ޕާކިސްތާނުގެ މުސްލިމުން ތަރާވީހު ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ
04 ޖޫން 2017 - 10:27
އިސްލާމީ ނަޒަރުން ބަލާއިރު އިސްރާފު ކުރުމަކީ ޝައިޠާނުންގެ އަޚުންގެ ތެރެއިން މީހާ ހިމެނިގެންދާ ނުބައިވެގެންވާ ޢަމަލެކެވެ. ވަރަށް ވަރުގަދަޔަށް ނަހީ ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން އިސްރާފު ކުރުމަކީ ކޮބައިތޯ އާއި އެކަމުގެ ހުރި ގެއްލުންތަކާއި އިސްރާފު ކުރަން މެދުވެރިވާ ސަބަބު ތަކާއި އެކަމުން ސަލާމަތް ވާނެ ގޮތްތަކާ މެދު ހޭލުންތެރިކަން ލިބިގެން ތިބުމަކީ މުސްލިމުންނަށް ވަރަށް މުހިންމު ކަމެކެވެ.
އިސްރާފު ކުރުމުގެ މާނައަކީ ކެއިން ބުއިމާއި ހެދުންއެޅުމާއި އެނޫން ވެސް ދިރިއުޅުގެ އެންމެހާ ބޭނުންތައް ފުއްދުމުގައި މެދުމިން ފަހަނަޅައި އިތުރަށް އެކަމެއްގައި ހޭދަ ކުރުމެވެ. މިކަން ކުރަން އާދަވާ ސަބަބުތަކެއް ހުރެއެވެ. މިގޮތުން އެއް ކަމަކީ ދިރިއުޅެމުން އަންނަ މާހައުލުގައި އިސްރާފު ގެ އާދަ އޮތުމެވެ.
އިސްރާފުކޮށް ބޭކާރު ޚަރަދުތައް ކުރާ ޢާއިލާއެއްގައި ހެދި ބޮޑުވަމުން އަންނަ އިންސާނަކަށް އެކަން ދަސްވެ އެކަމަށް އާދަ ވުމަކީ ޠަބީޢީ ކަމެކެވެ. އެހެނީ އެ ހާލަތުގައި އެއީ ނުރަނގަޅު ކަމެއް ކަމަށް އެހެން ގޮތަކުން އެނގުނަސް އެކަން ގަބޫލު ކުރަން ދަތިވާނެތީ އެވެ.
ހަގީގަތުގައި އިސްލާމް ދީން ކޮންމެ ދެމަފިރިއެއްގެ ކިބައިން ވެސް އެދެނީ މާތްﷲ ގެ ޝަރުޢުތަކަށް ފަރުވާތެރި ވުމަށެވެ. ކައިވެނި ކުރުމަށްޓަކައި އެންމެ ފުރަތަމަ އެކަކު އަނެކަކު އިޚްތިޔާރު ކުރުމުގައިވެސް ދީންވެރިކަމާއި އަޚްލާޤަށް އިސްކަން ދޭން ބާރުއަޅައެވެ. އެހެން ކަމަށް ވާނަމަ އެފަދަ ޢާއިލާއެއްގައި އިސްރާފު ކުރުމާއި ބޭކާރު ޚަރަދު ކުރުން ފަދަ ނުބައި އާދަތައް އޮވެގެން ނުވާނެ އެވެ.
ދެވަނަ ކަމަކީ ތަނަވަސްކަން ލިބިގެންދާ ހިނދު އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ދަސްވެފައި ނުވުމެވެ. ނުވަތަ ދަތި ހާލުގައި އުޅެފައި ބޮޑު ތަނަވަސްކަމެއް ލިބުމުން ބައެއް މީހުން މުޅިން އިދިކޮޅަށް ބަދަލުވެ އިސްރާފު ކުރަން އާދަ ކުރުމެވެ.
ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަންކަމުގެ ތެރޭގައި އުންމަތަށް ފަގީރުކަން ވެރިވުމަށްވުރެ ތަނަވަސްކަމާއި މުއްސަދިކަން ވެރިވެގަތުން ބޮޑު ކަމެއްގެ ގޮތުގައި ހިމެނިގެން ދިޔައެވެ. ފަހަރެއްގައި މީގެ ސަބަބަކީ އިސްރާފު ކުރުން ފަދަ ނުބައި އާދަތަކަށް އިންސާނާ ހުށަހެޅިދާނެތީ ކަމަށް ވުން އެކަށީގެން ވެއެވެ.
އިސްރާފު ކުރަން އާދަވާ ތިން ވަނަ ކަމަކީ އިސްރާފުކޮށް ބޭކާރު ޚަރަދު ކުރާ މީހުން އެކުވެރިންގެ ގޮތުގައި ބެލުމެވެ. އެކުވެރިން އިޚްތިޔާރު ކުރުމުގައި ގެންގުޅެންޖެހޭ ވަކި އުސޫލުތަކެއް ކީރިތި ރަސޫލާ ހާމަ ކުރައްވާފައި އެވެ. އެ ހަމަތަކަށް ރިޢާޔަތް ކުރާ ނަމަ މިފަދަ ކަންކަމުން އިންސާނާ ދުރުހެލިވުމުގެ ސަބަބެއް ކަމުގައި ވާނެ އެވެ.
ހަތަރު ވަނަ ސަބަބަކީ، ދަރިންނާއި އަނބިން އިސްރާފުކޮށް ބޭކާރު ޚަރަދުތައް ކުރަން ކޮންމެވެސް ގޮތަކުން ދަސްކޮށްފައި ވުމުގެ ސަބަބުން ބައްޕަ އަށް ނުވަތަ ފިރިމީހާ އަށް ވެސް މި ދިމާއަށް ދީލާ ލެވުމެވެ. ހަގީގަތުގައި ބޭކާރު ޚަރަދުތަކަށް އެދޭ އަނބިންނާއި ދަރިން ތިބުމަކީ ކުރެވޭ އިމްތިޙާނެކެވެ. އެ މީހުންގެ ބޭނުންތައް ހިފެހެއްޓުމެއްނެތި ފުއްދައި ދޭން ފަށައިފި ނަމަ ތިމާވެސް އިސްރާފު ކުރާ މީހުންގެ ތެރޭ ހިމެނުން ގާތްވެގެން ދެ އެވެ.
ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކޮށް އަނބިންނަށް އެމީހުންގެ ދައުރާއި ވާޖިބުތައް އަދި ހައްގުތައް ސާފުކޮށް އަންގައި އެކަންކަމަށް ހޭނުވުމަށް އިސްލާމް ދީން ބާރު އަޅާފައިވާ އިރު އިސްރާފު ކުރުމާއި އެނޫންވެސް ނުބައި އާދަތަކުން އާއިލާ ސަލާމަތް ކޮށްފައި ބާއްވަން ޢާއިލާގެ ވެރި މީހާ މަސައްކަތް ކުރަން ޖެހޭނެ އެވެ.
ފަސްވަނަ ސަބަބަކީ، ދުނިޔަވީ ހަޔާތުގެ ތަބީއަތާ މެދު ޣާފިލު ވެގެން ތިބުމެވެ. ދުނިޔަވީ ޙަޔާތަކީ އަބަދު އެއްގޮތަކަށް އެއް ހާލެއްގައި އޮންނާނެ އެއްޗެއް ނޫންކަން ދަނެ އަންނަން އޮތް ދުވަސްތަކާ މެދު ފަރުވާވެ ހޭލައި ހުރުމަކީ މުހިންމު ކަމެކެވެ. އިޤުތިޞާދު ކޮށް ފަހަށް ރައްކާ ކުރުމަށް އިސްލާމް ދީން ބާރު އަޅަނީ ހަގީގަތުގައި މި ތަބީއަތަށް ރިއާޔަތް ކުރުމުގެ ގޮތުންނެވެ.
ހަވަނަ ސަބަބަކީ އިންސާނާގެ ހަވާ ނަފްސުގެ އެދުންތަކަށް އެއްވެސް ކޮންޓްރޯލެއް ނެތި ތަބާވުމެވެ. މިއީ އިސްރާފު ކުރުމަށް އޮތް ވަރަށް ފަސޭހަ މަގެކެވެ. އިސްލާމްދީން އެދެނީ އަބަދުވެސް އެދުންތައް ކޮންޓްރޯލު ކުރުމަށެވެ. މީގެ ބޭނުމަކީ ހަމައެކަނި އާޚިރަތުގައި ލިބޭނެ ޢަޛާބުން ސަލާމަތްވުން ނުވަތަ ލިބޭ ސަވާބު އިތުރު ކުރުން އެކަންޏެއް ނޫނެވެ. އިސްރާފު ކުރުން ފަދަ ނުބައި އާފާތް ތަކުން ދުނިޔެމަތީގައި ވެސް އިންސާނާ ސަލާމަތް ވެގެން ތިބުން ވެސް މެއެވެ.
ހަތްވަނަ ސަބަބަކީ އީމާންތެރިކަން ދަށްވުމެވެ. ޚާއްޞަކޮށް އާޚިރަތާ މެދު އޮންނަ އީމާންތެރިކަން ކުޑަވުމެވެ. މިއީ ވަރަށް ގިނަ ނުރަނގަޅު ސިފަތަކަށް މީހާ ގެންދުވާ ކަމެކެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައި ވެއެވެ. "ތިމަން ކަލޭގެފާނަށް (އާޚިރަތުގެ ޙަޔާތާ މެދު) އެނގޭ ކަންކަން ތިޔަބައި މީހުންނަށް އެނގޭ ނަމަ ތިޔަބައިމީހުން އުފާކޮށް ހީނ އުޅޭނީ ވަރަށް މަދުންނެވެ. އެކަމަކު ވަރަށް ގިނައިން ތިޔަބައިމީހުން ހިތާމަކޮށް ރޮއެ ހަދާނެ އެވެ." (އަލްބުޚާރީ). މިފަދަ ޙަދީޘްތަކާ މެދު ވިސްނައި އާޚިރަތާމެދު ބިރުވެރިވާނަމަ އިސްރާފުކުރުން ފަދަ ނުބައި އާދަތަކުން ދުރުހެލިވާނެ އެވެ.
އަށްވަނަ ސަބަބަކީ އިސްރާފު ކުރުމުގައި ހުރި ގެއްލުންތަކާ މެދު ހޭލުންތެރިކަން ނެތުމެވެ. މި ހޭލުންތެރިކަން ނެތުމަކީ އިސްރާފުކޮށް ބޭކާރު ޚަރަދު ކުރުމަށް މީހާ އަށް ހިތްވަރު ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން އިސްރާފު ކުރުމުގެ ގެއްލުންތަކާ މެދު ހޭލުންތެރިވާން ޖެހެއެވެ. މިގޮތުން އިސްރާފު ކުރުމުން ލިބޭ ގެއްލުންތަކަށް ބަލާއިރު ކެއިން ބުއިމުގައި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ބޭނުން ކުރުމުން ތަފާތު ބަލި ތަކާ ކުރިމަތިލާން ޖެހިދެ އެވެ. ވިސްނުން ކޮށިވުމަށް ވެސް މިކަމުން އަސަރު ފޯރާ ކަމަށް ބައެއް ލިޔުންތަކުގައި ހުރެއެވެ.
ހަމައެފަދައިން އިސްރާފު ކުރުމަކީ ނުބައި ކަންކަމާއި ފާފަތައް ކުރުމަށް މީހާ އަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެކެވެ. މިހެން ދިމާވާ އެއް ސަބަބަކީ އިސްރާފު ކުރާ މީހުން ގިނަފަހަރު ވަރަށް އުފަލާއި އަރާމުގައި އުޅެފައި ކޮންމެވެސް ސަބަބަކާ ހުރެ އެގޮތަށް ހޭދަކުރަން ނުލިބޭ ދަނޑިވަޅުތަކުގައި ނަފްސު ކޮންޓްރޯލު ކުރަން ދަތިވުމެވެ. ނަތީޖާއެއްގެ ގޮތުން ޙަރާމް ގޮތުގައި މުދާ ހޯދަން އެފަދަ މީހުން ޖެހިލުން ނުވުމެވެ.
އިސްރާފު ކުރާ މީހުންނަކީ އެހެން މީހުންނަށް މާބޮޑު އަހަންމިއްޔަތު ކަމެއް ދީ އެމީހުންނަށް ރިޢާޔަތް ކުރާނެ ބައެއް ނޫނެވެ. މިއާ ޚިލާފަށް އިސްރާފު ކުރާ މީހުންނަކީ ހަގީގަތުގައި ޝައިޠާނުންގެ އަޚުންނެވެ. އަލްއިސްރާއު ސޫރަތުގެ 72 ވަނަ އާޔަތުގައި މާތްﷲ ވަނީ މިކަން ބަޔާން ކުރައްވާފަ އެވެ.
އެހެން އާޔަތެއްގައި ﷲ ބަޔާން ކުރައްވަނީ އިސްރާފު ކުރާ މީހުންނަކީ ޝައިޠާނުންގެ ޕާޓީގެ މީހުން ކަމަށެވެ. ޝައިޠާނުންގެ ޕާޓީ އަކީ ގެއްލެނިވެގެންވާ ޕާޓީ ކަމަށެވެ. (އަލްމުޖާދަލާ 91). ﷲ ދެއްވި ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭ ހިނދު އިސްރާފު ކުރާ މީހުން ﷲގެ ކުރިމަތީ މަސްއޫލުވާން ޖެހޭނެއެވެ. ﷲގެ ލޯތްބާއި ރަޙްމަތުން އެމީހުން މަޙްރޫމްވާނެ އެވެ. ސަބަބަކީ އިސްރާފު ކުރާ މީހުންދެކެ ﷲ ލޯބިވެ ވޮޑި ނުގަންނަވާތީ އެވެ. (އަލްއަންޢާމް 141)
މި ހުރިހާ ކަމަކާ މެދު ވިސްނާލުމުން އެނގި ހާމަ ވަނީ މިނުބައި އާދައިން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭ ކަމެވެ. ވީމާ އިސްރާފު ކުރުމުން ލިބޭ ގެއްލުންތަކާ މެދު ވިސްނައި ހޭވެރިވާން ޖެހެ އެވެ. ހަވާ ނަފްސުގެ އެދުންތައް ކޮންޓްރޯލު ކުރަން ދަސްކުރަން ޖެހެ އެވެ. އިސްރާފުގެ ނުބައި އާދަޔާ މެދު ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގައި އައިސްފައިވާ ނައްޞުތަކާ މެދު ފުންކޮށް ވިސްނަން ޖެހެ އެވެ. އިސްރާފު ކުރާ މީހުންނާ އެކުވެރިކަން ބޭއްވުމުގެ ކުރިން އެފަދަ މީހުން އިޞްލާޙު ކުރަން މަސައްކަތް ކުރަން ޖެހެ އެވެ.
ދުނިޔަވީ ޙަޔާތުގެ ކަންކަން ހިނގަމުންދާ ގޮތާމެދު ވިސްނައި ފިކުރުކުރަން ޖެހެ އެވެ. އިސްރާފު ކުރާ މީހުންނަށް އާޚިރަތުގައި ހުރި ޢުޤޫބާތްތަކާ މެދު ހޭލުންތެރިވެ ހުންނަން ޖެހެ އެވެ. އަދި މިނޫނަސް އިސްވެ ބަޔާންކުރެވުނު ހުރިހާ ސަބަބުތަކެއް ނައްތާލުމަށް ތިމާއަށް ކުޅަދާނަވީ މިންވަރަކުން މަސައްކަތް ކުރަން ޖެހެއެވެ. އޭރުން މިނުބައި އާފާތުން އަޅުގަނޑުމެންނަށް ސަލާމަތް ވެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދިކޮޅި
04 June 2017
ކޮންމެވާހަކައެއް ދެއްކިޔަސް ތިއިންއެކަކުވެސް އެއްވެސްއެއްޗެއް ބައިރުފިޔާއެއްވެސް ކުޑައެއް ނުކުރާނެ ކުނިވެގެން ފީވެގެން އުކާލަން ޖެހުނަސް ބުނާނެ އެެއްޗެހީގެ އަގު ކުޑަކުރޭ ތޯ ދީނީގޮތުން ލިޔެފަވާ ވާހަކަތަކެއްކަމަށް
އާރިފާ
04 June 2017
މިލިޔުން ދިވެހި ސަރުކާރުގެ އިސްވެރިންނަށާއި، ސައުދީ ރަސްގެފާނައް ކިއައިދޭން ޖެހޭކަމުގަ ދެކެން ސަބަބަކީ އަޅުގަނޑައް ފެނުނު އެންމެ އިސްރާފު ބޮޑު ފަރާތް ތަކަކީ އެމިހުން ކަމުގަވާތި