަށާލި ވަގުތު ހޯދަން ޖެހުނު ވެންޓިލޭޓަރުތައް ކޮންމެ ގޮތަކުން ނަމަވެސް އެތެރެކުރަން އަވަސް އަރުވާލައި، އެއްބަސްވުމެއްގައި ހެދޭނެ ހުރިހާ ގޯސްތަކެއް އޮތީ ހަދައިފަ އެވެ. ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތި މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި މާ ފަހުން އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއިކުރުމާއި ބޭންކް ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ ދޫކުރުން ހިމެނެ އެވެ.

މި ހުރިހާ ގޯސްތަކަކާ އެކު ވެންޓިލޭޓަރު ހޯދަން ހަވާލުވި ކުންފުނިން މަކަރާއި އޮޅުވާލުމުގައި ދެމިތިބިއިރު ފިޔަވަޅު އެޅުމުގެ ވިސްނުމެއް ސަރުކާރުގައި އަދި ނެތެވެ. އެ ކުންފުންޏާ ހަވާލުކުރި 75 ވެންޓިލޭޓަރު ނުލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ނުނިންމާކަން އެނގެނީ އެ ތަކެތި ފޮނުވައިދޭން އެދި އެ ކުންފުންޏާ އަދިވެސް ވާހަކަ ދައްކަމުން އަންނާތީ އެވެ. ދޮގާއި މަކަރު ހަދާ ބަޔަކަށް އަދިވެސް އިތުބާރުކުރާތީ އެވެ.

އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށް ނުދޭތީ ފިޔަވަޅު އެޅުމުގެ އިންޒާރެއް އެ ކުންފުންޏަކަށް އަދި ނުދެ އެވެ. އެކަމަކު ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ފައިސާ ހޯދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު މި ވާހަކަ ދެއްކެވި އިރު އެގްޒެކިއުޓާސް އިން އޮތީ މިދިޔަ އޮގަސްޓް މަހު ވެންޓިލޭޓަރުތައް ފޮނުވައި ނިންމާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީއަށް ދީފަ އެވެ. އެކަމަކު އޭގެ ފަހުން ފަސް މަސް ވި އިރު ވެސް އެ ވެންޓިލޭޓަރުތަކެއް ނުލިބެ އެވެ.

އެއްބަސްވުމެއް އޮތުމުން އޭރު އިސްކަންދިނީ، މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، އެ ތަކެތި ހޯދުމަށެވެ. އެކަމަކު ނުލިބިއްޖެ ނަމަ އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބޭނުންވާ ތަފްސީލްތައް ހޯދަމުން ދިޔަ ކަމަށް އަމީރު ވިދާޅުވި އެވެ.

"މި ތަކެތި ނުލިބިއްޖެ ނަމަ، އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އެގްރީމަންޓުގައި ޑިލޭ ޗާޖަސްގެ ވާހަކަ އެބަ އޮތް. އާބިޓްރޭޝަނަކަށް ހިނގައްޖެ ނަމަ ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގައި އެކަން ކުރަން ޖެހޭ ކަމަށް ލިޔެފައި އެބަ އޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިގޮތަށް ލިއެފައި އޮތަސް އެގްޒެކިއުޓާސް އަށް ދޫދީގެން އަދިވެސް ތިބީ އެވެ. އެކަމަކު ވެންޓިލޭޓަރުތައް ހޯދަން އުޅުނުއިރު އޮތް ހާސްކަމެއް ރާއްޖެއަކަށް ވެސް މިހާރަކު ނެތެވެ. މިހާރުގެ ކަންބޮޑުވުމަކީ ބޮޑު އަގުގައި ވެސް އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ނުލިބިދާނެ ކަމުގެ ބިރެވެ. އެހެންކަމުން، ވެންޓިލޭޓަރުތައް ހޯދަން އެގްޒެކިއުޓާސް ފަހަތުން ދުވުމުގެ ހަގީގީ ބޭނުމެއް ނެތެވެ.

ފިޔަވަޅު އެޅުމުގެ ނޯޓިސް އެއްބަސްވުމުގެ ދަށުން ދެވެން އޮތް ނަމަ އެކަން ކޮށް، ދައުލަތަށް ގެއްލުން ނުވާނެ ގޮތަށް އެއްބަސްވުން އުވާލައިގެން ނަމަވެސް ފައިސާ ހޯދަން ޖެހެ އެވެ. ނުވަތަ ގޯހުން ހިނގި މުއާމަލާތް ރަނގަޅު ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލައި، މިކަން މިހާރު މި އޮތީ ނިންމާ ހަލާސްކުރާ ހިސާބުގަ އެވެ.

55 ކޮމެންޓް, 88 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 6%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލާޙް

06 January 2021

ހަގީގަތަކީ ތިކަންތައް މިނސްޓަރުގެ ބޯކާލައިގެން ކުރީ ޑަބްލިޔޫ ޢެޗް އޯ ގެ މާލޭ ގަ ހުންނަވާ ރެޕްރެޒެންޓޭޓިވް. މިހާރު ބެލިޔަސް ތި އެގްޒެކިއުޓާސް ކުންފުނީގެ ވެރިއަކަށް ހުންނާނީ އިންޑިޔާ މީހެއް. މާތޫރަކަށްވެސް ވެދާނެ

The name is already taken The name is available. Register?

ކަކުނިބޯ

07 January 2021

އެހެންވެ ފިޔަވަޅުނާލާ ބަލި މީހާއަށް އައިވީތިކިސްޓްކޮށްފައި ހުންނަގޮތަށް ވެންޓިލޭޓަރ ރާއްޖެއަށް ގުޅާފައެހެރީ. ކަ މެއްވީ މާ ދޯ ފިޔަވަޅުނޭޅެނީ. ދުބާއީގައި ރާއްޖޭގެ އެންބަސީއަކީ އެތަށް މުއައްޒަފުން ނެއްތިބޭއިރު އެއްކަ މެއްނުކޮށް އި މެއިލްއޭ ޅަފަޅޮޅޭ ކިޔަކިޔާ މިތިބެނީ ޤާނޫނީީ އެއްވެސް ފިޔަވަޅެއްނާޅާ. ދިވެހި ރައްޔިތުންނަކީ ގަ މާރުން ކަ މަށްދެކި ދިވެހި ވެރިންނަކީ ވިސްނުންތެރި އަދުލުވެރިންކަ މަށް ހީކުރާނެކަ މަށް. ދިވެހިންގެ ނިކަ މެތިކަން އިހުސާސްވަނީ

The name is already taken The name is available. Register?

ކަތްރެވި

06 January 2021

ކިޔާދީބަލާށޭ! ކީކޭ ކިޔަންވީ؟؟ ހާލަތު ބުނާށޭ!! ކީއްބާވައޭ ވީ؟؟ ރާހަތު އެނގޭހޭ؟؟ ހަމަ ގައިމު ތާއޭ!! ތިޔައީ މިގައުމު އަދު ހިނގާ ހާލަތެވެ!!

The name is already taken The name is available. Register?

ށާލިހު

06 January 2021

ޥެންޓިލޭޓަރުތައް ބަލާ އެދިޔައީ އެންނު ރައީސްމީހާ

The name is already taken The name is available. Register?

ބޮލި ކުދި

05 January 2021

އެއްބަސްވުން ހަދާފައި އޮތީ، ބާކީ ފައިސާ އެއްކޮށް ދައްކައި ނިމުމުން ވެންޓިލޭޓަރުތައް ފޮނުވާ ގޮތަށެވެ.އެއްބަސްވި ގޮތަށް ބަލާއިރު ބާކީ ނުދީ އޮތީ އެންމެ ހަތަރު މިލިއަން ރުފިޔާ އެވެ. ދެން އެމީހުން ބުނާނީ އެއްބަސްވުމުގައި އޮތީ ފައިސާ އެއްކޮށް ދެއްކުމުން ވެންޓިލޭޓަރުތައް ފޮނުވާނެވެ. ވީމާ ބަކީ 4 މިލިޔަން ނުދައްކައި އާބިޓްރޭޝަނަށް ދިޔަޔަސް ކާމިޔާބެއް ނުވާނެއެވެ.

The name is already taken The name is available. Register?

ނަޖުދާ

05 January 2021

އެހެންތަ! ސަޅިއެއްނު. ކަލޭމެންގެ ސަރުކާރުން ވައްކަން ކުރީމަ ހަނދާން ނައްތާލަންވީ! ފައްކާ ނޫސްވެރިންނޭ މިތިބެނީ.

The name is already taken The name is available. Register?

ލީލާ ބަންސާލީ

05 January 2021

އަމީނުގެ ބޮޓުންތައް އަދިވެސް ހާދަ ހިތްވަރެކޭމިނެރެނީ. ދެން ޕީއާރު ކެންޕޭނުތައް ހުއްޓާލާންއުޅޭ. ދެން އޮތީ ތަހުގީގުކޮށް އަދަބުދިނުން.

The name is already taken The name is available. Register?

އަޝްރަފު

05 January 2021

ދެން މިހާރު އަމީނުވެސް ނެތެއްނު! އަވަހައް ދަޢުވާކޮށް ތިޔަ ކުންފުނިން ބަދަލު ހޯދާ، ޒިންމާވާ ބަޔަކަށް ދަޢުވާވެސް ކުރަންވީނު! ޒީރޯ ޓޮލެރެންސް އޭ ކިޔާލަ ކިޔާލާ ތިއްބަކަސް ވާކަމެއް ނޯންނާނެދޯ؟

The name is already taken The name is available. Register?

އާރީ

05 January 2021

ތީ ރޭވިގެން ކުރި ވައްކަމެއް ވީމަ އެ ތިބެނި ހަދާނި ގޮތް ހުސްވެފަ. ސަހަލު އެކަކުވެސް މިހާރު ނޫޅެ. ތީގެން މީހަކު ދަށްކާ ވާހަކަ ގަބޫލުކުރަށް ހެޔޮނުވާނެ. ސިޔާސީމީހުން ނަކީ ވަރަށް މަކަރުވެރިބައެއް

The name is already taken The name is available. Register?

ބޭބެ.

05 January 2021

ރައްޔިތުންގެ ނޭވައިން (ވެންޓިލޭޓަރ) އިން ވައްކަން ކޮފައި، މިމީހުން ކޮން އިންސާފުގެ ދަތުރެކޭތަ މިކިޔަނީ.

The name is already taken The name is available. Register?

ހެލްތް މިނިސްޓަރަށް

05 January 2021

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަ މީނާއި އެ މިނިސްޓްރީގެ ބިޑް ކޮ މިޓީ 12 މީހުންގެ މައްޗަށް 34 މިލިއަން ބަހައި މީހަކު 2.83 މިލިއަން ދައުލަތަށް ދެއްކު މަށް ހެލްތް މިނިސްޓްރީން އެ މީހުންނަށް ނޯޓިސް ފޮނުވައި މީރާ އަށް އެފައިސާ ކަލެކްޓް ކުރު މަށް ފޮނުވާ. ފައިސާ ނުދައްކާހާ ހިނދަކު ސަރުކާރުގެ އެއްވެސް ޚިދު މަތެއް ދީގެން ނުވާނެ. ކޯޓަށްވެސް ދާންޖެހޭނީ އެ މީހުން އަ މިއްލަޔަށް. މުދާ ދައުލަތަށް ނެގު މުގެ ބާރު މީރާ އަށް ދީ. މައްސަލަ ނި މުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!