ރާއްޖޭގައި އޮތީ ކުރިއަރާ ޓެކްސް ނިޒާމެއް، ބަދަލު ގެންނާނީ ވިޔަފާރިތަކަށް ލޮޅުން ނާރާނެ ގޮތަކަށް

ރާއްޖޭގައި އޮތީ ކުރިއަރާ ޓެކްސްގެ ނިޒާމެއް ކަމަށާއި އެ ނިޒާމަށް ބަދަލުތަކެއް ގެންނާނީ ވިޔަފާރިތަކަށް ލޮޅުން ނާރާނެ ގޮތަކަށް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިހަށް މި ހަފުތާގައި ހުށަހެޅި، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ކުރެއްވި ސުވާލެއްގެ ޖަވާބުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު މިއޮތީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބަލައިގެންފައިވާ ނިޒާމެއް ކަމަށެވެ. އަދި ބިމު ކުއްޔާއި ވިޔަފާރީގެ ފައިދާއިން ޓެކްސް ނަގަމުން އަންނާތީ އެއީ ކުރިއަރަމުން އަންނަ ޓެކްސް ނިޒާމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބައްޓަންކުރަމުން މިދަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމަކަށް. މީގެ ތެރޭގައި ހިމެނޭ ބައިތައް އިންޓައިމް، ޓެކްސް ނިޒާމަކީ އެއް ފަހަރުން ހުރިހާ ކަމެއް ހައްލުކުރޭނެ ނިޒާމެއް ނޫން. އޭގެ ތެރެއިން އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ޝޮކް ނުވާނެ ގޮތަށް ވިޔަފާރިތަކާ އެކީއެކައްޗަކަށް ލާމެހިގެން ދާން ޖެހޭނީ،" އާމްދަނީ އިން ޓެކްސް ނުނަގާ މައްސަލައާ ބެހޭ ގޮތުން ޝަރީފް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަަސައްކަތްކުރަނީ މީރާއާ ގުޅިގެން ޓެކްސް ނިޒާމުގައި ހުރި ފޫނުނުބެދޭ ކަންކަން ރަނގަޅު ކުރުމަށެވެ.

"ސަރުކާރުގެ ޕޮލިސީ އަކީ ޓެކްސް ބޭސް ފުޅާކުރުން. ޓެކްސް ބޭސް އިން މިސާލަކަށް ޓޫރިޒަމް ފުޅާކޮށްގެން ކަމަށް ވިޔަސް، ވިޔަފާރިތަށް ފުޅާކޮށްގެން ކަމަށް ވިޔަސް، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކުރާނީ އެގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު އެހެން ވިދާޅުވިއިރު، މި ސަރުކާރު އައި ފަހުން ޓޫރިޒަމް ޖީއެސްޓީ ވަނީ 12 ޕަސެންޓަށް އިތުރުކޮށް ރިސޯޓްތަކުން ހަ ޑޮލަރު އަދި ގެސްޓް ހައުސްތަކުން ތިން ޑޮލަރުގެ ގްރީން ޓެކްސްއެއް ނަގަން ފަށައިފަ އެވެ. އަދި ބިދޭސީންގެ އަތުން ތިން ޕަސެންޓްގެ ރެމިޓެންސް ޓެކްސްއެއް ވަނީ ނަގަން ފަށައިފަ އެވެ.