ޝަކުވާ، ގޯސްތައް، އުޅެން ދަސްކުރުން

ކޮރޯނާވައިރަސް، ޗައިނާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެކި ގައުމުތަކަށް ފެތުރެން ފެށުމާ އެކު އެ ނުރައްކާ ރާއްޖެއަށް ވެސް އޮތްކަން އެންމެންނަށް ވެސް އެނގެ އެވެ. ސަރުކާރުން، ފަރުދާގެ ފުރަގަހުގައި ކުރި އިދާރީ ރޭވުންތަކާ ބެހޭ ބައެއް މައުލޫމާތާއި އާންމުންނަށް ހާމަކޮށްގެން އަޅަން ފެށި ފިޔަވަޅުތައް، މީޑިއާތަކުން ފެނެ އެވެ. އަދި އެ ވައިރަސް ދުނިޔެ ހިސޯރުކުރި ގޮތަށް، ރާއްޖެ ވެސް މިހާރު މި އޮތީ އޭގެ ދަށުގަ އެވެ.


ރޭ އިވުނީ ކޮރޯނާވައިރަސް އިން މިހާތަނަށް ދުނިޔެ ދައްކަމުން އަންނަ އެންމެ ފަހު ނަތީޖާ އެވެ: އެ ވައިރަސް އިން ޖެހޭ ބަލި، ކޮވިޑް-19 ގައި، ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވުމެވެ. އޭނާގެ ފުރާނައަށް މާތް ﷲ ރަހުމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި އެވެ!

މިއީ އެއްގޮތަކަށް ވެސް، ކަމާ ބެހޭ ފަރާތްތަކުން އިންޒާރު ދީފައިނުވާ ހާލަތެއް ނޫނެވެ. މި ވަގުތު އަންނާނެކަން، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުންނާއި އެޗްޕީއޭގެ އިސް އޮފިޝަލުން، ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން ހަނދާން ކޮށްދެމުން، އަދި ގޭގައި ތިބެން ދޭ އިންޒާރެއްގެ ގޮތުގައި ވެސް ތަކުރާރުކުރި އެވެ.

ހުރިހާ ގައުމެއްގެ ހިސާބުތައް އެ ހުރީ ފެންނާށެވެ. ކޮރޯނާވައިރަސް އަރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20 ޕަސެންޓް، ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހެ އެވެ. މި ބަލީގެ ފުރަތަމަކޮޅު ސައިންސްވެރިން ހެދި ދިރާސާއެއް، މަޝްހޫރު ސައިންސް ޖާނަލް، ދަ ލެންސެޓްގައި ޝާއިއުކުރި އެވެ. އެއީ ވައިރަސް ހުރި މީހުންގެ ނިސްބަތް މިލިއަނުން ގުނާލުމުގެ މާ ކުރި އެވެ. އެކަމަކު އެ ދިރާސާގައި ބުނެފައި ވަނީ، ބަލީގައި މަރުވާ މީހުންގެ ނިސްބަތް އުޅޭނީ 4.4 ޕަސެންޓާއި 11 ޕަސެންޓާ ދެމެދުގައި ކަމަށެވެ. އެކަމަކު އެ މިންވަރު ފަހުން 3.4 އަށް ދަށްކުރި އެވެ.

ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައެއް ގައުމުތަކުގައި އެ ނިސްބަތް އެއަށް ވުރެ ވެސް ކުޑަ އެވެ. އަދި މިހާރު އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި، ކޮވިޑް-19 ގައި މަރުވި މީހުން ގުނާ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. މިސާލަކަށް އުމުރުން ދުވަސްވީ މީހުން ބަލާ މަރުކަޒުތަކުގައި، މި ދުވަސްވަރު މަރުވާ މީހުން، ކޮވިޑް-19 ގައި ފުރަތަމަކޮޅު ނުހިމަނަ އެވެ. އެކަމަކު ފްރާންސްގައި އައީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިމަނަމުންނެވެ.

އެގޮތަށް ނުހިމެނީ ވެސް، އޭރު އެ އެންމެންގެ ޓެސްޓް ނުހެދޭތީ އެވެ. އެކަމަކު އުމުރުން ދުވަސްވީ މީހުންނަށް ވައިރަސްގެ ނުރައްކާ ބޮޑުކަމާއި ކުރިއަށް ވުރެ މާ ގިނަ އަދަދަކަށް އެ މަރުކަޒުތަކުން މީހުން މަރުވަން ފެށުމުން، ކޮވިޑް-19 ގެ މަރު ހިސާބު ތެރެއަށް އެ އަދަދުތައް ވެސް އެއްކުރީ އެވެ.

ކޮރޯނާވައިރަސް އަކީ އަދިވެސް ގޮތް ނޭނގޭ އެއްޗެކެވެ. އޭގެ ފުރިހަމަ މައުލޫމާތު ސައިންސްވެރިންނަށް އަދި ނުލިބެ އެވެ. އެހެންކަމުން ވައިރަސް ހުރިކަން ނޭނގޭ މީހުން ވެސް ގިނަވާނެތީ، މަރުގެ އަސްލު ރޭޓް އަންދާޒާ ކުރުމުގައި ތަފާތުތަކެއް ހުންނާނެ އެވެ. މިސާލަކަށް އެމެރިކާގެ ރަސްމީ ފަރާތްތަކުން މިހާރު ލަފާކުރަނީ، ކުރިން ހީކުރި ވަރަށް ވުރެ ކުރިން އެ ގައުމުގެ އެކި ހިސާބުތަކުގައި ވައިރަސް ފެތުރެން ފެށި ކަމާއި މީހުން ވެސް މަރުވެފައިވާ ކަމެވެ. އެގޮތަށް ލަފާކޮށް، ބައެއް ސައިންސްވެރިން ބުނަނީ، މިހާރު ވެސް ހީކުރި ވަރަށް ވުރެ ގިނަ ބައެއްގެ ހަށިގަނޑަށް ވައިރަސް ވަދެފައިވާނެ ކަމެވެ. އެކަމަކު އެ އެންމެންގެ ޓެސްޓްކުރެވިފައި ނުވާތީ، ރަސްމީ ހިސާބުތަކުގެ ތެރެއަށް ވެއްދޭނެ ގޮތެއް ނެތެވެ.

އެމެރިކާގެ އެ ލަފާކުރުން ހަގީގަތަކަށް ވެއްޖެ ނަމަ، މިހާތަނަށް ކޮވިޑް-19 ގައި މީހުން މަރުވި ނިސްބަތް، މިހާރަށް ވުރެ ވެސް ދަށަށް ހިނގައިދާނެ އެވެ.

ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑް އޮތްކަން މި މަހު 15 ގައި ކަށަވަރުވުމާއި، މާލެ ސަރަހައްދު ކުއްލިއަކަށް ލޮކްޑައުންކޮށް، އިސް އޮފިޝަލުން ވިދާޅުވި އެއް ވާހަކަ އަކީ "މި އޮތީ އަޅުގަނޑުމެން ކުރިއްސުރެ ބުނަމުން އައި ވަގުތު އައިސްފައި" ކަމެވެ. އަދި "މިއަށް ވުރެ ވެސް ހިތާމަވެރި ކަންކަން ހިނގާނެ" ކަމުގެ އިންޒާރު ވެސް ދެއްވި އެވެ: އެއީ ބައެއް މީހުން މަރުވުމެވެ.

ރޭ ދަންވަރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޓެގްގެ ލީޑަރު، ޑރ. އަލީ ލަތީފާއި، ކޮވިޑް-19ގައި އެންމެ ސީރިއަސް ހާލަތަކަށް ވެއްޓޭ ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް އުޅުއްވާ އެއް ޑރ. މޫސާ ހުސެއިން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހިތާމަވެރި ޚަބަރު ދެއްވި އެވެ. އަދި އާންމުންގެ ތެރޭގައި ދެކެވެމުން އަންނަ، "ފަރުވާ ދިނުން ލަސްވުން،" "އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތުން"، "ބައެއް ކަންކަން ފެއިލްވުން"، ފަދަ އެތައް ތުހުމަތެއްގެ ސުވާލުތަކާ އެ ބޭފުޅުން ކުރިމަތިލެއްވި އެވެ.

އާންމުންނަށް ތަކެތި ފޯރުކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވަނީ: ކޮވިޑް-19 އާ ދެކޮޅަށް އެތައް ބަޔަކު ފްރޮންޓްލައިންގައި އަންނަނީ މަސައްކަތްކުރަމުން

މިއީ އާދައިގެ ހާލަތެއް ނޫނެވެ. އަދި މިއީ ކަމާ ބެހޭ ފަރާތްތަކަށް ވެސް ފަސޭހަ ވަގުތެއް ނޫނެވެ. ކޮންމެ ދުވަހަކު އޮންނަ ޕްރެސް ކޮންފަރެންސްތަކުގައި ނޫސްވެރިން ކުރާ ސުވާލުތަކުން އެނގެނީ އާންމުންގެ އެކި ކަންބޮޑުވުންތަކެވެ. ކޮވިޑް-19 އަށް ދިވެހި ބޭހުގެ ފަރުވާއަށް ފުރުސަތު ނުދެނީ ކީއްވެތޯ ކުރާ ސުވާލުން ފެށިގެން ރިސޯޓްތަކުގައި ކަރަންޓީން ކޮށްފައި ތިބި މީހުންގެ ރޯދަ ވީއްލަން ލިބުނު ކާނާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް، ތިމަރަފުށިން މާލެ ވަޑައިގަތުމަށް ދިން ހުއްދައާ ގުޅޭ އެކި ޝަކުވާތަކެވެ.

މި ހުރިހާ ސުވާލުތަކަށް، ނޫސްވެރިން އެންމެ ބޭނުން ޖަވާބުތައް ނުލިބުނަސް، އަދި ބައެއް ސުވާލުތައް އޮތްތާ ބާއްވައި، އެހެން ދިމަދިމާއިން ވަށައި ބެއްދުމުގެ އުކުޅު، ކަމާ ބެހޭ ބައެއް ބޭފުޅުން ގެންގުޅުއްވިޔަސް، ކޮވިޑް-19 އާ ގުޅޭ މައުލޫމާތު، ރަސްމީ އިދާރާތަކުން، އެންމެ ގިނައިން ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ އެވެ. އެކަމަކު ނޫސްވެރިން މެދުވެރިކޮށް އާންމުންނާ ހަމައަށް ފޯރުކޮށްދޭ މި ހުރިހާ މައުލޫމާތުތަކުން ވެސް ގިނަ މީހުންނަށް ގަބޫލުނުކުރެވޭ އެއް ކަމެއް އަދިވެސް އެބަ އޮތެވެ: ހެދިދާނެ ގޯސްތަކެވެ.

މި ކަހަލަ ދަނޑިވަޅުތަކުގައި އެންމެ ގިނަ އަދި އެންމެ ބޮޑެތި ގޯސްތައް ހެދުން ކައިރީ ވެސް، ފްރޮންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އެމީހުންގެ ބިޒީ ޝެޑިއުލާއި ކުއްލިއަކަށް ދިމާވެދާ ކަމަކުން، އޭގައި އަޅަން ޖެހޭ އެންމެ ރަނގަޅު ފިޔަވަޅު އެޅޭނެ ގޮތެއް، އެހެން ހުރަސްތަކެއް ހުރެގެން ނަމަވެސް، ނޭޅިދިއުމާއި، ލަފާކުރުން ދިމާނުވުމާއި ފަސޭހަކޮށްލެވުމާއި އިންސާނުންނަށް ވީތީ މިވެނި ކަމެއް، އެވެނި ކަމެއް ގޯސްވުން، މި ހުންނަނީ ގަބޫލުކުރިޔަސް ނުކުރިޔަސް ފެންނާނެ މަންޒަރުތަކެވެ.

ގޯސް ހެދުން އޮތީ، މި ހަނގުރާމައިގައި އަމަލީ ގޮތުން އުޅޭ ހިތްވަރުގަދަ ފަހުލަވާނުންނަށް އެކަންޏެއް ނޫނެވެ. އަހަރެމެން ހަމަ ކޮންމެ މީހަކަށް ވެސް މެ އެވެ. އެ ގޯސްތައް ފުރަތަމަ ދުވަހުން ފެށިގެން މި ދަނީ ހަދަމުންނެވެ. ކޮރޯނާވައިރަސް އަކީ "އެއްވެސް ބިރެއް ނޫނޭ، "ޓޫރިސްޓުން އައިސް ގޮސް އުޅެން ދޫކޮށްލަންވިއްޔޭ،"، "އަހަރެމެން ދާނީ ކޮފީއަށޭ"، "މިހެން ގޭގައި ތިބެވޭނެހޭ"، މި ހުންނަނީ، ބައެއް މީހުންގެ ވިސްނުމެވެ. މިއީ އަމިއްލަ ފަރުދުންގެ ގޯސްތަކެވެ.

ޑރ. އަލީ ލަތީފު: އެންމެ ހިތާމަވެރި ވަގުތު މި އޮތީ އައިސް

ބާޒާރުމަތީ ފިހާރައެއްގެ ސޭޓަކު، ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ކަން އެނގި ހުރެމެ، އޭނާ އެކަހެރިކުރަން ދިއުމުގެ ކުރިން، ގޮސް ހުރި ކަމަށް ވަނީ ފިހާރައިގަ އެވެ. މާލެ ލޮކްޑައުންކުރި ކަން އެނގި ތިބެމެ، އަވަހަށް "އަމާޒު" ބޯޓު ފުރައިގެން ދިޔައީ ކައްޕީގެ ހަށިގަނޑު ތެރެއަށް ވައިރަސް ވަދެ އޮއްވަ އެވެ. ލޮކްޑައުންކުރީ އެފަދަ މީހަކު އެހެން ތަނަކަށް ގޮސް، ވައިރަސް ފަތުރާނެ އެއްވެސް ފުރުސަތެއް ނުދޭށެވެ. އެ ބޯޓުން ދަތުރުކުރި ބ. ކެންދޫ މީހަކު އެ ރަށަށް އަރައިގެން ހަމަ އާދައިގެ ގޮތަކަށް އުޅުނީ، އެހެން ރަށަކުން އައި ކަމަށް ބުނެ، އޮޅުވާލައިގެންނެވެ.

ވައިރަސް ފެތުރެންވީ އެވެ. މި ހުންނަނީ އާދޭސްކޮށްގެން ވެސް ނުހުއްޓުވުނު، އަމިއްލަ ފަރުދުންގެ ގޯސްތަކެވެ.

ޑރ. އަލީ ލަތީފާއި އެހެން ތަޖުރިބާކާރުން ދެއްވި އިންޒާރަކީ، "މި ބައްޔާ އެކު އުޅުން ނޫން ގޮތެއް އަޅުގަނޑުމެންނަށް ވެސް ނެތް" ކަމެވެ. ކޮމިޔުނިޓީ ސްޕްރެޑަކަށް ހަމަ ދިއުމާ އެކު، ދެން އޮންނާނީ، މަރާ ވެސް ކުރިމަތިވުމެވެ. ޔަގީން ބޭހެއް އުފެއްދެން ދެން، ވެކްސިނެއް ތައްޔާރުވަންދެން، މި ވައިރަސް މުޅިން ނައްތާލުނެވި، އަހަރެމެންގެ ވަށައިގެން އުޅޭނެ ކަމެވެ. އެކަމަކު އަހަރެމެން އަމިއްލަ ނަފުސަށް މަކަރު ނުހަދައި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އަދިވެސް މިކަން ކޮންޓްރޯލް ކުރެވެން އެބަ އޮތެވެ. އުފާވެރި ހަބަރަކީ އެވެ.

ފުރަތަމަ މަރާ އެކު، ހިތާމަ އާއި އާ ބިރަކާއި ޝަކުވާތައް މި އޮތީ އައިސްފަ އެވެ. މިއީ މި ބަލިމަޑުކަމުގެ އެންމެ ހިތްދަތި ނަތީޖާ އެވެ. އެކަމަކު މިއީ މިހާތަނަށް އެތައް ބަޔަކު އެކުވެގެން ކުރި ބުރަ މަސައްކަތުގެ ނާކާމިޔާބީއެއް ކަމަށް ބެލެވޭކަށް ނެތެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި، ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކަށް މީހުން އެއްވެ، ވަގުތު ހޭދަކުރުން މަނާކޮށްގެން އެ ދިޔަ ދުވަސްތަކުން، ނޭނގުމުގެ ތެރޭގައި ކޮރޯނާވައިރަސް ގޮސް އެތައް ހާސް ބައެއްގެ ހަށިގަނޑަށް ވަނުމުގެ ފުރުސަތު ހުއްޓުވާދިނެވެ. އެ ހުރިހާ ފިޔަވަޅާ އެކު ވެސް، އެ ވައިރަސް އަހަރެމެންގެ ތެރެއަށް ފާވީ، ސޯޝަލް މީޑިއާގައި ތުހުމަތުކުރާ ގޮތަށް، "ބޮޑުންގެ ގާތް ބަޔަކު ކަރަންޓީން ނުކޮށް ދޫކޮށްލުމުން" ކަމެއް، ހަށިގަނޑުގައި ވައިރަސް ހުއްޓަސް ބަލިނުވެ އަދި އެކަން ނޭނގި، އެހެން މީހުންގެ ތެރެއަށް ފަތުރަން މެދުވެރިވި މަސްދަރަކުން ކަމެއް، ނޭނގެ އެވެ.

އެ ވާހަކަތަކުން ދުވަސް ފުރާލުމުގެ ބޭނުމެއް މިހާރަކު ނެތެވެ. މިހާރު މި އޮތީ "އުޅެން ދަސްކުރަން ޖެހިފަ" އެވެ. އެއީ ޕޮޒިޓިވްވާ މީހުން ގިނަވެ، އަމިއްލަ ގޭގައި ކަރަންޓީން ކުރުމުން، ރައްކާތެރިކަމާ އެކު އުޅެން ދަސްކުރުމެވެ. ހޮސްޕިޓަލްތައް ފުރޭ ހާލަތަކަށް ހިނގައްޖެ ނަމަ، ކޮވިޑް-19 ޖެހުނަސް، ނުރައްކާ ނުވާ ނަމަ، ގޭގައި، ވީވަރަކުން އެކަހެރިވެގެން އުޅެން ދަސްކުރުމެވެ. އުމުރުން ދުވަސްވީ މައިންބަފައިންނާއި ތިމާގެ މީހުންގެ ހިމާޔަތަށް ވިސްނައި، ވައިރަސް އަށް ފުރުސަތު ނުދެވޭނެ ގޮތަށް އުޅެން ދަސްކުރުމެވެ.

ނިއު ޔޯކް ސްޓޭޓްގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވީ ރަނގަޅު ވާހަކައެކެވެ: "މި ވައިރަސް އުޅެނީ އަހަރެމެންނަށް ވުރެ އެއް ފިޔަވަޅު ކުރީގަ" އެވެ. އެކަމަކު "އުއްމީދެއް ނުގެއްލެ" އެވެ. "އެއަށް ވުރެ ސުމާޓްވެގެން މި ހަނގުރާމަ ކާމިޔާބުކުރެވޭނެ" އެވެ.