ފްލެޓްތަކާ ގުޅިފައި ހުރި އަޑުތައް: އެއީ ވެސް ހަމަ ދިވެހިންނަށްޓަކައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި، މަޝްހޫރު ނަމުން ނަމަ "7،000 ފްލެޓް" ވެފައި މިވަނީ، އެއަށް ފާޑެއް ވެސް ނުކިޔޭވަރުގެ ތަނަކަށެވެ. އެތަނުގެ ޖާގަ ކުޑަ ވާހަކަ ބުންޏަސް، އެއިން އިމާރާތެއްގައި އެހާ ގިނަ ބަޔަކު އުޅުމަކީ ބޮޑު ތޮއްޖެއްސުމެއް ކަމަށް ބުންޏަސް، އެތަނުގައި ހުންނަނީ ތިން ލިފްޓޭ ބުންޏަސް، މީހުން އަންނަނީ ރުޅި އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެއީ ދައްކަން ޖެހޭ ވާހަކައެއް ނޫނެވެ. އަވަހަށް އެތަން އޭގެ ހައްގުވެރިންނަށް ހަވާލުކުރަންވީ އެވެ.


އެއީ ތެދެކެވެ. ވީހާވެސް އަވަހަކަށް އެ ފްލެޓްތައް ހަވާލުކުރަންވީ އެވެ. މީހުން ވައްދަންވީ އެވެ. މިހާރު ވެސް ގިނަ މީހުން އެ އުޅޭ ތޮއްޖެހުން އެއަށް ވުރެ މާ ބޮޑެވެ. އެ މީހުންނަށް އެއީ، "މިހާރު"ގެ އެއް ކިޔުންތެރިޔަކު ސިފަކުރި ގޮތުން ނަމަ، "ގަނޑުވަރެއް ކަހަލަ ތަނެކެ"ވެ.

އެކަމަކު ހިތްހަމަނުޖެހިފައި ތިބި މީހުންގެ ވިސްނުމުން ކެހިފައި އޮތް އެހެން ކަމެއް އެބަ އޮތެވެ: ފްލެޓްތަކާ ބެހޭ ގޮތުން ފާޑުކިޔާ ނޫސްވެރިން ވެސް އެ ވާހަކަ އެ ދައްކަނީ ހަމަ އެ ލޮބުވެތި ދިވެހި ރައްޔިތުންގެ ހައްގުގައި ކަމެވެ. މި ލިއުންތެރިޔާ އެޕްރީލް 11، 2019 ގައި "100 ދުވަހުގެ އެންމެ ބޮޑު ބަދަލު: "ކޮތަރު ކޮށީ"ގެ ސިފަ ކަނޑުވާލުން!"، މި ސުރުހީގެ ދަށުން ލިއުނު ރިޕޯޓަށް، ގިނަ ބަޔަކު ބޭލީ ރުޅިވެރިކަމެވެ. ފާޑުކިއުން ވެސް އެހާމެ ބޮޑެވެ. އެކަމަކު އެގޮތަށް ލިއުނީ، އަމިއްލަ ގެދޮރަކީ ދިވެހިންގެ އެތައް ހާސް ބައެއްގެ އެންމެ ބޮޑު އުއްމީދުކަމަށް ގަބޫލު ނުކުރެވޭތީއެއް ނޫނެވެ. އަދި ޔާމީން ހިންގެވި ތަރައްގީގެ މަޝްރޫއުތަކުގެ އަގު ވައްޓާލުމުގެ ގޮތަކުން ވެސް ނޫނެވެ. އެކަމަކު މުޅި އުމުރު ދުވަހަށް ހޯދާ ހިޔާވަހިކަމެއް އެއަށް ވުރެ ރަނގަޅުވާން ޖެހޭނެ ކަމަށް، ގަބޫލުކުރެވޭތީ އެވެ. އެގޮތަށް ގަބޫލުކުރަން ޖެހޭ ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ.

ކުރީ ސަރުކާރުގެ ބައެއް ވެރިން ބުނަނީ "އެއީ ސޯޝަލް ހައުސިން ސްކީމެއް" ކަމަށެވެ. ޕީޕީއެމްގެ ސަޕޯޓަރުންނާއި، ކޮންމެ ހާލެއްގައި ނަމަވެސް ބޯހިޔާވަހިކަން އެހާމެ ބޭނުން ބައެއް މީހުން ބުނަނީ "ސޯޝަލް ހައުސިން އަކީ މީހުން ދާއިމަށް އުޅެން ހަދާ ތަންތަނެއް ނޫން" ކަމަށެވެ.

އެއީ "އަގު ހެޔޮކޮށް ޒަރޫރީ ބޭނުން ފުދޭވަރަށް ހަދާ ތަންތަން. ދެން އެތަނުގައި ދިރިއުޅެ ފައިސާ ރައްކާކޮށްގެން ދާއިމީ ތަންތަން ހޯދާނީ،" މިދިއަ ބުރާސްފަތިދުވަހު "މިހާރު"ގެ ލިއުންތެރިޔާ ފަޒީނާ އަހުމަދުގެ "މިހިރީ ޓަވަރެއްގެ މަތީގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން!" ރިޕޯޓަށް ހިޔާލު ފާޅުކުރި މީހަކު ލިއުނެވެ.

7،000 ފްލެޓްގެ އެއް ޓަވަރުގެ އެންމެ ތިރި: ހައްގުވެރިން ގޮވަނީ އަވަހަށް ތަން ހަވާލުކުރަން .-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އެކަމަކު ސޯޝަލް ހައުސިން ސްކީމުން ލިބޭ ތަނަކީ، ރާއްޖޭގައި އެ ބައެއްގެ ފުރަތަމަ ގެދޮރު ކަމަށް ބަލާނެ، ނިޒާމެއް ނެތެވެ. އޭނާއަށް އެތަން ލިބޭ ވަގުތުން ފެށިގެން، ސަރުކާރުގެ އެހެން މަޝްރޫއަކުން ފްލެޓެއް ހޯދުމުގެ މަގު ބަންދުވީ އެވެ. އަދި ރާއްޖޭގެ މާލީ އިދާރާތަކުން ގެދޮރަށް ލޯނު ލިބޭ ހަރުކަށި ގޮތަށް ބަލާއިރު، އާމްދަނީއަށް މަހަކު 50،000ރ ލިބޭ މީހާ ވެސް ވަނީ ބާކީ އެވެ. އެހެންކަމުން ރާއްޖޭގައި އެންމެ ފަގީރު މީހެކޭ އާދައިގެ މުސާރައެއް ލިބޭ މީހެކޭ، މެދު ފަންތީގެ އާމްދަނީއެއް ހޯދާ މީހެކޭ، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާން ޖެހިފައި އޮންނަނީ އެއް މިންގަނޑަކުންނެވެ.

މިސާލަކަށް، މަހަކު 10،000ރ ލިބޭ މީހާ އާއި މަހަކު 50،000ރ ލިބޭ މީހާ ނަގަމާ ހިނގާށެވެ. އާދައިގެ މުސާރައިގެ ހައްގު ވެރިޔާ ވެސް، އަދި ރާއްޖޭގެ ނިސްބަތުން ބޮޑު މުސާރައެއް ލިބޭ މީހާ ވެސް ދުއްވައިގަންނަނީ، 7،000 ފްލެޓަށެވެ. އެއީ އަގުހެޔޮވެގެންނެއް ނޫނެވެ: އެކަމަކު ގެދޮރު ހޯދަން އެ ނޫން އެއްވެސް ފުރުސަތެއް ނެތުމެވެ.

އަމިއްލަ ކުންފުނިތަކުން ހަދާ ދެ ކޮޓަރީގެ ފެންވަރު މަތީ އެޕާޓްމަންޓެއްގެ މިހާރުގެ އަގު އުޅެނީ އެވްރެޖްކޮށް 2.5 މިލިއަން ރުފިޔާ އިން މަތީގަ އެވެ. އެކަމަކު މަހަކު 50،000ރ ގެ އާމްދަނީއެއް ލިބުމަކުން، ބޭންކް ލޯނަށް އޭނާ ޝަރުތެއް ހަމައެއް ނުވެ އެވެ. ފުރަތަމަ ކަމަކީ އަގުގެ 20 ޕަސެންޓަށް ވާ ފައިސާ އަތުގައި ނެތުމެވެ. ދެވަނަ ކަމަކީ ފައިސާ ހުއްޓަސް، އެ ވަރުގެ ލޯނެއް ނަގާ މީހެއް/އާއިލާއެއްގެ މަހުގެ އާމްދަނީ ގާތްގަނޑަކަށް 60،000ރ އަށް ވުރެ މައްޗަށް ގޮސްގެން ނޫނީ، ލޯނު ލިބެން ނެތް ކަމެވެ. ހައުސިން ލޯންތައް ލިބޭ ޝަރުތުތައް ބޭންކްތަކުން މި ފަހުން އަންނަނީ ކުރިއަށް ވުރެ ވެސް ހަރުކަށިކުރަމުންނެވެ. އެހެންކަމުން އެންމެ އާދައިގެ ފްލެޓަކީ، ޒަރޫރީ ބޭނުމަށް ދޭ ތަނެއް ކަމަށް ބަލައި، އެއަށް ވުރެ ފެންވަރު މަތީ ތަނެއް ހޯދުމުގެ ފުރުސަތު ރާއްޖޭގައި އަދި ހުޅުވިފައެއް ނުވެ އެވެ.

ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގެ ފްލެޓްތަކަށް ފޯމު ލާ މީހުންގެ އަދަދު 20،000 އިން މައްޗަށް ގޮސްގެން އެ އުޅެނީ، އެ ސަބަބުތަކާ ހެދި އެވެ. ބޭންކްތަކުން އަހަރުގެ ފައިދާ ބޮޑުކުރުން ނޫން އެހެން ވިސްނުމެއް ނުގެންގުޅެ އެވެ. މަރުކަޒީ ބޭންކު އެމްއެމްއޭ އަކީ، އާންމު ދިވެހިންގެ ހާލަތަށް ބަލައިގެން މާލީ ދާއިރާގެ ބައެއް ސިޔާސަތުތައް ކަނޑައަޅާ، ނުވަތަ ކަނޑައަޅަން ކެރޭ، ބައެއް ނޫނެވެ. ހުރިހާ ސަރުކާރެއްގައި ވެސް، ބޯހިޔާވަހިކަމުގެ ވިސްނުން ދޯދިޔާވުމާއި ހަގީގީ މައްސަލަތަކަށް، ވަށައިޖެހޭ ސިޔާސަތެއްގައި ކުރިމައްޗެއް ނުލަ އެވެ.

ބޯހިޔާވަހިކަން ހޯދަން އާމްދަނީގެ ނިސްބަތަށް ބަލައިގެން ފަސޭހައިން ލޯނު ލިބޭނެ ނިޒާމެއް ނެތުމުން، ގާތްގަނޑަކަށް އެންމެން ކަހަލަ ގޮތަކަށް މި ތިބީ ގެދޮރަށް ޖެހިފަ އެވެ. އެހެންކަމުން، "ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން" ރިޕޯޓް ލިއުނީ، ދެ ކޮޓަރީގެ ކުދިކުދި ފްލެޓްތަކުގެ ބަދަލުގައި، އެ އަށް ވުރެ ހާސްކަން ކުޑަ އަދި ތަނަވަސް ތަނެއް (އެއީ އެއްގޮތަކަށް ވެސް މަތީ ފެންވަރުގެ އެޕާޓްމަންޓްތަކުގެ ވާހަކައެއް ނޫނެވެ)، ހަމަ ދިވެހި ރައްޔިތުންނަށް ލިބޭނެކަމުގެ އުއްމީދުގަ އެވެ. އެކަމަކު މި ސަރުކާރުން އޭރު ކަނޑައެޅި ގޮތަށް، އެ ފްލެޓްތައް ތިން ކޮޓަރިއަށް ބަދަލުކޮށްފި ނަމަ 7،000 ފްލެޓުގެ އަދަދު ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔަށް މަދުވެ އެވެ. އެއީ ފްލެޓު ލިބޭ ލިސްޓަށް ނަން އަރާފައި އޮތް އެހާ ގިނަ އަދަދެއްގެ ބަޔަކަށް، އެއްގޮތަކަށް ވެސް، ކެތްކޮށްލެވޭނެ ބަދަލަކަށް ނުވި އެވެ. އާ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އެ މީހުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދިނަސް، ރާއްޖޭގެ ތަޖުރިބާ އެ އަށް ވުރެ ހިތިވުމުން، އެ ވާހަކަ އާންމުންނަށް ގަބޫލެއް ނުކުރެވޭނެ އެވެ.

"މިހާރު އުޅެނީ ތިޔަށް ވުރެ ހާލުގައި، މާ ކުދި ތަންތަން ކޮޅުގައި! އެހެންވީމާ 550 އަކަފޫޓް އޯކޭ، އެހެންވެ ފޯމު ލީ. ހިތްހަމަނުޖެހޭ މީހުން ފޯމެއް ނުލާނެ. ތި އަރައިގަނެވެނީ ވަރަށް ގިނަ ބައެއްގެ ހައްގަށްކަން ހަނދާން ކުރާތި،" މިއީ، އެ ފްލެޓްތައް ބަދަލުކުރަން ސަރުކާރުން ބޭނުންވާކަން އިއުލާންކުރުމުން އެއް ކިޔުންތެރިޔަކު ލިއުނު ހިޔާލެވެ.

މި ސަރުކާރަށް އެކަމެއް ވެސް ނުވި އެވެ. އަދި ފްލެޓް ލިބުނު މީހުންގެ ލިސްޓުގައި އޮތީ އޭގެ ހައްގުވެރިންތޯ ބަލަން ކުރި މަސައްކަތް، ދޮޅު އަހަރު ވީ އިރު ވެސް ނުނިމެ އެވެ. އެހެންކަމުން ގިނަ ބަޔަކު އެ ތިބީ ކެތްތެރިކަން ކޮޅުންލައިފަ އެވެ. ސަރުކާރުން ކޮންމެ ވާހަކައެއް ދެއްކިޔަސް ގަބޫލެއް ނުކުރާނެ އެވެ. "ފްލެޓްގެ ސައިޒު"، "ތޮއްޖެއްސުން"، "އެންމެ އާދައިގެ މީހާ ވެސް އުޅެން ކަމުނުދިއުން"، މި ކަހަލަ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެހެން ވެރިން ދެއްކެވި ވަރަކަށް އާންމުންގެ ރުޅި ދަނީ ބޮޑުވަމުންނެވެ.

އެކަމަކު އެ 7،000 ފްލެޓާ މެދު އެހެން ނަޒަރަކުން ވިސްނާ ނޫސްވެރިން ފާހަގަކޮށްފައި ހުރި މައްސަލަތަކަށް ބަލާ ނަމަ، ބޯހިޔާވަހިކަން އަދި ފޯރުކޮށްދިނަސް، ސަރުކާރުގެ ޒިންމާއެއް ނުނިމެ އެވެ. އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ރައްކާތެރިކަމާއި ސަލާމަތަކީ ވެސް ސަރުކާރުގެ ޒިންމާއެކެވެ. އެއީ ހިތްހަމަޖެހިގެން އާއިލާއާ އެކު އުޅެވިދާނެ ތަނެއްތޯ ކަށަވަރުކުރުމަކީ ވެސް ސަރުކާރުގެ ޒިންމާއެކެވެ. އިޖުތިމާއީ މައްސަލަތަކުން ރައްޔިތުން ދުރުކުރުވުމަކީ ވެސް ސަރުކާރުގެ ޒިންމާއެކެވެ.

ސަރުކާރުގެ ވެރިން، ރަނގަޅު ނިޔަތެއްގައި ވިޔަސް ނުވަތަ، ކުރީ ސަރުކާރުގެ ތަރައްގީގެ އޮފް ކަނޑުވާލުމުގެ ގޮތުން ވިޔަސް އެ ދައްކަވާ ވާހަކަތައް ބަހައްޓަމާ ހިނގާށެވެ. އެހެންކަމަށް ވާ ނަމަ، ކުރިން މި ދެންނެވި ޒިންމާތަކުގެ ވާހަކަ ދެން ދައްކާނީ ކޮން ބައެއް ހެއްޔެވެ؟ އާއެނކެވެ. ނޫސްވެރިންނެވެ. ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އަޅުވައިގެން ނަގާ ބިޔަ ލޯނުތައް ބޭނުންކުރަނީ ރަނގަޅަށްތޯ ވެސް ސުވާލު އުފައްދާނީ، އުފައްދަމުން އަންނަނީ ނޫސްވެރިންނެވެ. އެކަން ކުރަން ޖެހެނީ ވަކި ވެރިއެއް ދެކެ ޒާތީވެގެން، ވަކި ޕާޓީއެއް ވީމާ ފާޑުކިޔަން، ނުވަތަ ވަކި ސަރުކާރެއްގެ އޮފް ކަނޑުވާލާކަށެއް ނޫނެވެ. އެއީ ހަމަ ދިވެހިންނަށްޓަކައި ދިވެހިން ކުރަން ޖެހޭ ކަމަކަށް ވާތީ އެވެ.

ޔާމީންގެ ސަރުކާރުން ހުޅުމާލޭ އެއްވަނަ ފިޔަވަހިން ދޫކުރި، އަދި މައްސަލަ ބޮޑުވި ފްލެޓުތަކުގައި ތިން ކޮޓަރި ހުރެ އެވެ. ސައިޒު ވެސް ބޮޑެވެ. މަހަކު ދައްކަން ޖެހޭ މިންވަރު ވެސް، އެވަރުގެ ތަނަކަށް ބަލާއިރު ކުޑަ އެވެ. އޭގެ ކުރިން ރައީސް މުހައްމަދު ވަހީދު ސަރުކާރުގައި ދޫކުރި ތިން ކޮޓަރީގެ ފްލެޓުތަކުގެ ސައިޒު 730 ފޫޓަށް ވުރެ ބޮޑެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ފުރަތަމަ ދޫކުރި ފްލެޓުތައް އެ އަށް ވުރެ އަދި މާ ބޮޑެވެ. އެކަމަކު އެއީ ވެސް ސޯޝަލް ހައުސިންގެ ނަމުގައި ހެދި ތަންތަނެވެ.

ހިޔާ މަޝްރޫއުގެ އެއް ޓަވަރު މަތިން: މިއީ އާންމުން ދިރިއުޅެން ރާއްޖޭގައި މިހާތަނަށް އިމާރާތްކުރި އެންމެ އުސް ޓަވަރުތައް -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ވިސްނަން ޖެހެނީ ކުރިމަގަށެވެ. ވިސްނަން ޖެހެނީ ދިވެހިންނަށް ހައްގު ވަރަކީ ކޮބައިތޯ އެވެ. އެ ހައްގު ވަރަކީ، 1،000 އަކަފޫޓޭ، 2،000 އަކަފޫޓެކޭ ނޫނެވެ. އެ ހައްގު ވަރަކީ، މިހާރު މާލޭގައި ތޮއްޖެހިގެން އުޅޭ ތަންކޮޅަށް ވުރެ ބޮޑު، ނުވަތަ ކުޑަޔަސް، އަމިއްލަ ތަނެއް، ކުޑަ ކުއްޔެއްގައި ލިބުން އެކަންޏެއް ނޫނެވެ. އެ ހައްގު ވަރަކީ ހަމަ ތަންކޮޅެއް ދައްކާފައި، މިހިރީ ކަލޭމެންނަށޭ، މިއީ އެހެން ބަޔަކަށް ނުވި ކަމެކޭ ކިޔާފައި، ސިޔާސީ މީހުންގެ ޖީބަށް އަތް ޖެހުމެއް ނޫނެވެ. އެ ހައްގު ވަރަކީ، ކުރީގެ އެއްވެސް ސަރުކާރަކަށް ނުވި ކަމެއް، އެންމެ ފަސް އަހަރުން ހައްލުކުރަން، ރައްޔިތުންގެ އުއްމީދުތަކާ ކުޅެލުމެއް ނޫނެވެ. އެ ހައްގު ވަރަކީ، ރާއްޖޭގެ ސިޔާސީ ވެރިން ނަގާ ކަޓުތައް ފޮރުވަން، ދަޅައެއްގެ ގޮތުގައި ތަނެއް ދިނުމެއް ވެސް ނޫނެވެ.

ދިވެހިން އަމިއްލައަށް ވިސްނާށެވެ. ކޮންމެ ވެރިކަމެއްގައި މުއްސަނދިވާ މީހުންނެވެ. ސަރުކާރުގެ މަޝްރޫއުތަކާއި އެހެން ގޮތްގޮތުން ގައިމު، ލާރިފަށެއް އެނބުރޭތީތާ އެވެ. އެކަމަކު އެ މަންޒަރު ފެންނަ އިރު ވެސް، "އަހަރެމެންނަށް ހެވޭ، މިއީ އަހަރެމެންނަށް ގަނޑުވަރެކޭ" ކިޔާފައި ވަންނަ ތަން އެއީ ހަމަ "އާންމު ދިވެހި ރައްޔިތަށް ހައްގު ވަރުތޯ" ތިމާ ސުވާލު ނުކޮށްފާނެ އެވެ. ތިމާ ތާއީދުކުރާ ޕާޓީގެ ކުލަތަކުގެ ތެރެއަށް އަމިއްލަ ޒަމީރުގެ ލޯ ހުއްޓި ހުރެދާނެ އެވެ.

އެކަމަކު މި ލިއުންތެރިޔާއަށް އެގޮތަކަށް ނުވިސްނެ އެވެ. އިއްޔެ ވެސް އަދި މިއަދު ވެސް މި ސުވާލުކުރަނީ އެ ބޮޑު ތޮއްޖެހުން އެއީ "ކަލެއަށް ވެސް، އޭނާއަށް ވެސް، މަށަށް ވެސް ހައްގު ވަރު ހެއްޔޭ" އެވެ؟ ނޫނެކެވެ. އެއީ ހައްގު ވަރެއް ނޫނެވެ. އަމިއްލަ ތަނެއް ނެތް "ކަލެ އަށާއި އޭނާ އަށާއި މަށަށް" ވެސް އެއީ "ގަނޑުވަރެކޭ" ހީވިޔަސް ދެން ވެސް ބުނާނީ "ނޫނެކޭ" އެވެ. އެއީ ތިޔަ ލޮބުވެތި "ކަލެ އާއި އޭނާ"ގެ އިތުރުން ސުވާލު އުފައްދާ "މަށަށް" ވެސް ދައުލަތުން ދޭން ޖެހޭ ހައްގު ވަރެއް ނޫނެވެ.

ރައްޔިތުންގެ ފައިސާ އިން ފޭރޭ މިންވަރުގެ ކުޑަކުޑަ މަންޒަރެއް ބަލައިލަމާ ހިނގާށެވެ. މި ޖެހެނީ، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި، އެ އޮތް ކުރީގެ ކްލަބް މެޑް ރިސޯޓްގެ ކޮފީ ޝޮޕަށެވެ. އެއީ އެތައް އަހަރެއް ވީ ތަނެކެވެ. އެތަނުގެ އެތެރޭގައި އޮފީސް ތިން ކޮޓަރިއެއް ހަދާފައި ހުންނާނެ އެވެ. އެއީ ދެ ވަނަ ފޭސް ހިއްކި އިރު، ބޮސްކާލިސްގެ ސައިޓު އޮފީހެވެ. އޭގެ ފަހުން ދެވަނަ ފޭހުގެ މަގުތައް ތަރައްގީކުރަން ހަވާލުކުރި އެމްއެމް އެކްސްޕޯޓުން ހަދަން ޖެހޭ އިންޖިނިއާ އޮފީހެވެ. މަގުތައް ހެދުމުގެ މަޝްރޫއުގައި އިންޖިނިއާ އޮފީހުގެ އަގަކަށް ޖަހާފައި އޮތީ ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) އެވެ. އެއީ މަޝްރޫއު ފަށާ އިރު ހަދަން ޖެހޭ ތަނެކެވެ. އެކަމަކު އެ ކޮފީ ޝޮޕްގެ އެތަންކޮޅަށް ކުޑަ ބަދަލެއް ގެނެސް، އިންޖިނިއާ އޮފީހުގެ ނަމުގައި ވުޖޫދަށް ގެނައީ މަޝްރޫއު ވެސް ނިމެނިކޮށެވެ. އެތަނަށް ގިނަވެގެން މިލިއަނެއްހާ ރުފިޔާ ވެސް ނާރާނެ އެވެ. ނުވަތަ އަހަރެމެންނަށް ލިބެން މި އުޅޭ 570 އަކަފޫޓުގެ ފްލެޓަށް ހިނގި ހަރަދަށް ވުރެ ވެސް ކުޑަ އެވެ.

އެކަމަކު ބަޔަކު އެ އޮތީ 30 މިލިއަން ރުފިޔާ ނަގައިފަ އެވެ. ކޮން ބައެއް ހެއްޔެވެ؟ އެކަން ބަލާނެ ހެއްޔެވެ؟ ބެލޭނެ ހެއްޔެވެ؟ ބަލާނީ ކޮން ބައެއް ހެއްޔެވެ؟ އެޗުޑީސީން ހެއްޔެވެ؟ ރައީސް އުފައްދަވާ ރިޔާސީ ކޮމިޝަނަކުން ހެއްޔެވެ؟ އޭސީސީން ހެއްޔެވެ؟ ފުލުހުން ހެއްޔެވެ؟ ނުވަތަ ޕީޖީ މެދުވެރިވެގެން ހެއްޔެވެ؟

މި ސުވާލުތައް، ތެދުވެރި ނިޔަތެއްގައި ކުރާނީ ކަލޭ ހެއްޔެވެ؟ އޭނާ ހެއްޔެވެ؟ މަ ހެއްޔެވެ؟

ހަމައެކަނި އެ ކޮފީ ޝޮޕްގެ އެތެރެއަށް ގެނައި މަރާމާތު ދައްކާލައިގެން 30 މިލިއަން ރުފިޔާ، ދިވެހި ރައްޔިތުންގެ ނަމުގައި ނެގި ލޯނެއްގެ ތެރެއަށް ފައްތާލައިގެން، ކައި ނިންމައިފި އެވެ.

ދެ ކޮޓަރީގެ "ގަނޑުވަރަށް" ވަންނަން ހިނގާށެވެ. މި ސަރުކާރުން މާ ގިނަ އަނގަ ނުތަޅާ އެ ތަންތަން އޭގެ ހައްގުވެރިންނަށް ދޭށެވެ. އެތަން ކުޑައޭ، ދިރިއުޅެވޭ ވަރުގެ ތަނެއް ނޫނޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް ވެސް ވިދާޅެއް ނުވެވޭނެ އެވެ. އެ މަނިކުފާނު ފުރަތަމަ ދައްކަވަންވީ، މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަށައިގެން، އެ މަންޒަރެވެ. ކުރީގެ ރައީސް ޔާމީންގެ ހިޔާލުފުޅަށް އެ ފެންނަ އެކި ކުލަކުލައިގެ ޓަވަރުތަކުގެ ރީތި މަންޒަރުގެ ކްރެޑިޓެއް މިހާރުގެ ރައީސަކަށް ނުނެންގެވޭނެ އެވެ. އެހެންކަމުން ސަރުކާރުންނާއި އެޗުޑީސީން މާ ގިނަ އަނގަ ތަޅައި، އުޒުރުތައް ނުދައްކައި އެ ތަންތަނަށް މީހުން ވައްދައި، "ޔޫތު ސިޓީ" އޭގެ ގޮތުގައި ދައްކާލަ ދޭންވީ އެވެ.

އެކަމަކު ދެން ވެސް މަށަށް ބުނެވޭނީ އެއީ ދިވެހިންނަށް ހައްގު މިންވަރު ނޫން ކަމަށެވެ. އަދި "ހައްގު މިންވަރު"ގެ ވާހަކަ މި ދައްކަނީ ވެސް "ކަލެ އާއި އޭނާ އާއި މަ ވެސް" ހިމަނައިގެންނެވެ.