އޮޅުންބޮޅުން- އެއްލަކިން ލައިސަންސް

އިންތިޚާބެއް ކާމިޔާބު ކުރުމުގައި ތާއީދު ހޯދަން ކަމުގައި ވިޔަސް، ނުވަތަ ވަކި ގިންތިއެއްގެ ބަޔަކު ރުއްސަން ކަމުގައި ވިޔަސް، ނުވަތަ ވައި އަޅުވައިގެން މެޑެލި ޖެހުމުގެ ނިޔަތުގައި ވިޔަސް، ކުރަން ވާނެ ކަންތަކާއި ކުރަން ނުވާނެ ކަންތައްތަކެއް އެބަހުއްޓެވެ. އިންސާފާއި ހަމަ އާއި ރައްކާތެރި ކަމުގެ މިންގަނޑުން ބަލާއިރުގަ އެވެ. ވަގުތީ ކާމިޔާބެއް ހޯދުމުގެ ނިޔަތުގައި ވެސް ތިމާ ނޫން އެހެން މީހުންނަށް ރައްކާތެރިކަން ގެއްލިދާނެ ފަދަ ކަންތައް ކުރެވިގެން ނުވާނެ އެވެ. މިފަދަ ކަންތައް ކުރާ މީހުން މިފަދަ ކަންތައް ކުރަނީ ޤާނޫނުން ލިބިފައި އޮންނަ ބާރެއްގެ ބޭނުން ކޮށްގެން ކަމުގައި ވިޔަސް، އެ ބާރުގެ ބޭނުން ކުރަނީ ޤާނޫނުން ދީފައި އޮންނަ މިންގަނޑުން ބޭރުގައި ނާޖާއިޒް ގޮތުގައި ކަމުގައި ގިނަ ބަޔަކަށް ފެންނަ ނަމަ އެކަން އެންމެ ކުޑަމިނުން ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ރައްޔިތުން ބޮޑު މުސާރަ ދީފައި ބައިތިއްބާފައި ތިބި މީހުން ބަލަން ވާނެ އެވެ.


އެއްލަކިން ލައިސަންސް ދިނުން ރޭވީ މިނިސްޓްރީއެއް މެދުވެރިވެގެން ކަމުގައި ވިޔަސް ނުވަތަ ޓްރާންސްޕޯޓް އޮތޯރޮޓީން ކަމުގައި ވިޔަސް، އެ ނިންމުމުގައި އެއްގޮތަކަށް ވެސް މަގުމަތީގެ ރައްކާތެރިކަމާއި ރައްޔިތުންގެ ރައްކާތެރިކަމާ މެދު ވިސްނާފައި އޮތް ކަމަކަށް ނިންމުން ތަކަކުން ނުފެެނެ އެވެ. ކަމަކާ މެދު ވިސްނާފައި އޮތިއްޔާ އޮތީ މާ މޮޅު ކަމެއް ކުރެވުނު ކަމަށް އަމިއްލަ އަށް މެޑެލި ޖެހުމެވެ. ލައިސަންސް ދިނުމުގެ ކަންތައްތައް އިންތިޒާމް ކުރުމުގައި ވެސް މިކަހަލަ ދުވަސް ވަރެއްގައި ކުރުން ރަގަޅު ނޫން ކަންތަކެއް ވެސް ކޮށްފައި ވެ އެވެ.

ތިންހާސް އެތައް ބަޔަކަށް ލައިސަންސް ދިން ކަމަށް ފޮނިކަނޑަމުން ދާއިރު ލަދު ގަންނަން ޖެހެ އެވެ. އެ ލައިސަންސަކީ ލައިސަންސް ނަގަން އޮންނަ ހުރިހާ ފައްތަރުތަކުގެ މަތިން ދިގު ފުމުން ފުންމައިގެން ދީފައިވާ ލައިސަންސަކަށް ވާތީ ވެ އެވެ. އެއްލަކިން ލައިސަންސް ނަގައިގެން ދިޔަ މީހުންނާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް އަޅުގަނޑުމެން ވެސް އަހާފައި ވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އަމިއްލަ އަށް ކަންތައް ހިނގި ގޮތް ކިޔައިދީފައި ވެ އެވެ. މީގެ އެންމެ ނުރައްކާތެރި ކަމަކީ ތާއީދު ހޯދަން ވެސް އެހެން މީހުންގެ ފުރާނަ އަށް ނުރައްކާ ވެދާނެ ބާވަތުގެ ކަންތައް ކުރުމެވެ. ތިމާ އަމިއްލަ އަށް ތިމާ އަށް ނުރައްކާ އަތުވެދާނެ ފަދަ ކަމެއް ކުރުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. އެފަދަ ކަމަކާ އިތުރު މީހަކާ ގުޅުމެއް ނެތް ކަމަށް ވާނަމަ ޝަކުވާ ކުރުން ކުޑަވާނެ އެވެ.

މާލޭގެ މަގުތަކަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ދުއްވާ އެއްޗެތީގައި މަގުމައްޗަށް ނުކުންނަ މީހުން މަދުވުން ބާވަ އެވެ؟ ނުވަތަ މަގުމަތީގައި އެއްޗެތި ދުއްވުމުގެ ގަވައިދު ނޭނގިގެން، ނުވަތަ މަގުމަތީގައި އެއްޗެތި ދުއްވުމުގެ އަދަބު ނޭނގިގެން، ނުވަތަ ދުއްވަން ނޭނގިގެން ލައިސަންސް ނުލިބިފައި ތިބި މީހުން އަވަހަށް މަގުމައްޗަށް ނެރެވޭނެ ނިޒާމެއް ގާއިމް ނުކުރެވުން ބާވަ އެވެ؟ ޒުވާނުންނަށް ވިޔަސް، ނުވަތަ ދެވާނުންނަށް ވިޔަސް، ނުވަތަ ހަރުވާނުންނަށް ވިޔަސް، ނުވަތަ ހަންވާނުންނަށް ވިޔަސް ދުއްވާ އެއްޗެތީގެ ލައިސަންސް ދޭން ވާނީ ލައިސަންސް ހޯދަން އޮންނަ ހުރިހާ މަރުޙަލާތަކެއްް ކަޑައްތު ކުރުމަށް ފަހުގަ އެވެ.

ޕްރޮސީޖާ އަވަސް ކުރުމަކީ ކޮބައިތޯ އެވެ؟ އެއީ އިދާރީ ކަންތައްތައް ލުއި ކޮށްލުން ނޫން ބާވަ އެވެ؟ މިސާލަކަށް ދަންނަވާ ނަމަ ފޯމު ބަލައި ގަންނަން އޮންނަ ގަޑި، ނުވަތަ ދުވަސް، ނުވަތަ މުއްދަތު އަވަސް ކުރުމެވެ. ނުވަތަ ކުރު ކޮށްލުމެވެ. އެ ނޫން ކަންތައްތައް ކުރެވެން ވާނީ ރައްކާތެރި ކަމުގެ ގޮތުން ކަޑައްތު ކުރަން ޖެހޭ މަރުޙަލާތައް ކަޑައްތު ކުރުމަށް ފަހުގަ އެވެ. އެއްގަމުގައި ދުއްވާ އެއްޗެތީގެ ލައިސަންސް، އަވަހަށް ނުލިބިގެން ޒުވާނެއްގެ ފުރާނަ އަށް ގެއްލުން ލިބިދާނެ ބާވަ އެވެ؟ ނުވަތަ ލައިސަންސް ނެތިގެން ހޮސްޕިޓަލަށް ބަލި މީހަކު ނުގެންދެވިގެން، ބަލި މީހަކު މަރުވެދާނެ ބާވަ އެވެ؟ މާލޭގައި ޓެކްސީ ވެސް ދުއްވަ އެވެ.

މިހާރު އޮތް އެންމެ ބޮޑު ބިރަކީ އަޅުގަނޑުމެންނަށް ނަން ބަލައި ލީމާ ކަމާ ނުބެހޭ އޮފީހެކޭ ހީވާ ތަނަކުން ވެސް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެއްލަކިން ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކޮށްފާނެތީ ވެ އެވެ. އެއިރުން އެއްލަކިން ޒުވާނާ އަށް ލައިސަންސް ލިބިދާނެ އެވެ. ދެވަނަ ލަކިން އަޅުގަނޑުމެން ގެންދާނީ ހޮސްޕިޓަލަށެވެ. ތިންވަނަ ލަކިން ގަބުރުސްތާނަށެވެ.

މާލޭގެ މަގުމަތި ބަލަހައްޓަން ހަވާލު ކޮށްފައި ތިބި މީހުންނަށް މަގުމަތި ނުބެލެ ހެއްޓެވެ. އެމީހުންގެ ޙައްޤު ޝަކުވާތަކެއް ވެސް އެބަހުއްޓެވެ. މާލެ އަށް އެތެރެ ކުރާ އިންޖީނުލީ އެއްޗެތި ކަންޓުރޯލު ކުރުމުގެ އެއްވެސް މިންވަރެއް، މިންގަނޑެއް ނެތި، އަދި ނަތީޖާ ނެެރެވޭނެ ފަދަ ގަވައިދެއް ހެދިފައި ވެސް ނެތުމެވެ. އެގޮތަށް ކަންތައް އޮތް ކަމުގައި ވިޔަސް މިހާރަށް ވުރެ ރަނގަޅަށް މާލޭގެ މަގުތައް ބެލެހެއްޓެން ވާނެ އެވެ. ރަނގަޅަށް ރޭވިގެންނެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި އެއްގަމާއި ކަނޑު ދަތުރުފަތުރާ ބެހޭ އެންމެ ބޮޑު މައްސަލަ އަކީ އެކަން ކަމާ ބެހޭ ގޮތުން މުސްތަޤިއްލުކޮށް ވިސްނައި، ދިރާސާ ކޮށް، ރާވައި، ކަމާ ބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާނެ ބާރު ލިބިފައިވާ ފަރާތެއް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި ނެތުމެވެ. ތެދުފުޅެކެވެ. ޓްރާންސްޕޯޓް އޮތޯރިޓީއެއް އެބައޮތެވެ. ޓްރާންސްޕޯޓް މިނިސްޓްރީއެއް ނުހުންނަ ބައެއް ޤައުމުތަކުގައި ޓްރާންސްޕޯޓް އޮތޯރިޓީއެއް އޮވެ އެވެ. އެހެން ނަމަވެސް އެ އެތޯރިޓީގެ ބާރު، ބައެއް ހާލަތުތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީ އަކަށް ވުރެ ވެސް ގަދަ އެވެ. ރާއްޖޭގައި ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތްތައް ފަހަރަކު މަސައްކަތެއް ނަގަމުން ރުހޭ މީހުން ތިބޭ އޮފީސްތަކާ ހަވާލު ކުރެވެ އެވެ. އެ ތަން ތަނާ ރަސްމީ ގޮތުން ހަވާލު ކުރެވިފައި ހުންނަ މަސައްކަތްތައް، ރައްޔިތުން ރުހޭ ގޮތަށް، ރައްޔިތުންގެ ޝަކުވާ ގިނަ ނުވާ ގޮތަށް، ހުޅުވިގެން މަސައްކަތްތައް ކުރެވޭ ތަން ނުފެންނަ ތަންތާނގައި އިތުުރު ބައެއްގެ މަސައްކަތް ރަގަޅަށް ކުރެވިދާނެ ކަމާ މެދު ޝައްކެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ވެރިއަކަށް ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ކަމުގައި ވިޔަސް ޓްރާންސްޕޯޓް މިނިސްޓްރީއެއް އުފައްދަވަން ވީ އެވެ. އޭރުން އެއް ލޯ މަރާލުމުން ލައިސަންސް ދިނުން ކަހަލަ މޮޅެތި ނިންމުން ތަކުން ފަހަރެއްގައި އަޅުގަނޑުމެން ސަލާމަތް ވެދާނެ އެވެ.

އެއްލަކިން ލައިސަންސް ދިނުމަށް ތައްޔާރު ކޮށްފައި އޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ބަހައްޓަން ވީ ބޭނުމެއް ނޭނގެ އެވެ. މި ދުވަސްވަރަކީ ރިޔާސީ އިންތިޚާބުގެ ދުވަސް ވަރަށް ވުމާ އެކު ސަރުކާރާ އެއްގޮތް ނޫން ޚިޔާލުގެ މީހުން މާނަ ކުރާނީ ނުސީދާކޮށް، ސަރުކާރުގެ ޚަރަދުގައި ކެމްޕޭން ކުރަނީ ކަމަށެވެ. މިކަމުގެ ހުރިހާ ބަދުނާމެއް ވެސް އަންނާނީ ވެރިކަން ކުރާ ޕާޓީ އަށެވެ. އެއްވެސް ކަމަކާ ނުލަ އެވެ. އެ ޕާޓީގެ ކުޑަ ވެސް ރޯލެއް ނެތި އެވެ. ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ޓީ.ވީ ޗެނަލްތަކުން، ލައިސަންސް ނަގަން ގޮސް ތިބި ބައެއް މީހުންނާއި އަދި ލައިސަންސް ލިބުނު ބައެއް މީހުންނާ އެކު ބޭއްވި ކުރު ބަސްދީގަތުން ތަކުން ވެސް ހިތް ސާފު ނޫން މީހުންނަށް މާނަ ކުރެވޭނީ މުޅިން އެހެން އެއްޗެކެވެ. މި ކަހަލަ ކަންތައްތައް ކުރުމުގެ ކުރިން ބާރު ލިބިފައި އޮތް ފަރާތުގައި އެޅޭނެ ބަދުނާމަކާ މެދު ވެސް ކުޑަކޮށް ވިސްނާފައެއް ނެތެވެ.

މާލެ ތޮއްޖެހެނީ އެވެ. މާލޭގެ އާބާދީ ބޮޑު ވަނީ އެވެ. ރަށުތެރޭގެ ކާރޫބާރޫ އިތުރު ވަނީ އެވެ. މާލޭގައި ދުއްވާ އެއްޗެތި އެއްވެސް ކަންޓުރޯލެއް ނެތި އިތުރު ވަނީ އެވެ. ލައިސަންސް އޮވެގެން މަގުމަތީގައި އެއްޗެތި ދުއްވާ ބައެއް މީހުންނާއި ލައިސަންސް ނެތި ދުއްވާ މީހުން މަގުމަތީގައި އެއްޗެތި ދުއްވުމުގެ ޤަވައިދަށް ބަލާލުމެއް ނެތެވެ. އަޅާލާނެ ބަޔަކު ނެތެވެ. ހުޅުމާލެ ވެސް ނުބެލެހެއްޓިގެން މިހާރު މާލޭގެ ފެންވަރަށް ދަނީ އެވެ. އެކަމަކު ވެރިން ވިދާޅުވަނީ މާލެ ތޮއްނުޖެހެ އެވެ. ތޮއްޖެހެން ކައިރި ވެސް ނުވެ އެވެ. ވެރިން އަބަދުވެސް ދައްކަވަނީ ރަނގަޅު ވާހަކަ ކަމަށް ވާ ނަމަ އެ ވާނީ ރަނގަޅު ވާހަކަ އަކަށެވެ.