ރާއްޖޭގެ ބޭންކިން ވިޔަފާރި ހަމަ މި ގޮތުގައި ބާއްވަންވީތަ؟

ކޮންމެ ގައުމެއްގެ ވެސް އޮންނަ މާލީ ނިޒާމަކީ، އެ ގައުމެއްގެ އިގުތިސާދީ ކުރިއެރުމާއި، ފަރުދުންގެ ދިރިއުޅުމުގައްޔާއި، ވިޔަފާރި ކުރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ނިޒާމެކެވެ. މި ނިޒާމަކީ، އިންސާނުން ދިރިއުޅޭ ކޮންމެ ތަނެއްގައިމެ ގާއިމުވެފައިވާ ނިޒާމެކެވެ. އެކި ތަންތަނުގައި، މި ނިޒާމު ތަރައްގީވެފައި ހުރީ އެކި މިންވަރަށެވެ.


މާލީ ނިޒާމުގެ ތަބީއަތަކީ، ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމެވެ. މި ގުޅުމުގައި ހިމެނޭ ދެ ފަރާތް ކަމަށްވާ ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތުގެ މެދުގައި، ހިންގާ މުއާމަލާތްތަކަކީ، ދެ ފަރާތުގެ މަސްލަހަތު ރައްކާތެރިކުރެވޭ ގުޅުންތަކެއް ކަމަށް ކަށަވަރު ކުރުމަށްޓަކައި، ގާނޫނުތަކުގެ އިތުރުން މުއައްސަސާތަކުގެ ރޯލު ވަރަށް މުހިންމެވެ.

ރާއްޖޭގެ މާލީ ނިޒާމުގެ ބެލެނިވެރި ގާނޫނުތަކުގެ ތެރޭގައި ހިމެނެނީ، 1981 ގައި ނިކުތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގާނޫނާއި 2006 ގައި ހެދި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްގެ ގާނޫނާއި، 2010 ގައި އަމަލްކުރަން ފެށި ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނެވެ. މި ދެންނެވި ހުރި ގާނޫނުތަކަށް އެކި ފަހަރުމަތިން، އިސްލާހުތައް ގެނެވިފައިވިއަސް، ގާނޫނުތަކުގެ އަސްލަށް މާ ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

މި ގާނޫނުތަކާއި މި ގަގާނޫނުތަކަށް އައިސްފައިވާ ބަދަލާއި، މުޅި މާލީ ނިޒާމުގެ ގާނޫނީ އޮނިގަނޑުގެ ރޭވިފައި އޮންނަންވީ ގޮތާ މެދު އަޅުގަނޑު ދެކޭ ގޮތް ފަހުގެ މަޒުމޫނެއްގައި ލިޔަން ގަސްދުކުރަމެވެ.

މި މަޒުމޫނުގައި، އަޅުގަނޑު ބަލައިލާފައިވާނީ ރާއްޖޭގެ މާލީ ނިޒާމުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ވިޔަފާރި ކަމަށްވާ ބޭންކިން ވިޔަފާރިއަށެވެ.

ބޭންކިން ވިޔަފާރި

ރާއްޖޭގައި ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމުގެ ދައުރު އަދާކުރަނީ ރާއްޖޭގައި ހިންގާ ބޭންކްތަކުންނެވެ. ބޭންކްތަކުގެ ވިޔަފާރި ބިނާވަނީ، ފައިސާ ބާކީކުރާ ފަރާތްތަކަށް، އެ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ އެކު، ބޭންކުގައި ރައްކާކޮށްފައިވާ ފައިސާ (ޑިޕޮސިޓް ފައިސާ)، ފައިސާ ބޭނުންވާ ފަރާތްތަކަށް ލޯނުގެ ގޮތުގައި ދޫކުރުމުގެ މައްޗަށެވެ.

ރާއްޖޭގައި ބޭންކިންގެ ވިޔަފާރި ތައާރަފުވީ 1974 ގައި ރާއްޖެއަށް ބޭނުންވާ އިމްޕޯޓު މުދަލާއި ރާއްޖެއިން އެކުސްޕޯޓްކުރާ މުދަލާ ގުޅިގެން ހިންގާ މުއާމަލާތްތަކުގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ބްރާންޗެއް ރާއްޖޭގައި ހުޅުމާ ގުޅިގެންނެވެ. އޭގެ ފަހުން 1982 ގައި، އެމްއެމްއޭ އުފެދުމުން، ސަރުކާރުގެ ބޭންކިންގެ ހިދުމަތްތައް އެ ވުޒާރާއިން ކުރަން ފެށުމެވެ.

ބޭންކިން ވިޔަފާރިން ފައިދާ ހޯދަނީ، ބޭންކުން ލޯނު ނެގި ފަރާތުގެ އަތުން ނަގާ ލޯނުގެ ހިދުމަތުގެ އަގާއި، ބޭންކުގައި ފައިސާ ޖަމާކޮށްފައިވާ ފަރާތަށް ބޭކުން ދޭ އަދަދުގެ ތަފާތުންނެވެ. އިނގިރޭސި ބަހުން މިއަށް ކިޔަނީ "ސްޕްރެޑް އިންކަމް" އެވެ. މި ތަފާތު ބޮޑުވި މިންވަރަކަށް ބޭންކަށް ފައިދާވާ މިންވަރު އިތުރުވެ އެވެ.

ބޭންކިންގެ ވިޔަފާރީގެ ބޮޑު ފައިދާގެ އަނެއް ފަރާތަކީ ބޭންކުގައި ފައިސާ ބަހައްޓާ ފަރާތްތަކަށާއި، ބޭންކުން ފައިސާ ލޯނުގެ ގޮތުގައި ނަގާ ފަރާތްތަކަށް ހައްގުވާ މިންވަރު ނުލިބުމެވެ.

ބޭންކު ވިޔަފާރި އަށް ފައިސާ ހޯދާފައިވާ ގޮތް

އެމްއެމްއޭ އިން ހާމަކޮށްފައިވާ ބޭންކުތަކުގެ ޖުމްލަ ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ބޭންކިން ހިދުމަތް ދޭ ވިޔަފާރިތަކުން ފައިސާ ހޯދަނީ ކަސްޓަމަރުން ޖަމާކުރާ ފައިސާ އިންނެވެ. އަދި ބޭންކިން ވިޔަފާރީގައި ފައިދާ ހޯދާ ގޮތަށް ބަލާއިރު، ކަސްޓަމަރުން ޖަމާކުރާ ފައިސާ އަކީ އެވްރެޖް ގޮތެއްގައި 70 ޕަސެންޓެވެ. ފާއިތުވި އަހަރުތަކުގައި މި އަދަދު ހުރީ ވެސް މި މިންވަރުގަ އެވެ.

ޓޭބަލް 1: ބެންކުތަކުގެ ވިޔަފާރި އަށް ފައިސާ ހޯދާފައިވާ ގޮތް

ރާއްޖޭގައި ހިންގާ ބޭންކްތަކުން ފައިސާ ހޯދާ ގޮތް

ހިސާބުތަކުން ދައްކާ ގޮތުގައި 2018 ނިމުނު އިރު ބޭންކުތަކުގައި ކަސްޓަމަރުން ޑިޕޮސިޓް ކޮށްފައިވާ ޖުމްލަ ފައިސާ އަކީ، 33.2 ބިލިއަން ރުފިޔާ އެވެ. ބޭންކުތަކުގައި ކަސްޓަމަރުން ޖަމާކުރި ފައިސާ އަހަރުން އަހަރަށް އިތުރުވަމުން ގޮސްފައިވެ އެވެ

މި ގޮތުން، 2013 ގައި 23 ބިލިއަން ރުފިޔާގައި، ކަސްޓަމަރުން ޖަމާކުރި ފައިސާގެ އަދަދު ހުރިއިރު، 2018 ނިމުނު އިރު އެ އަދަދު ހުރީ 33.2 ބިލިއަން ރުފިޔާ ކަމުން، އެވްރެޖް ގޮތެއްގައި ކަސްޓަމަރުން ޖަމާކުރާ ފައިސާ އިތުރުވެފައިވާ އަށް ޕަސެންޓެވެ.

ގުރާފް 1: ބޭންކުތަކުގައި ހުރި ކަސްޓަމަރުން ޑިޕޮސިޓް (ބިލިއަން ރުފިޔާ)

ރާއްޖޭގައި ހުރި ބޭންކްތަކަށް ކަސްޓަމަރުން ޖަމާކުރި ފައިސާގެ މިންވަރު ދައްކައިދޭ ޗާޓެއް

ބޭންކުތަކުގައި ޑިޕޮސިޓް ކުރާ ފައިސާގެ އަދަދު އިތުރުވުމާ ގުޅިގެން، ޑިޕޮސިޓް ކުރާ ކަސްޓަމަރުންނަށް ބޭންކުން ދޭ މިންވަރު ވަނީ ދަށްވެފަ އެވެ. ޑިޕޮސިޓްކުރާ ފަރާތްތަކުގެ ފައިސާއަށް ބޭންކުތަކުން ދޭ އަދަދު، ބޭންކުތަކުގައި ޖަމާކޮށްފައިވާ އަދަދުތަކާ އަޅާބެލުމުން ބޭންކުތަކުން ފައިސާ ހޯދަނީ، އެއް ޕަސެންޓަށް ވުރެ ކުޑަކޮށް ކަމަށް ފެނެ އެވެ.

ގުރާފް 2: ބޭންކްތަކުން ކަސްޓަމަރުންގެ ޑިޕޮސިޓަށް ދައްކާ ރޭޓް

ރާއްޖޭގައި ހުރި ބޭންކްތަކުން ޑިޕޮސިޓަށް ދައްކާ ރޭޓް

ޑިޕޮސިޓް ކުރާ ފަރާތްތަކަށް ބޭންކުތަކުން އެވްރެޖްކޮށް އެއް ޕަސެންޓަށް ވުރެ ކުޑަ އަދަދެއް ދޭއިރު، ބޭންކުތަކުން ލޯނު ނާގާ ފަރާތްތަކުން ލޯނުގެ ހިދުމަތަށް ނަގާ ރޭޓް، ބޭންކުތަކުން ޑިޕޮސިޓަށް ދައްކާ ރޭޓަށް ވުރެ އެވްރެޖްކޮށް 10 ޕަސެންޓް (ނުވަތަ 12 ގުނަ) އަށް ވުރެ ބޮޑެވެ.

ޓޭބަލް 3: ބޭންކުތަކުން ލޯނުގެ ހިދުމަތަށް ނަގާ އަދަދު

ބޭންކިން ވިޔަފާރިން ލޯނާއި އެހެން ހިދުމަތްތައް ދީގެން 2018 ގައި ފައިދާގެ ގޮތުގައި 2.7 ބިލިއަން ހޯދާފައިވެ އެވެ. މިއީ 2017 ވަނަ އަހަރާ ބަލާއިރު އަށް ޕަސެންޓްގެ އިތުރުވުމެކެވެ. ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމުގެ މެދުވެރިއެއްގެ ރޯލު އަދާކުރާ ބޭންކިން ވިޔަފާރި ބޮޑު ފައިދާއެއްގައި ހިންގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭކަށް ނެތެވެ.

ޓޭބަލް 4: ބޭންކުތަކުގެ ފައިދާ (ބިލިއަން ރުފިޔާ)

މިދިއަ ފަސް އަހަރު ރާއްޖޭގެ ބޭންކްތަކުން ހޯދި ފައިދާ

ވިޔަފާރީގެ ދަތިތަކާއި، ހުރަސްތައް ހުރި މިންވަރުން، އެކަށީގެންވާ ފައިދާއެއް ކަމަށް ބެލުމަށް ވުރެ ބޭންކުތަކުން ބޮޑު ފައިދާއެއް ހޯދަނީ، މާލީ ނިޒާމުގައި ވާދަވެރިކަން ނެތުމާއި، މާލީ ނިޒާމު ހަރުދަނާ ކުރުމަށް ސިޔާސަތުތައް ނެތުމާއި، ބޭންކިން ވިޔަފާރި ކުރާ ފަރާތްތަކުގެ މަސްލަހަތަށް ދީލައިލެވިފައިވާ ރެގިއުލޭޓަރީ ސަގާފަތެއްގެ ސަބަބުން ކަމަށް ދެކެމެވެ.

ބޭންކުތަކުން ފައިދާ ހޯދާ މުއާމަލާތްތަކަށް ބަލައިލުމުން، 25 ޕަސެންޓް ހިއްސާކުރަނީ، ދިވެހި ސަރުކާރުން ޔަގީންކޮށްފައިވާ ދަރަނި ކަމަށް ވުމާއި، ލޯނު އަނބުރާ ނުދައްކާ މީހުންގެ ނިސްބަތް ކުޑަވަމުން ދާކަން ފާހަގަކުރެވިފައި ވާއިރު، ބޭންކުތަކުން ފައިދާ ހޯދަނީ ދިވެހި ރާއްޖޭގެ މާލީ ނިޒާމުގައި ވާދަވެރިކަން ނެތުމުގެ ނަހަމަ ބޭނުން ކޮށްގެން ކަމަށް ގަބޫލުކުރެވެން އެބަ އޮތެވެ.

ގުރާފް 3: ވަކިވަކި ބޭންކުތަކުގެ ހިއްސާ (މާކެޓް ޝެއާ)

ރާއްޖޭގެ ބޭންކިން ދާއިރާ އެކި ބޭންކްތަކުން ހިއްސާކުރާ މިންވަރު

ރާއްޖޭގެ އިގުތިސާދުގެ ނިސްބަތުން ބޭންކިން ސެކްޓަރަކީ 59 ޕަސެންޓެވެ. ރާއްޖޭގެ ބޭންކިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން، މުޅި މާކެޓްގެ 47 ޕަސެންޓް ހިއްސާކުރަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. ދެން އެންމެ ބޮޑު ހިއްސާއެއް އޮތީ ސްޓޭޓް ބޭންކު އޮފް އިންޑިޔާގެ އަތުގަ އެވެ. އެއީ 21 ޕަސެންޓެވެ. މި ދެ ބޭންކުގެ ވިޔަފާރި އެއްކޮށްލުމުން މުޅި މާކެޓްގެ 68 ޕަސެންޓް ކޮންޓްރޯލްވީ އެވެ.

ވިޔަފާރީގެ ވާދަވެރިކަން ބެލުމަށް ބޭނުން ކުރާ އެއް އިންޑެކްސް ކަމަށް ވާ، ހާފިންދާލް ހިންޝްމަން އިންޑެކްސް އިން ރާއްޖޭގެ ބޭންކިން ވިޔަފާރީގެ ދާއިރާއަށް ލިބެނީ 2837 އެވެ. ވީމާ މި ވިޔަފާރީގެ މާކެޓް ސްޓްރަކްޗަ މި އޮތީ އޮލިގޯޕޮލީއެއްގެ ގޮތުގަ އެވެ. މިހެން މިކަން އޮތްއިރު، ފަހަގަކޮށްލަން ބޭނުންވާ އަނެއް ނުކުތާއަކީ މުޅި ބޭންކިން ވިޔަފާރިއަށް ބަލާއިރު، ރާއްޖޭން ބޭރުގެ ބޭންކުތަކުގެ ހިއްސާ 45 ޕަސެންޓަށް ވުރެ މަތިވުމާ އެކު ރާއްޖޭގެ މާލީ ނިޒާމުގެ ފައިދާގެ ބޮޑު ބައެއްގެ ހިއްސާދާރުންނަކީ ވެސް ރާއްޖޭން ބޭރުގެ ފަރާތްތައް ކަމަށް ވުމެވެ.

އަޅުގަނޑު ހިތުގައި އުފެދޭ ސުވާލަކީ ރާއްޖޭގެ ބޭންކިން ވިޔަފާރި ހަމަ މި ގޮތުގައި ބާއްވަންވީ ހެއްޔެވެ؟

އެޑިޓަރުގެ ނޯޓު

އަބްދުލް ހަލީމް އަބްދުލް ލަތީފަކީ، ޕެންޝަން ފަންޑުގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރެވެ. އިންވެސްޓްމެންޓް މެނޭޖްމަންޓާއި އިންވެސްޓްމަންޓް އޮފަރޭޝަންގެ ތަޖުރިބާގެ އިތުރުން ހަލީމު ވަނީ ބޭންކިން އިންޑަސްޓްރީގައި ޓްރެޒަރީ މެނޭޖްމަންޓާއި، ކޯފަރޭޓް ބޭންކިންގައި މަސައްކަތްކުރައްވައި ބޭންކިންގެ ތަޖްރިބާ ހޯއްދަވައިފަ އެވެ. އެ އިންޑަސްޓްރީއަށް 2009 ގައި ވެންނެވުމުގެ ކުރިން ހަލީމު މަސައްކަތްކުރެއްވީ ގައުމީ ޔުނިވަސިޓީގަ އެވެ. ހަލީމަކީ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓެކެވެ. info@mvmacro.com މި އީމެއިލް އިން ހަލީމާ ގުޅުއްވޭނެ އެވެ.