އިނާޒުގެ ހިޔާލު: ބަޖެޓްގައި ގައުމީ ސިޔާސަތުތަކެއް ނެތް

އަންނަ އަހަރުގެ ބަޖެޓް ސަރުކާރުން މިވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. ބަޖެޓް ހުށަހެޅިއިރު އަޅުގަނޑު ކަންބޮޑުވި ކަންކަން ފާހަގަކޮށްލާނަމެވެ. އޭގެ ކުރިން ދައުލަތެއްގެ ބަޖެޓަކީ ކޮބައިތޯ ހަނދާންކޮށްލުން މުހިއްމެވެ. ދައުލަތެއްގެ ބަޖެޓަކީ ހިސާބުގެ އަކުރުތަކެއް ނޫނެވެ. އަދި އެހެންމެ ކުރިއަށް ރޭވިދާ ބަނދަރުތަކާއި، ބިން ހިއްކުމުގެ މަޝްރޫއުތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރަލް ޕްރޮޖެކްޓްތަކެއް ވެސް ނުމެނޫންމެ އެވެ. ބަޖެޓަކީ ސިޔާސީ، އިޖްތިމާއީ، އިގްތިސާދީ އަދި ތިމާވެށީގެ ސިޔާސަތުތަކަކުން ބަނދެވި އެކުލެވިފައިވާ ގައުމީ ތަރައްގީގެ ޕްލޭނެއް ހާސިލްކުރަން އަންދާޒާކުރެވޭ ހިސާބުތަކެކެވެ. ގައުމުގެ ކަންކަން ހައްލުކުރަން އަންދާޒާކުރާ ހިސާބުތަކެކެވެ. ހުށަހެޅި ބަޖެޓުން ހައްލުވަނީ ގައުމީ ފެންވަރެއްގައި ކޮން ކަންތައްތަކެއްތޯ ސުވާލުކުރެވެން ޖެހެ އެވެ. ސީދާ ރައްޔިތަކަށް އޭގެން ކުރާނީ ކޮން އަސަރެއްތޯ ވަޒަން ކުރެވެން ޖެހެ އެވެ. ހަމައެކަނި އިގްތިސާދީ ހައްލުތަކެއް ނޫނެވެ.


އެންމެ ފުރަތަމަ އަޅުގަނޑު ފާހަގަކުރާ ކަމަކީ އުފެދި ރޯވަމުން ދާ ސިޔާސީ އަލިފާންގަނޑަށް އެެއްވެސް ކަހަލަ ފިނިކަމެއް މި ބަޖެޓުން ފެންނަން ނެތުމެވެ. ގިނަ ސިޔާސީ ޕާޓީތަކެއްގެ މައްޗަށް އެކުލެވޭ ސިޔާސީ ނިޒާމެއް ރޭވުމުގެ ބޭނުމަކީ ގައުމު ހިންގުމުގައި ގިނަ ބައެއްގެ ވިސްނުމާ އެކު ސިޔާސަތުތައް ރޭވި ތަންފީޒްކުރުމެވެ. އަދި ކޮންމެ ދިވެހި ރައްޔިތެއްގެ ސިޔާސީ ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ގާއިމްވެފައި އޮތުމެވެ. މިއަދުގެ ސިޔާސީ މާހައުލުން ފެންނަނީ ސަރުކާރުގެ ސިޔާސަތުތަކާ އިދިކޮޅު ކޮންމެ ސިޔާސީ ފަރާތެއް "ގޮޅިއަކަށް" ލެވި، ބިނާކުރުވެނިވި ސިޔާސީ ހިޔާލު ފާޅުކުރުމުގެ ފުރުސަތުތައް ސަރުކާރާއި އަދި އިދިކޮޅު ޕާޓީ ތެރޭގައި ހަނިވެފައިވާ ދަނޑިވަޅެކެވެ. ބަޖެޓެއް މަޖިލީހަށް ހުށައެޅުމުގެ މަގްސަދަކީ އަދި ރޫހަކީ ވެސް ސިޔާސީ އެކި ފަރާތްތަކާ އެކު އެއްވެސް ބިރުވެރިކަމެއް ނެތި މިނިވަން މާހައުލެއްގައި ހިޔާލު ފާޅުކުރުމާއި މަޝްވަރާކުރުމެވެ. މިފަދަ މަޝްވާރާތަކުގެ އަލީގައި ސަރުކާރުގެ ސިޔާސަތުތައް ގައުމީ ވިސްނުމަކަށް ބައްޓަން ކުރެވި ރައްޔިތުންގެ އިތުބާރު މުޅި ބަޖެޓް ހިންގަން ލިބިދިނުމެވެ. އެއްވެސް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން ހިޔާލުފާޅުކުރުމާއި މަޝްވަރާއެއް ނެތި ސަރުކާރުން އެދޭހާ ކަމެއް ބޭނުންވާ ގޮތަކަށް ފާސްކުރުމެއް ނޫނެވެ.

މިއަދުގެ ސަރުކާރުގެ ވިސްނުމަކީ އިދިކޮޅު ސިޔާސީ ފަރާތަކުގެ ކަންބޮޑުވުންތަކާއި ގޮވާލުންތަކުން އެއްވެސް ހަރުދަނާ ކަމެއް ނެތްކަމުގެ ވިސްނުމެވެ. އަދި އިދިކޮޅު ކޮންމެ ފަރާތަކީ ދުޝްމަނުން ކަމަށް ސަރުކާރުގެ ބަސްމަގުން ހާމަވެދެ އެވެ. މަޝްވަރާކޮށްގެން ގައުމަށް ކުރިއެރުން ލިބިދާނެ ކަމަށް ސަރުކާރުން ނުދެކޭ ކަމުގެ ހެކި ރައީސް އަބްދުﷲ ޔާމީންގެ ގިނަ ހިތާބްތަކުންނާއި ސަރުކާރުގެ މެންބަރުންގެ ބަސްމަގުން ހާމަވެދެ އެވެ. މި ކަންކަން ބަދަލުކުރުމުގެ ފުރުސަތު ބަޖެޓް ރޭވި މަޝްވަރާގެ މަރުހަލާގައި ހުޅުވިފައިވެ އެވެ. ބޭނުން ވަނީ އިހްލާސްތެރިކަމާ އެކު އަޑުއެހުމުގެ ގާބިލްކަމެވެ.

މަތީގައި ދެންނެވި ސިޔާސީ މާހައުލުގެ ނުތަނަވަސްކަމާ އެއްވަރަށް އަޅުގަނޑު ކަންބޮޑުވާ އަނެއް ކަމަކީ 2017 ގެ ބަޖެޓަށް ބަލާލުމުން ގައުމީ ތަރައްގީގެ ޕްލޭނެއް އަދި ސިޔާސަތުތަކެއް އަދި ހާސިލް ކުރެވިދާނެ ގައުމީ ލަނޑުދަނޑިތަކެއް ފާޅުކަން ބޮޑުކޮށް ފެނިގެން ނުދާކަމެވެ. އަދުގެ ބޮޑެތި އިޖްތިމާއީ، ސިޔާސީ، އިގްތިސާދީ އަދި ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދިދާނެ ގޮތްތަކެއް ރޭވިފައިވާ ތަނެއް މި ބަޖެޓަކުން ނުފެނެ އެވެ. ފިނޭންސް މިނިސްޓަރަކީ ހަމައެކަނި ހިސާބު އަދަދުތަކެއް ލިއުއްވަން އިންނަވާ ބޭފުޅެއް ނޫނެވެ. ސިޔާސަތު ރޭވުމުގައި އެއިރެއްގެ ރައީސްގެ ލަފާގެ މަތިން އެންމެ އިސް ދައުރެއް އަދާކުރާ މޭސްތިރި އެވެ. އެހެނަސް ފިނޭންސް މިނިސްޓަރުގެ ބަޖެޓް ހިތޯބުން މަތީގައި ދެންނެވި ފަދަ ގައުމީ ތަރައްގީގެ އޮނިގަނޑެއް ސާފެއް ނުވި އެވެ. ތެދެއް މެއެވެ. ސަރުކާރުން، ހާއްސަކޮށް ރައީސް ޔާމީން ވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ރާއްޖެ އަށް ބޮޑެތި އިންވެސްޓްމެންޓްތައް ގެނެސްދޭނެ ކަމަށް ވައުދުވެފަ އެވެ. މިފަދަ އިގްތިސާދީ ކޮންމެ ވައުދުތަކެއްގައި އިޖްތިމާއީ އަދި ސިޔާސީ ސިޔާސަތުތަކެއް ގައުމީ ފެންވަރެއްގައި މަޝްވަރާކުރެވި، ރޭވި، އެ ތަންފީޒްކުރެވޭނެ ހަމަތަކެއް ހާމަކުރެވި ދައުލަތުގެ އެންމެހާ ފަރާތްތަކާއި އަމިއްލަ ވިޔަފާރިވެރިން އަދި "ފާޓީ ކުދިން"ގެ އިތުރުން އެހެން ރައްޔިތުން ވެސް ބައިވެރިކުރެވެން ޖެހޭނެ އެވެ. އެއީ ރައީސް އޮފީހުން ނޫނީ މަދު ވެރިންތަކެއްގެ "ބަނޑުން" އުފަންވާ ސިޔާސަތުތަކަށް ވުރެ، ރައްޔިތުންނަށް ސާފުކޮށް ފެންނަން އޮންނަން ޖެހޭ އެއްޗެކެވެ.

2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އާމްދަނީ ބެހިފައިވާ ގޮތް

މިސާލަކަށް ފަތުރުވެރިކަމުގެ ސިޔާސަތުތައް އުފަންވަނީ ރައްޔިތުންގެ އެއްވެސް ވަރެއްގެ ބަހެއް ނެތިކަން ފަތުރުވެރިކަމުގެ ދިގު މާޒީ އަށް ބަލައިލުމުން އެނގެ އެވެ. ރާއްޖޭގެ ރަށްރަށް ފަތުރުވެރި ކަމަށާއި ވަރުވާ އަށް ދޫކުރުމުގެ ޒަމާންވީ ސަގާފަތަކީ އޭގެ ހެއްކެކެވެ. އެހެން އެކަން އޮތުމުން ވަކި ފަރާތްތަކެއްގެ ނުފޫޒު ދައުލަތުގެ މައްޗަށް ގަދަވެ، ފަތުރުވެރިކަމުގެ ވަޒީރަކީ "އޭޓީއެމް" އެކޭ ސިޔާސީ ވެރިން ބުނާ ތަން ފެނެ އެވެ. އެހެން ވަޒީރުންނަށް ވުރެ ބާރުގަދަ ވަޒީރަކަަށް ވެސް ވެދެ އެވެ. މިކަމުން ދައުލަތް ހިންގުމުގައި ކަރަޕްޝަންގެ ދޮރުތައް ވެސް ހުޅުވެ އެވެ. ކުރުކޮށް ދަންނަވަނީ ނަމަ، ބަޖެޓް ރޭވިދާން ޖެހޭނީ ގައުމީ ސިޔާސަތުތަކެއްގެ މައްޗަށް ސިނާއީ އަދި ވަކިވަކި ދާއިރާތަކުގެ ސިޔާސަތުތަކާއި ލަނޑުދަނޑިތަކެއް އެކުލެވޭނެ ގޮތްތަކަކަށެވެ. އަދި މި ސިޔާސަތުތައް އެކުލަވާލުމުގައި ރައްޔިތުންގެ ސީދާ ބަސް ބުނުމުގެ ދޮރުތައް މިނިވަން ސިޔާސީ ޖައްވެއްގެ ތެރޭގައި އޮތުން ވަރަށް މުހިއްމެވެ. ހާއްސަކޮށް އަދުލުއިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަށް ރޭވިފައިވާ ޕްލޭންތަކާއި ލަނޑުދަނޑިތައް އަދި ވޭތުވެދިޔަ އަހަރުތަކުގައި ހާސިލްވީ މިންވަރު ވަޒަންކުރުމުގެ ފުރުސަތު ރައްޔިތުންނަށް ގާއިމްކުރެވެން ޖެހެެ އެވެ. އެހެން ނޫނީ އަދުގެ ހާލަތު ރަނގަޅުކުރަން ދައުލަތް ނުކުޅެދި، ރައްޔިތުން ވޭނުގައި އަނެއް އަހަރު ފަށަން ޖެހެ އެވެ.

އަންނަ އަހަރުގެ ބަޖެޓުން އަޅުގަނޑު ކަންބޮޑުވާ އަނެއް ކަމަކީ އަތޮޅުތަކުގެ ތަރައްގީއަށް ނުހަނު ބޭނުންތެރި ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލްތަކަށް ފުރުސަތުތަކެއް ފަހިވެފައި ނެތުމެވެ. ދިވެހި ދައުލަތުގެ އާމްދަނީ އެތައް ގުނައަކުން މިވަނީ ޓެކްސް ތައާރަފްކުރުމުން ކުރު މުއްދަތުގައި އިތުރުވެފަ އެވެ. އެހެނަސް ކައުންސިލްތައް ހިންގާށާއި ކައުސިލްތަކުން ރާވާ މަޝްރޫއުތަކަށް ފުރުސަތެއް ނުދެވެ އެވެ. ގިނަ ވަޒީރުންނާއި ސަރުކާރުގެ ވެރިންގެ ވިސްނުމަކީ ކޮންމެ ކަމަކަށް ވެސް މާލެ އަށް ބަރޯސާވުމުގެ ސަގާފަތް ދެމެހެއްޓުމެވެ. ހުޅުމާލެ އަކީ މާލެ ފިޔަވައި ތަރައްގީގެ ކަންކަމުގެ މަރުކަޒަށް ހެދުމުގެ ވިސްނުމެވެ. މާލޭގައި ހެދި ގޯސްތައް ރިޕީޓް ކުރުމުގެ މިސްރާބު ޖަހާފައިވާކަން ބަޖެޓުން ފެނިދެ އެވެ. މިހެން ދެންނެވުމުން އަތޮޅުތެރޭގައި މިތައް ބަނދަރު، މިތައް ބިން ހިއްކުމުގެ އަދި އެއާޕޯޓުގެ މަޝްރޫއުތަކާއި މިތައް ކްލާސްރޫމް ހިމެނެއޭ، ބައެއް ބޭފުޅުން ވިދާޅުވުން އެކަށީގެންވެ އެވެ. މާފުކުރައްވާށެވެ. އަތޮޅުތެރޭގެ ރައްޔިތުން ބޭނުންވަނީ ހަމައެކަނި ކޮންކްރީޓެއް ނޫނެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އިސްލާހުކުރީ ރައްޔިތުންގެ ކަންކަން ރައްޔިތުންގެ ކައިރިން އަދި ސީދާ ބަސް ބުނުމުގެ ފުރުސަތު ހޯދުމަށެވެ. މިފަދަ ފުރުސަތެއް ހޯދަން ރައްޔިތުން ގޮވަމުން ދަނީ ކީއްވެތޯ އެވެ؟ އަތޮޅުތެރެ އާއި މާލޭގެ ފަރަގުކުރުން ބޮޑުވެ، އަދި އެހެންމެ މާލޭގެ ރަށްވެހިންނަށް ވެސް ދިރިއުޅެން އުނދަގޫ ތަނަކަށް މާލެ ބަދަލުވެފައި ވާތީ އެވެ. ދިރިއުޅުމުގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާތީ އެވެ. އުފާވެރި އަދި އަބުރުވެރި ދިރިއުޅުމެއް ބޭނުން ވާތީ އެވެ. އަމިއްލަ އާއިލާ އާއި އަމިއްލަ ރަށާ ވީހާ ވެސް ކައިރީން ވަޒީފާ ހޯދަން ކުރާ އުންމީދުގަ އެވެ. ގެދޮރުގެ ތަނަވަސްކަން އަމިއްލަ ވަޒަނުން ހޯދަން ދެކޭ ހުވަފެނުގަ އެވެ. މި ބަޖެޓުގެ ތަފްސީލްތަކަށް ބަލާލުމުން މިކަންކަން އިސްލާހުކުރެވިދާނެ އަލި މަގެއް ފެނިގެން ނުދެ އެވެ. ރައްޔިތުން ނުކުމެ، މި ކަންބޮޑުވުންތައް ހާމަކުރުމުން، ވެރިން ބީރު ކަންފަތެއް ދިނުމުގެ އިތުރުން މިކަންކަން ހާމަކުރާ ފަރާތްތަކާ މެދު ހަރުކަށިކަން ދައްކަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލުކުރެ އެވެ. މިކަންކަން ހައްލުކުރުމުން ސިޔާސީ ވެރިންނަށް އިންތިހާބުތައް ކާމިޔާބު ނުކުރެވޭނެތީތޯ އެވެ؟ ނޫނެކެވެ. ކަންކަން އޮޅުވައިނުލާ އިސްލާހުކުރުމުން ރައްޔިތުން އަފަދަ ވެރިންނަށް އެއްބާރުލުން ދޭނެކަން ޔަގީނެވެ.

މި ބަޖެޓުން ފާހަގަވާ އަނެއް ކަންބޮޑުވުމަކީ ބަޖެޓްގައި ބަޔާންކޮށްފައިވާ އާމްދަނީ އާއި ހަރަދުތައް އަންދާޒާކޮށްފައިވާ ގޮތްތަކެވެ. ބޮޑެތި ގައުމުތަކުގެ އިގްތިސާދީ އަދި ސިޔާސީ ހަލަބޮލިކަން މިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މައި ބާޒާރުތަކަށް ފޭދެން ފަށައިފަ އެވެ. މީގެ އަސަރު ފަތުރުވެރިކަމުގެ ހިސާބުތަކުން ވޭތިވެދިޔަ އަހަރު ފެނިފައިވެ އެވެ. މަސްވެރިކަމުގެ ސިނާއަތު މިވަނީ މޫސަމަށް އަންނަ ބަދަލާ އެކު އަންދާޒާކުރަން އުނދަގޫ މަރުހަލާއެއްގަ އެވެ. ގިނަ ސައިންސްވެރިން ހާމަކުރާ ގޮތުގައި މި އަހަރާއި ކުރިއަތް އޮތް އަހަރު ވެސް ދުނިޔޭގެ ޖައްވު ހޫނުވެ، ކާބޯތަކެތި އުފެއްދޭ މިންވަރުން ފެށިގެން ހަކަތަ ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. މި ކަންކަން މިހެން ހުރިއިރު ބަޖެޓްގައި އަންދާޒާކޮށްފައި ވަނީ، ދުނިޔެ އާއި ރާއްޖޭގެ މާހައުލަށް އެންމެ އެކަށޭނަ މިންވަރަށް ރިއާޔަތްކުރުމެއް ނެތި، ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެހެންމެ ހަރަދުތައް ވެސް ވަނީ މިފަދަ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި އަންދާޒާ ކުޑަކޮށްފަ އެވެ. ހާއްސަކޮށް އަޅުގަނޑު ކަންބޮޑުވަނީ ދައުލަތުގެ ހިސާބުތައް ދެ ފުށް ފެންނަ ގޮތެއްގައި ހާމަނުކުރުމުގެ ސަބަބުން ނުކުންނަ މައްސަލަތަކާ މެދުގަ އެވެ. ކަރަޕްޝަނަށް އޮތް ފުރުސަތުތަކެވެ. ރޭވިފައިވާ އެކިއެކި މަޝްރޫއުތައް ހިންގުމުގެ ހަރަދުތައް އެތައް ގުނައަކުން ތަންފީޒީ މަރުހަލާގައި ބޮޑުވެ، ދައުލަތުގެ ދަރަނި އެތައް ގުނައަކުން އިތުރުވެ، ރައްޔިތުންގެ ދިރުއުޅުމުގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވުމެވެ.

ޖުމްލަ ގޮތެއްގައި މިއީ މިއަދުގެ ހޫނުވަމުން ދާ ސިޔާސީ މާހައުލަށް ފިނިކަމެއް ގެނެސް ދޭނެ ބަޖެޓެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ގައުމީ ސިޔާސަތުތަކެއްގެ ތެރެއިން މުއްސަނދީންނާއި ފަގީރުންގެ ފަރަގު ކުޑަކުރެވިދާނެ ގޮތަށް ބަޖެޓް ރޭވިފައެއް ނުވެ އެވެ. އިގްތިސާދީ އަދި އިޖްތިމާއީ ހަރުދަނާ ހަރުފަތްތަކެއް ގިރާ ކުރާނެ ބަޖެޓެއް ކަމަކަށެއް ވެސް އަޅުގަނޑު ނުދެކެމެވެ.

ރާއްޖޭގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރަން ލާމަރުކަޒީ ނިޒާމަކުން ކައުންސިލްތަކާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މެދުގައި މިނިވަން ޖައްވެއްގައި މަޝްވަރާކޮށްފައެއް ނެތެވެ. ތަރައްގީ އަކީ ހަމައެކަނި މާއްދީ ކުރިއެރުމެއް ނޫނެވެ. ހިއްކޭ ބިންތަކެއް ނުވަތަ ބިނާކުރާ އިމާރާތްތަކެއް ވެސް ނޫނެވެ. ތަރައްގީ އަކީ އެގައުމެއްގައި ދިރިއުޅޭ އެންމެނަށް އެއްވެސް ފަރަގުކުރުމެއް ނެތި ހުޅުވިދާ އިޖްތިމާއީ، ސިޔާސީ އަދި އިގްތިސާދީ މިނިވަންކަމެވެ. އަދި ލިބޭ ފުރުސަތުތަކެވެ. ބަޖެޓެއްގެ ހިސާބު އަކުރުތަކާއި ސިޔާސަތުތަކުގެ ތެރެއިން މި މިނިވަންކަން ފަހިވާން ޖެހެ އެވެ. އަބުރުވެރި އަދި ހުނަރުވެރި ރައްޔިތުންތަކެއް މާދަމާގެ ޖީލަށްޓަކައި ބިނާކުރުވެން ޖެހެ އެވެ.

އެޑިޓަރުގެ ނޯޓު

އިނާޒަކީ އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މިހާރު ގެންދަވަނީ އިގުތިސާދީ ދާއިރާ އިން ނިއު ޒީލެންޑްގައި ޕީއެޗު.ޑީ އަށް ކިޔަވާ ވިދާޅުވަމުންނެވެ.