ޔާމީން ފުނޑާލެއްވި ނިޒާމް ހަމަ އެގޮތަށް!؟

އެއްވެސް ޝައްކެއް ނެތް ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ވަރުގެ ޚިޔާނާތްތަކެއް ރާއްޖޭގެ ފަހުގެ ތަރީޚު ދެކިފައެއް ނުވެ އެވެ. ނުވަތަ ޚިޔާނާތުގެ ތެރެއިން އެ މިންވަރުގެ ގެއްލުމެއް ދައުލަތަށް ލިބުނު ކަން އެނގޭނެ ސަފުހާއެއް، ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ތާރީޚުން ފެންނާކަށް އަދި ނެތެވެ.


ރައްޔިތުންގެ ހޭލުންތެރިކަން ކުޑަ، އިލްމީ ގޮތުން ދަށް ދުވަސްވަރެއްގައި، އިންސާނީ އަސާސީ ހައްގުތަކުން މަހުރޫމްކޮށްގެން ދެމެހެއްޓި ވެރިކަން ކުރުމުގެ ސަގާފަތް މާޒީ ވެއްޖެ ކަމަށް، އޮގަސްޓް 7، 2008 ގައި ތަސްދީގުކުރި އާ ގާނޫނުއަސާސީއާ އެކު، ދިވެހިން މި ތިބީ ގަބޫލު ކޮށްގެންނެވެ.

އެކަމަކު ރައީސް މައުމޫން އަބްދުލްގައްޔޫމުގެ 30 އަހަރުގެ ދިގު ވެރިކަމަށް ފަހު، އާ ޑިމޮކްރަސީގެ އެއް ބާނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް ފެނުނީ، ބޭނުންވެއްޖެ ހިނދެއްގައި ގާނޫނުއަސާސީއާ ހިލާފުވުމާއި އެ ގާނޫނު އަސާސީން ލިބިދޭ ހިމާޔަތް ވެސް ބައެއް ދިވެހިންނަށް ނުދީ ހިފެހެއްޓި ތަނެވެ. (މިސާލު: ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާއި، ސްޕްރީމް ކޯޓުގައި ތަޅުއެޅުވުން).

ރާއްޖޭގެ ވެރިކަމާ ނޮވެމްބަރު 17، 2013 ގައި، ރައީސް ޔާމީން ހަވާލުވެވަޑައިގަތީ، ގާނޫނުއަސާސީ ދަމަހައްޓައިދޭނެ ކަމާއި ނަޝީދަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ވާނެ ކަމަށް ގަބޫލުކޮށްގެން ގިނަ ދިވެހި ދިން ވޯޓަށް ފަހު އެވެ. އެކަމަކު، އިސްލާމީ އެހެން ގައުމުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ނެގިދާނެ ފެންވަރަކަށް އެކުލަވާލި ގާނޫނުއަސާސީ ވެެގެންދިޔައީ އެމަނިކުފާނު ބޭނުންފުޅު ގޮތަކަށް ކުޅުއްވޭނެ، މާނަ ނެންގެވޭނެ އެއްޗަކަށެވެ. ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގެންނެވި ކޮންމެ ހުރަހެއް، އަނިޔާވެރިކަމުގެ ތެރެއިން ނަމަވެސް ނައްތާލައްވަން، ޔާމީން ޖެހިލުންވެވަޑައެއް ނުގަތެވެ.

ނޮވެމްބަރު 17، 2018 ގައި، ރާއްޖޭގެ ވެރިކަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގަތީ، އާ ގާނޫނުއަސާސީގެ ފަހުން ރާއްޖެ ދުށް އެންމެ ބާރުގަދަ، އެންމެ އަނިޔާވެރި ވެރިޔާއަށް ވަރަށް ބޮޑު ތަނުން ރައްޔިތުން ބުނި "ނޫނެކޭ"އަށް ފަހު އެވެ. ރިޔާސީ އިންތިހާބުގައި ޔާމީނަށް އެހާ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެވަޑައިގެންނެވި އިރު، ތާރީޚު ހެކިދެނީ، އެމަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖެ ދުށްވަރުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް އެއްވެސް ވެރިޔަކަށް ހިންގެވިފައި ނެތް ކަމެވެ.

ނަމަވެސް ދިވެހިންގެ ނިންމުން ވަރަށް ސާފެވެ: ހިޔާނާތާ ދެކޮޅުކަމެވެ. އަނިޔާވެރިކަމާ ދެކޮޅުކަމެވެ. ގާނޫނުއަސާސީ އާއި ގާނޫނުތައް ދަމަހައްޓަން ޖެހޭނެ ކަމެވެ.

އިންތިހާބުގެ ކެމްޕޭނާއި އިންތިހާބު ކުރިއަށް ދިޔަ އިރު، ޔާމީނާ އިދިކޮޅު ބައެއް ވެރިން [ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް) އުޅުއްވީ ގައުމުން ބޭރުގައި އަރުވާލެވިގެންނެވެ. ރާއްޖޭގައި ތިއްބެވި އިދިކޮޅު ލީޑަރުން ކަމަށްވާ މައުމޫން ޖަލުގައި ހުންނެވި އިރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޭބަންދުގަ އެވެ.

އެކަމަކު ޔާމީނަށް ގިނަ ދިވެހިންގެ ލޯތްބެއް ލިބިވަޑައެއް ނުގަތެވެ. ސިޔާސީ ލީޑަރުން ހައްޔަރުކުރަން ދެއްކެވި އުޒުރުތަކެއް ބަލައެއް ނުގަތެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ދައުލަތުގެ ހުރިހާ ބާރެއް އެމަނިކުފާނުގެ ވެރިކަން ދިފާއުކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ވެސް ގަބޫލެއް ނުކުރި އެވެ.

އޭގެ ފަހުން އެއް އަހަރު، ހަގީގީ ބަދަލެއް ފެނިއްޖެބާ؟

މިއަދު މިއީ ޔާމީންގެ ތަަރައްގީގެ މަޝްރޫއުތައް ބަލައިގަނެ އެކަމަކު ހިޔާނާތާއި އަނިޔާވެރިކަމަށް ދިވެހިން ނޫނެކޭ ބުނި ބުނުމާ އެކު އުފެދުނު އާ ވެރިކަމަށް އަހަރެއް ފުރުނު ދުވަހެވެ. އެކަމަކު އޭރު ދިވެހިންގެ ބޮލަށް ވެއްދި މައިގަނޑު ކަންކަން ހާސިލްވެފައި ހުރީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެ އެވެ. ސިޔާސީ ގޮތުން ފެށިގެން މި އުޅެނީ ކޮން ވައްތަރެއްގެ ގޭމެއްތޯ ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ.

އެމްޑީޕީން 2008 އާއި 2012 އާ ދެމެދު ވެރިކަން ކުރި އިރު ނުލިބުނު ބާރު ރައްޔިތުން މިފަހަރު އެ އޮތީ ދީފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީއާ އެކު، ގާނޫނު ހެދުމުގެ ބާރު އެމްޑީޕީގެ އަތްދަށުގަ އެވެ. ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އަކީ ވެސް އެ އެވެ. އެކަމަކު މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ގިނަ މެމްބަރުން ނަގަނީ އެމްޑީޕީގެ ފިކުރުގެ ތެރެއިންނެވެ. ސިޔާސީ ހަރަކާތްތަކުގައި ފާޅުގައި އުޅެފައި ތިބި ބައެއް މީހުން ވެސް މިނިވަން މުއައްސަސާތަކަށް ލަމުން އެ ގެންދަނީ، އެމްޑީޕީ އިސްކޮށް އޮވެ މިދިއަ އަހަރުގެ ސެޕްޓެމްބަރު 23 ގެ އިންތިހާބުގެ ކުރިން، އުފުލި އަޑުތަކާ މުޅިން ހިލާފު އުސޫލެއްގަ އެވެ.

ސެޕްޓެމްބަރު 23، 2018 ގައި އޮތް ރިޔާސީ އިންތިހާބުގައި އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަށް ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ޝަރުއީ ނިޒާމް އިސްލާހުކުރުމުގެ ވިސްނުން ވެސް މަސްހުނިވެފައި މިހާރު އޮތީ، އަމިއްލަ މަސްލަހަތު ވެސް ފުށުއަރާ ގޮތަކަށެވެ. ޖޭއެސްއީ އަށް ބަލާއިރު، އަމިއްލަ ލޯ ފާމް ހިންގަވާ ނުވަތަ ލޯ ފާމްތަކުގައި އަމިއްލަ މަސްލަހަތު އޮތް މެމްބަރުން ގިނަ އެވެ. އެ ބޭފުޅުންގެ އިންޓަގްރިޓީއާ މެދު މިހާތަނަށް ސުވާލެއް ނެތް ތިން ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކޮށްފައި ވިޔަސް، ޝަރުއީ ނިޒާމަށް އެހެން ގޮތްގޮތުން ޖޭއެސްސީގެ ނުފޫޒު ވަންނާނެ ފުރުސަތު އޮތީ، ކުރިއެކޭ އެއްގޮތަށް، ނުވަތަ އެއަށް ވުރެ ވެސް ބޮޑަށް ހުޅުވިފަ އެވެ. ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ދުވަސް ދުއްވާލެއްވި ފަނޑިޔާރުން އެ ތަނުން ބޭރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ އިރު، އެ ބޭފުޅުންގެ ބަދަލުގައި ދެން ގެންނާނީ ސިޔާސީ ގޮތުން ކިހާ ފަސޭހައިން ކުޅެވިދާނެ ފަނޑިޔާރުންތަކެއްތޯ، މިއަދު ސުވާލުކުރެވިދާނެ އެވެ.

ޔާމީންގެ ވެރިކަމުގައި ސިޔާސީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ދައުވާ އުފުއްލެވި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހުންނެވީ ސަލާމަތުންނެވެ. އޭނާ ބޭރުކުރަން މަޖިލިހުގެ ބައެއް މެމްބަރުން ކުރެއްވި މަސައްކަތް، އެމްޑީޕީގެ ލީޑަޝިޕުން ވަނީ ފޭލްކޮށްލައިފަ އެވެ. އެހެންކަމުން މީގެ އެއް އަހަރު ކުރިން، ޕީޖީ އާއި މިނިވަން މުއައްސަސާތައް ސަލާމަތްކުރަން ދެއްކި ވާހަކަތައް ދިމައެއް ނުވެ އެވެ. ހުރިހާ ބާރެއް ލިބުމާ އެކު ވެސް، އިސްލާހުކުރުމުގެ ބައިގައި ބޮޑަށް ފެންނަނީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަށް ރޭވުންތައް ރާވާ ތަނެވެ.

ގަވާއިދެއްގެ ދަށުން ވިޔަސް، ގާނޫނެއްގެ ދަށުން ވިޔަސް ވައްކަން ވާނީ ވައްކަމަށް!

އަމާނާތްތެރި ދައުލަތެއް ކުރިއަށް ގެންދިއުމުގެ އިލްމީ ގާބިލްކަން ހުރި ބޭފުޅަކާ މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑު ބައްދަލުކުރީމެވެ. ފުރަތަމަ މައުލޫއުއަކަށް ވީ، ބިޑަކާ ނުލައި، އެތައް މިލިއަން ޑޮލަރެއްގެ މަޝްރޫއު ސަރުކާރުގެ ދެތިން މިނިސްޓަރަކު ބޭނުންވާ ބަޔަކަށް ދެވިދާނެތޯ ނުވަތަ ނޫންތޯ އެވެ. އަޅުގަނޑު އޭނާގެ އަރިހުގައި ދެންނެވީ، އެގޮތަށް ދެވިދާނެ އުސޫލުތަކެއް ހަދައި ގެޒެޓްކޮށްފައި އޮތް ކަމަށް، ސަރުކާރުން ބުނާ ބުނުމެވެ.

"ގަވާއިދެއްގެ ތެރެއިން ވިޔަސް، ގާނޫނެއްގެ ތެރެއިން ވިޔަސް، ވައްކަން ކުރަންޏާ ވާނީ ވައްކަމަށް. އެއީ ސީދާ ވައްކަމަށް އޮތް ފުރުސަތެއް،" އެ އުސޫލާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް ލަސްވާ ކަމަކީ ކޮބާ އެންމެ މަސް ދުވަހަކަށް ބިޑަކަށް ހުޅުވާލުމަކުން؟ އެއްވެސް ލަހެއް ނުވާނެ."

މި މައުލޫއު ފެށީ ގުޅިފަޅުގައި މާލޭގެ އާ ވިޔަފާރި ބަނދަރު ހަދަން ބިން ހިއްކުމުގެ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއު، އެއްވެސް ބިޑެއް ނެތި، ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރުމުންނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، ޔާމީނާ ދެކޮޅަށް އޭރު އެންމެ ބޮޑަށް ފާޑުކީ އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް މިސާލު ޖެހި، ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތެކޭ، ގުޅިފަޅު ހިއްކުމެކޭ ތަފާތެއް ނެތެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން، ފުވައްމުލަކަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ: ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގެވިޔަސް ގިނަ ރައްޔިތުން ވޯޓު ލީ ދެކޮޅަށް.

ބޮސްކާލިސްއާ އެ މަޝްރޫއު ހަވާލުކުރީ ރަނގަޅަށް ކަން ދައްކަން ސަރުކާރުން ކިތައްމެ މަސައްކަތެއް ކުރިޔަސް، އެއީ ހިޔާނާތަށް މަގުފަހިވާ ނިންމުމެކެވެ. އޭގެ އިތުރުން އިންސާފު ހޯދައިދިނުމުގެ ނަން ކުރިއަށް ނެރެގެން ދައުލަތުން ދެމުން އަންނަ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ބަދަލުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އެހެންކަމުން މިހާރު ފެންނަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ފަދަ ހިޔާނާތުގެ އަމަލްތަކެއް ނޫނެވެ. މިހާރު ފެންނަނީ އިންސާފު ހޯދައިދިނުުގެ ނަމުން ހިމާޔަތް ހޯދައިގެން ވަކި ބަޔަކަށް މާލީ ބޮޑެތި މަންފާތައް ފަހިކޮށްދޭ ތަނެވެ.

ތަރައްގީގެ ކިތައްމެ މަޝްރޫއުއެއް ހިންގެވިޔަސް ޔާމީންގެ ނަންފުޅު ޚަރާބުވީ ޚިޔާނާތާއި އަނިޔާވެރިކަމުގަ އެވެ. އެކަމަކު މިއަދު އެމަނިކުފާނު ވެސް ގެންދަވަނީ މި ސަރުކާރުގެ ހިޔާނާތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ހިނިއަންނަ ބަޔަކު ހިނިއަންނަންވީ އެވެ. އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު ތާއީދުކުރަންވީ އެވެ.

"ޑިމޮކްރަސީގެ ނަމުން ރަނގަބީލު ޖަހަމުން އައި ބައެއް ނޫންތޯ މިތާ މިތިބީ. މިއަދު ކީއްތޯ މިވަނީ؟" މިދިއަ ހުކުރުދުވަހުގެ ރޭ އޮތް ޕީޕީއެމްގެ އެއްވުމެއްގައި، ޔާމީން ވިދާޅުވި އެވެ. "މި ސަރުކާރަށް ބަންދު ދުވަސްތައް ނުލާ އަދި ތިން މަސް ނުވޭ. ކޮން ކަމަކާތޯ އަތް ނުބާނަނީ؟ ކޮން ކަމެއްތޯ ފުނޑާނުލަނީ؟ މިހާރު ސުޕްރީމް ކޯޓް ފުނޑާލައިފި. ހުރިހާ ނިޒާމްތަކެއް ފުނޑާލައިފި."

މިއަދު އެއް އަހަރު ވީ ސަރުކާރާ ޔާމީން ހަވާލުކުރެއްވީ، ހަގީގަތުގައި، އެމަނިކުފާނު ފުނޑާލައްވާފައި އޮތް ނިޒާމެކެވެ. އެކަމަކު އާ ސަރުކާރަށް އެ ނިޒާމް ފުރިހަމަ ނުކުރެވުމަކީ، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ މައްސަލައެކެވެ. އެ ބޭފުޅުންގެ ނާގާބިލްކަމެވެ. ނުވަތަ އެ ބޭފުޅުން ވެސް، ދައުލަތް އިސްނުކުރައްވައި، އަމިއްލަ ފައިދާ އާއި ސިޔާސީ ފައިދާ ނަންގަވަނީ އެވެ.