ކައުންސިލް އިންތިހާބަށް މުއްދަތު އިތުރުކުރީ ރައީސަށް ކޮށްދިން ކަމެއްގެ ގޮތުގައި: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރު ކުރުމަކީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ކޮށްދިން ކަމެއް ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.


އެމްޑީޕީން ބުނި ގޮތުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ކޮމިޝަނުން އިތުރު ކުރީ އެމްޑީޕީ އާއި އަދާލަތު ޕާޓީން އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެ، ކެނޑިޑޭޓުން ހޮވާފައިވަނިކޮށެވެ.

މިއީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ކެންޑިޑޭޓުން ނެރުމުގެ ކަންތައް ހަމަޖެހިފައިނުވާތީ ރައީސް ޔާމީނަށް ކޮށްދިން ކަމެއް ކަމަށް ވެސް އެ ޕާޓީން ސިފަކުރި އެވެ.

މިއީ އިލެކްޝަންސް ކޮމިޝަން ވަކި އަތަކަށް ޖެހި، ވަކި ފަރާތެއްގެ ނުފޫޒުގައި ޖެހިފައިވާކަން ހާމަވާ ކަމެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ޑިސެމްބަރު 1 ގެ ނިޔަލަށް އިތުރުކުރީ ފަހުގެ ތާރީހަކަށް އެކަން ބަދަލުކުރުމަށް ގާނޫނީ ގޮތުން ތަން ނުދޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އަންގާފައިވަނިކޮށެވެ.

އެ ކޮމިޝަނުން ކުރިން ބުނި ގޮތުން އިންތިހާބަށް ކުރިމަތިލާ މީހުންނާއި އިންތިހާބުގެ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބު ކަމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް ފޯމް ހުށަހެޅޭނީ މި މަހު 15 ގެ ނިޔަލަށެވެ. ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލީ އޮޮކްޓޯބަރު 26 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ގާނޫނާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށާއި އެއީ ރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށާއި ޑިމޮކްރެސީއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމަކާއި ނުރައްކަލެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް ޓިކެޓް ބޭނުންވާ މީހުން ކުރިމަތިލުމުގެ މުއްދަތު ރައީސް ޔާމީން ފެކްޝަނުން ވަނީ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ. ކުރިން އޮތް ގޮތުން މިއަދަކީ ޕީޕީއެމްގެ ޓިކެޓަށް އެދުމުގެ އެންމެ ފަހު ދުވަހެވެ. ޕީޕީއެމްގެ ޓިކެޓަށް ހުށަހެޅި މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީ މި މަހުގެ 25 ވަނަ ދުވަހު އޮންނައިރު ޕްރައިމަރީގައި ވޯޓު ދެވޭނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ޕާޓީގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ.