ގާރީ އެވެ؛ މި ސުވާލުތަކަށް ޖަވާބު ދެއްވާށެވެ!

މަތީގައި އެވާ ފޮޓޯއާ ގުޅޭ އެތައް ސުވާލަކަށް އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ) ބައިވަރު ސުވާލުތަކަކަށް ޖަވާބު ދެއްވައިގެން ނޫނިއްޔާ، މިހާރު އުފެދިފައިވާ ނުތަނަވަސްކަން ފިލައިގެނެއް ނުދާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވިއިރު، އޭގެ ތެރޭގައި ގާރީގެ ސޮއި އޮވެގެން ކުއްލި ގޮތަކަށް ކަންބޮޑުވުން ފާޅުކުރެއްވިއިރު، ފަހަތުން ފެނުނީ ހުރިހާ ކަމެއް އަތަށް ގޮވި މަންޒަރެވެ.


ޖުމުލަ 45 މެމްބަރުންގެ ސޮއި ހިމެނޭ އެ ލިސްޓުގައި ސޮއި ނުކުރައްވާ ކަމަށް ގާރީ، ޗެނަލް 13 ގައި ލައިވްކޮށް ވިދާޅުވިތާ އިރުކޮޅެއްގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން އާންމުކުރީ މަތީގައި އެވާ ފޮޓޯ އެވެ. އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މިހާރު އެންމެ ނަގައިކިޔާ އަދި މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުންގެ ސޮއި ހޯއްދެވުމަށްޓަކައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫންގެ ކުރިމަތީގައި ގާރީ އެ ސޮއިކުރައްވަނީ ކޮން އެއްޗެއްގައި ހެއްޔެވެ؟ އެއީ ކޮން ބޭނުމަކު، ކޮން ވަގުތެއްގައި ކުރެއްވި ކަމެއް ހެއްޔެވެ؟ އޭގައި ސޮއިކުރެއްވިއިރު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ ފާރިސް އަރިހަށް ވަޑައިގަތީ ރައީސް ޔާމީނަށް ދަންނަވާފައިތޯ އެވެ؟ ފާރިސް އަކީ ސިޔާސީ ގޮތުން ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންގެ ސިޔާސީ ހަތުރަކަށް ވެފައިވަނިކޮށް، އޭނާގެ ކުރިމަތީގައި އެއްޗެއްގައި ސޮއިކުރައްވަން އިންނަވަން ޖެހިވަޑައިގަތީ ކީއްވެ ހެއްޔެވެ؟

އެއީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގާރީ ސޮއިކުރައްވާ ފޮޓޯ ކަމަށް އިދިކޮޅު މީހުން ވަރަށް ޔަގީންކަމާ އެކު ބުނެ އެވެ. އެއީ "ވަގު" ނުވަތަ ސައްހަ ނޫން ފޮޓޯއް ކަމަށް ގާރީ ވިދާޅެއް ނުވެ އެވެ.

މަސީހްގެ އިތުބާރު ނެތްކަމަށް ސޮއި ނުކުރައްވާ ކަމަށް ހަމައެކަނި ވިދާޅުވެގެން ކަމުދާކަށް ނެތެވެ. އެ މައްސަލާގައި ގާރީ ސޮއިކުރެއްވި ކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ކަށަވަރުމާ އެކު ބުނެ، އަދި އެކަން ކުރައްވަން އިންނަވަނިކޮށް ނެގި ފޮޓޯއާ އެކު އަދި އެހެން ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެއީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ގާރީ ސޮއިކުރެއްވުމުގެ ކުރިން ދެ ރަކްއަތް ނަމާދެއް ކުރައްވަން އިންވަނަވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. ލިސްޓުގައި ސޮއިކުރައްވަން އިންނަވަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯ އާއި ނަމާދު ކުރައްވަން އިންނެވި ފޮޓޯގައި ގާރީ ލައިގެން ހުންނެވި ގަމީސް ހާދަހާ އެއް ވައްތަރެވެ. ހަމަ ތަފާތެއް ވެސް ނެތެވެ. ގަމީސް އެއްވައްތަރުވީ އަނެއްކާ އިއްތިފާގަކުން ހެއްޔެވެ؟

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިިކުރެއްވުމުގެ ކުރިން މެމްބަރު އަހުމަދު ރަޝީދު ދެ ރަކްއަތުގެ ނަމާދެއް ކުރައްވަނީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އާންމުކުރި ފޮޓޯ: މި ފޮޓޯއާ ގުޅޭ ގޮތުން ވެސް އޭނާ އެއްޗެއް ވިދާޅެއް ނުވޭ.

އެ ބުނާ ލިސްޓެއްގައި ސޮއިކުރެއްވުމުގެ ކުރިން ދެ ރަކްއަތް ނަމާދެއް ކުރެއްވިންތޯ އެވެ؟ އަދި ސޮއިކުރެއްވުމަށް ފަހު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ގުޅުއްވައި، މަސީހް ވަކިކުރުމުގެ މައްސަލައިގެ ލިޔުމުގައި ސޮއިކުރެއްވި ކަމަށް ދެންނެވި ކަމަށް ވެސް އެބަ ކިޔަ އެވެ. އެހެން ވިއްޔާ އެއީ ހިނގި ކަމެއް ހެއްޔެވެ؟

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި އެ މައްސަލައިގެ ލިސްޓުގައި ސޮއިކުރެއްވި ބޭފުޅުން އާންމުވެ، އެކަމުގެ ހާސްކަމުގެ ތެރޭގައި އެންމެން އުޅެނިކޮށް ގާރީގެ ވާހަކަ އަންނަން ޖެހުނު ސަބަބެއް އޮންނާނެ އެވެ. އެ ލިސްޓުގައި ގާރީ ސޮއިކުރެއްވީ ވަރަށް ގަޓު ހުރެގެން ކަމަށް ހީވިޔަސް، ފަހުން އެހެން ކަމެއް ކުރިމަތިވީ ހެއްޔެވެ؟

ދެން ވެސް ހުރީ ހަމަ ދެކޮޅުނުޖެހޭ ކަންތައްތަކެވެ؛ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގާރީ ސޮއިނުކުރައްވާ ކަމަށް ޗެނަލް 13 ގައި އިއުލާން ކުރެއްވުމުގެ ބަދަލުގައި އެހާ ބޮޑު ދިފާއެއް އޮތް ނަމަ ހުރިހާ މީޑިއާއެއް އެއްކޮށް، އެކަން ހާމަނުކުރެއްވީ ކީއްވެ ހެއްޔެވެ؟ ނިއުސް ކޮންފަރެންސެއްގެ ސިފައިގައި އެކަން ނުގެންދެވީ ކީއްވެ ހެއްޔެވެ؟ ނޫސްވެރިން ބޭނުންވާ ހުރިހާ ސުވާލަކަށް، ފޮރުވުމެއް ނެތި ޖަވާބު ދެއްވުމުގެ ވިސްނުން ނުގެންގުޅުއްވީ ކީއްވެ ހެއްޔެވެ؟

މަސީހް މަގާމުން ވަކިކުރުމުގެ މައްސަލާގައި ގާރީ ސޮއި ނުކުރައްވާ ކަމަށް ވިދާޅުވެ، އެ ލިސްޓުގައި އޭނާގެ ސޮއި އޮތް މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ ބޭނުމެއް ހަމަ ނުވިސްނެ އެވެ. އެ މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި، އެކަން ކުރި ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް މަޖިލީހުގައި އެދިވަޑައިގަތަސް އެއީ އެ މުއައްސަސާގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަަމަށް އެނގިވަޑައިނުގަންނަވަނީ ހެއްޔެވެ؟ އަދި އަދަށް ދާންދެން ވެސް މައްސަލަ އެ އޮތީ މަޖިލީހުގެ އަމީން އާންމުގެ މޭޒުމަތީގައި ޕާކްކޮށްފަ އެވެ. އެހާ މުހިންމު ކަމެއް ނަމަ ވަގުތުން ގޮތެއް ނިންމަންވީ ނޫން ހެއްޔެވެ؟

މެމްބަރު އަހުމަދު ރަޝީދު، ޕީޕީއެމްގެ ބައެއް އިސް ވެރިންނާ އެކު

ގާރީ އެވެ؛ ތިޔަ ވިދާޅުވަނީ އެ ލިސްޓުގައި ސޮއިނުކުރައްވާ ކަމަށާއި އޭގައި ގާރީގެ ފޯޖް ސޮއެއް ކޮށްފައިވާ ވާހަކަ އެވެ. އެހެންވިއްޔާ އެ މައްސަލަ ފުރަތަމަ ވެސް ހުށަހަޅުއްވަން ވީ ފުލުހުންނަށް ނޫން ހެއްޔެވެ؟ މަޖިލީހުގެ އިދާރާއަކާ ކޮން ބެހޭ ކަމެއް ހެއްޔެވެ؟ ގާރީގެ ސޮއި ފޯޖް ކޮށްފައިވާ ކަމަށް ވިދާޅުވާ މައްސަލަ ފުލުހުންނަށް ހުށަނާޅުއްވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި ފުލުހުންނަށް ހުށަހެޅުއްވީ އަމިއްލަ "ޝަކުވާތަކެއް" ކަމަށް ވެ އެވެ. ސުވާލަކީ ގާރީގެ ސޮއި ފޯޖްކުރި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަނޭޅުއްވީ ކީއްވެ ހެއްޔެވެ؟ އަސްލު ސޮއެއް ކަމަށް ފުލުހުންގެ ފޮރެންސިކަށް ޔަގީން ކުރެވޭނެ ކަމުގެ ބިރު އޮތީ ހެއްޔެވެ؟

ތިޔައީ މުޖުތަމައުގައި ގަދަރު އުފުލިގެންވާ ގާރީއެކެވެ. ޤުރުއާން ރީތިކޮށް ވިދާޅުވާ ބޭފުޅެކެވެ. ދީނީ ކަންކަން ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރަމެވެ. ހެވާއި ނުބައި ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަން ކަށަވަރެވެ. ސިޔާސީ ދާއިރާ އަކީ "ޑާޓީ" ދާއިރާއެއް ކަމަށް ބަޔަކު ބުންޏަސް، ދިމާއަށް ފެންނަން ހުންނަ ކަންކަމުގައި ސީދާކޮށް ހުންނެވުން ރަނގަޅެވެ.

ފުލުހުންގެ ފޮރެންސިކް ލެބޯރެޓަރީ އަކީ މި ސަރަހައްދުގައި ވެސް ފާހަގަކުރެވޭ ވަރުގެ މަތީ ފެންވަރުގެ ތަނެއް ކަމަށް ފުލުހުންގެ އިސް އޮފިސަރުން ވިދާޅުވެ އެވެ. އެހެންވީމާ އެވަރުގެ ތަނަކުން ގާރީ ތިޔަ ޝައްކު ކުރައްވާ ކަންތައް ކަށަވަރު ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ގާރީގެ ސޮއިގެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވި ނަމަ، ގާރީ ވެސް ދެން މި ކަމުން ސަލާމަތް ވީސް ނޫން ހެއްޔެވެ؟ އަބުރާއި އިއްޒަތް ސަލާމަތް ކުރެވި، މުޖުތަމައުގައި ގަދަރު ވެސް އުފުލުނީސް ނޫން ހެއްޔެވެ؟ ގާރީ ތިޔަ ވިދާޅުވާ ވާހަކަތައް ވެސް އޭރުން އާންމުން ގަބޫލުކޮށް، އިތުބާރު 500 ޕަސެންޓަށް އަރާނެ ނޫން ހެއްޔެވެ؟ ނިސްބަތްވާ ޕާޓީގެ އިތުބާރު ވެސް ބޮޑުވީސް ނޫން ހެއްޔެވެ؟

އިއްޒަތްތެރި ގާރީ އެވެ؛ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެއްޗެކޭ އެބަ ވިދާޅުވެ އެވެ. މުސްތަފާ ވިދާޅުވާ ގޮތުން ނަމަ، އެ ބުނާ ލިސްޓެއްގައި ގާރީ ސޮއިކުރެއްވީ ދެ ހެކިންގެ ހާޒިރުގަ އެވެ. އެއް ހެއްކަކީ ކުރިމަތީގައި އިންނެވި ފާރިސް އެވެ. އަދި ސޮއިކުރައްވާ ވީޑިއޯ ވެސް އިދިކޮޅު ފަރާތްތަކުގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވެ މުސްތަފާ ޓްވީޓެއް ކުރެއްވި އެވެ. އެއަކަށް ވެސް އަދި ޖަވާބެއް ނެތެއް ނޫން ހެއްޔެވެ؟ ސޮއިކުރެއްވުމަށް ފަހު ދުއާ ކުރައްވާފައި، "މާތްކަލާނގެއާ ވަކީލޭ. އިރާދަކުރެއްވިޔާ މިކަން ދެން މި ނިމުނީއޭ،" ގާރީ ވިދާޅުވި ކަމަށް ހެއްކަކާ ހަވާލާ ދެއްވައި މުސްތަފާ ވިދާޅުވެ އެވެ.

ތިޔައީ މުޖުތަމައުގައި ގަދަރު އުފުލިގެންވާ ގާރީއެކެވެ. ޤުރުއާން ރީތިކޮށް ވިދާޅުވާ ބޭފުޅެކެވެ. ދީނީ ކަންކަން ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރަމެވެ. ހެވާއި ނުބައި ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަން ކަށަވަރެވެ. ސިޔާސީ ދާއިރާ އަކީ "ޑާޓީ" ދާއިރާއެއް ކަމަށް ބަޔަކު ބުންޏަސް، ދިމާއަށް ފެންނަން ހުންނަ ކަންކަމުގައި ސީދާކޮށް ހުންނެވުން ރަނގަޅެވެ. އޭރުން ކުރެއްވިފައި ހުންނަ ކަންކަން "ގަދަކަމުން" ދިމާކުރައްވަން ޖެހިވަޑައެއް ނުގަންނަވާނެ އެވެ.

މި ދެންނެވި އެތައް ބައިވަރު ސުވާލުތަކަށް ގާރީ ޖަވާބު ދެއްވައިގެން ނޫން ގޮތަކަށް ތިޔަ ވިދާޅުވާ "ވަގު" ސޮއިގެ ވާހަކަ އާންމުން ގަބޫލުކުރާނެ ހެނެއް ހިއެއް ނުވެ އެވެ. ފޮޓޯތަކާއި އެ ބުނާ ސޮއި އަދި ވީޑިއޯއެއް ހުރި ނަމަ އެ ވެސް އެނަލައިޒް ކުރަންވީ އެވެ.