ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!

ތިން މަސްއޫލުވެރިއެއްގެ ނަން ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހަދާފައިވާ ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ އެވެ.


އޮކްޓޯބަރު 27، 2011 ގައި ޕީޕީއެމް ރަޖިސްޓްރީކޮށް، ކުރީގެ އިލެކްޝަންސް ކޮމިޝަނަރު ފުއާދު ތައުފީގު ސޮއިކުރައްވާފައިވާ ރަޖިސްޓްރީގައި މަސްއޫލުވެރިންގެ ނަމެއް ނޯވެ އެވެ. އެކަމަކު ހަމަ އެ ތާރީހުގައި ޕީޕީއެމް ރަޖިސްޓްރީ ކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ރައީސް އަހުމަދު ސުލައިމާން ސޮއިކުރައްވައި މިދިޔަ ހަފުތާގައި އާއްމުކޮށްފައިވާ ރަޖިސްޓްރީގައި މަސްއޫލުވެރިންގެ ނަން ހިމަނާފައިވެ އެވެ.

އާ ރަޖިސްޓްރީގައިވާ ގޮތުން ޕާޓީގެ މަސްއޫލުވެރިންނަކީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރެވެ.

މިއީ މަސްއޫލުވެރިންގެ ނަން ހިމަނައިގެން ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީ ތައްޔާރުކޮށްދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން، އެއްވެސް ޕާޓީއެއްގެ ރަޖިސްޓްރީގައި މަސްއޫލުވެރިންގެ ނަން ހިމަނާފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މީޑިއާ އަށް މައުލޫމާތު ދެއްވާ މެމްބަރު ފޯނު ނުނަންގަވާތީ، ޕީޕީއެމްގެ އާ ރަޖިސްޓްރީ ހެދި ސަބަބެއް، އަދި މަސްއޫލުވެރިންގެ ނަން ހިމެނި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

އެކަމަކު މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ވަނީ ފާޑުވިދާޅުވެފަ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި އެ އަމަލް ސިފަކުރެއްވީ އިލެކްޝަނުން ހިންގި "ބޮޑު އޮޅުވާލުމެއްގެ" ގޮތުގަ އެވެ. އަދި އެއީ ކޮމިޝަނުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭނެ ކަމެއް ކަމަށާއި އެއްވެސް ޕާޓީއެއްގެ ރަޖިސްޓްރީގައި މަސްއޫލުވެރިންގެ ނަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމަށް އާ ރަޖިސްޓްރީއެއް ހަދައިދީފައިވާތީ، ފުއާދު ކުރެއްވި ޓުވީޓެއް

ޕީޕީއެމްގެ މަސްއޫލުވެރިންގެ ނަންތަކާ އެކު އާ ރަޖިސްޓްރީއެއް ހެދުމުގެ އިތުރުން ރަޖިސްޓްރީގައި އާޒިމާގެ ނަން އޮންނަން ޖެހުނު ސަބަބާ މެދު މައުމޫން ފެކްޝަނުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫން ވިދާޅުވީ ޕީޕީއެމް އުފައްދަން އިންތިގާލީ މަރުހަލާގެ ތެރޭގައި، ޕާޓީގެ ކަންކަމުގައި ސޮއިކުރައްވާނެ ބޭފުޅުންގެ ގޮތުގައި ތިން ބޭފުޅެއްގެ ނަން އިލެކްޝަނަށް ހުށަހެޅި ހަނދާންވާ ކަމަށެވެ. އެކަމަކު، ފެބުރުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވުމާ ގުޅިގެން، އެޓާނީ ޖެނެރަލްގެ މަގާމް އަދާކުރައްވަން އާޒިމާ ޕީޕީއެމުން ވަކިވެވަޑައިގެންނެވި ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.

އެ އުސޫލުން ކަން ހިނގާފައި ވަނިކޮށް، ޔުމްނާ ވިދާޅުވި ގޮތުގައި، ރަޖިސްޓްރީގައި އާޒިމާގެ ނަން އޮތުމުން ސުވާލު އުފެދެ އެވެ. ޕީޕީއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ، އަދި އެކަމުގައި އިސްކޮށް އުޅުއްވީ ވެސް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ކަން ޔުމްނާ ފާހަގަކުރެއްވި އެވެ.

"ޕާޓީ ރަޖިސްޓްރީކޮށް ކުރިން ލިބިފައިވާ ލިއުމުގައި މަސްއޫލުވެރިންގެ ނަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އާ ރަޖިސްޓްރީއެއް ހަދައިދީފައި މިވަނީ، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީނާ ހަވާލުކޮށް، ޕާޓީގެ އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އެ ފެކްޝަނުން ހަވާލުވެފައި ވަނިކޮށެވެ. ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕީޕީއެމް ވަނީ ދެ ފަޅިވެފަ އެވެ.