ޚަބަރު / ޔާމީން ރަޝީދު މަރާލުން

ޔާމީން ރަޝީދުގެ މަރު: އަޑުއެހުންތައް ނިމި، ހުކުމް އަންނަ މަހު

ޔާމީން ރަޝީދު: އޭނާގެ މަރުގެ މައްސަލާގެ ހުކުމް އަންނަ މަހު އިއްވަން ވަނީ ހަމަޖައްސާފައި

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައި، އަންނަ މަހު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނީ ޔާމީނަށް ފާރަލުމުގައި ދިފްރާނާއި ޝިފާޒް ބައިވެރިވި ކަމަށާއި އަދި ހަމަލާދިން ވަގުތު އެގޭގެ ބޭރުގައި ފާރައަށް ހުރީ ދައުވާލިބޭ އިސްމާއިލް ރަޝީދު ކަމަށެވެ. އަދި ހަމަލާދިނުމަށް އެގެއަށް ވަނީ ހައިޝަމާއި ޒިހާން ކަމަށާއި އަދި ދައުވާލިބޭ ހުސައިން ޒިޔާދަށް އެކަމުގައި ބައިވެރި ނުވެވުނީ އޭގެ ދުވަސްކޮޅެއް ކުރިން އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނި ގޮތުގައި އެކަންކަން އެ މީހުންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާނެ ހެކި އެބަހުއްޓެވެ. އަދި އެއިން ކޮންމެ މީހަކު ކުރި އަމަލަކީ ޔާމީން މަރުވުމަށް މެދުވެރިވި ސީދާ އަމަލަކަށް ނުވިޔަސް، އިސްލާމީ ޝަރީއަތުގެ ދަށުން އެ މީހުންނަށް މަރުގެެ އަދަބު ދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެގޮތުން އުމަރުގެފާނުގެ ޒަމާނުގައި ކުޑަކުއްޖަކު މަރާލި ހާދިސާއެއްގައި ހަތް މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައިވާ ކަން ދައުލަތުން ފާހަގަކުރި އެވެ.

ދައުުލަތުން ބުނީ އެ މީހުން ޔާމީން ރަޝީދު މަރާލީ އޭނާއަކީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް ކަމަށް ދެކިގެން ކަމަށެވެ. އެހެންވެ، ޔާމީން މަރާލުމަށްޓަކައި ނޮވެމްބަރު، 2016 އިން ފެށިގެން އެ މީިހުން މަޝްވަރާތައް ކުރަން ފެށި ކަމަށާއި އަދި އެކިފަހަރު މަތިން އޭނާއަށް އިންޒާރު ދިންކަން ވެސް ދައުލަތުން ފާހަގަކުރި އެވެ. އަދި އެ ހަމަލާއަކީ ދީނީ ހަރުކަށި ފިކުރާ ގުޅުންހުރި ކަމެއް ކަމަށާއި އެގޮތުން ދައުވާލިބޭ މީހުން ވަކިން ޖަމާއަތް ހަދައިގެން ނަމާދުކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޔާމީނަށް ހަމަލާދިން މީހުން ސިޑިގޮޅީީގައި ހަރަކާތްތެރިވަނީ --- ފޮޓޯ/ޕޮލިސް

ދައުވާލިބޭ ހައިޝަމާއި ޒިހާންގެ އިތުރުން ޝިފާޒް ވަކީލް އަހުމަދު ޔާމީން ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށްތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ޖެހޭއިރު މި މައްސަލާގައި އެ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.

މީގެ އިތުރުން ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހިި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ އޮތްގޮތުން ވެސް، ގިނަ ބަޔަކު ބައިވެރިވެގެން މީހަކު މަރާލާ ހާލަތުގައި މަރުގެ އަދަބު ކަނޑައެޅޭނީ އެ ކުށުގައި ބައިވެރިވި އެންމެން ވެސް ތޫނު ހަތިޔާރެއް ބޭނުން ކޮށްފައިވާ ނަމަ ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަމަކު މި މައްސަލާގައި އެކި މީހުން ކުރި އަމަލުތައް ތަފާތުވުމުގެ އިތުރުން ތޫނު ހަތިިޔާރު ބޭނުން ކޮށްފައިވާ ކަން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިފްރާންގެ ވަކީލް އިސްމާއިލް ވިޝާމް ވިދާޅުވީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގައި މީހުން މެރުމުގައި ބައިވެރިވުން ދެ ގޮތަކަށް ދަރަޖަ ކޮށްފައިވާއިރު، މި މައްސަލާގައި ދައުވާ ކުރަނީ އެންމެ މަތީ ދަރަޖައިން ކަމަށެވެ. އެކަމަކު އެ މިންވަރަށް އެކަން ސާބިތުވާނެ ހެއްކެއް ނެތް ކަމަށާއި އެގޮތުން ދިފްރާނާ ދެކޮޅަށް އޮތީ އެންމެ ހެއްކެއް ކަމަށް އޭނާ ވިދާޅުވީ އެވެ. އަދި އެއީ ވެސް މަގަކުން ހިނގާފައި ދަނިކޮށް ފެނުނު ކަމަށް ބުނާ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީނަށް ފާރަލި މީހުންގެ ވީޑިއޯއާ ދިފްރާނާ ދިމާވާ ކަމަށް ފުލުހުންގެ ތަހުލީލު ރިޕޯޓުން ދެއްކިޔަސް، ވިޝާމް ވިދާޅުވީ އެއީ ހިތުލަފައަށް ހަދާފައި އޮތް ރިޕޯޓެއް ކަމަށާއި އެ ތަހުލީލު ހެދި ފުލުސް މީހާގެ ވެސް ތަޖުރިބާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ވީޑިއޯ ތަހުލީލުކުރި ސޮފްޓްވެއާގެ މައުލޫމާތު ވެސް އޭނާއަށް ނޭނގުނު ކަމަށް ވިޝާމް ވިދާޅުވި އެވެ. އެހެންވެ، އެއްވެސް ހެއްކެއް ނެތް ކަމަށާއި އަދި މިއީ ދައުލަތުން ކުޅޭ ޝޯއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވެސް ވިދާޅުވީ ދައުލަތުން ދައުވާ ކޮށްފައިވާ ގޮތަށް ބަލާއިރު، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމަށް ބެލޭނީ އަމަލީ ގޮތުން ބައިވެރިވުމުން ކަމަށެވެ. އަދި އަމަލީ ގޮތުން ނޫން ގޮތަކަށް ބައިވެރިވެެއްޖެ ނަމަ، އެއީ ގާނޫނު އޮތްގޮތުން އެހެން ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ މައްސަލަަ އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކޮށްފައިނުވާ ކަމަށާއި އަދި ފުލުހުން ވެސް ހެކި ފޮރުވަން މަސައްކަތްކުރި ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި މި ސަރުކާރުން އެކުލަވާލި ރިޔާސީ ކޮމިޝަނުން ވެސް އެ މައްސަލަ ބަލަން ފެށީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުވާލިބޭ ޒިޔާދުގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ ޒިޔާދަށް ތުހުމަތު ކުރަނީ ޔާމީން މަރާލުމުގެ މަޝްވަރާގައި ބައިވެރިވުން ކަމަށް ވާއިރު، ދައުލަތުގެ ސިއްރު ހެކިވެރިޔާގެ ބަހުން އޭނާއަކީ ވެސް މަޝްވަރާގައި ބައިވެރިވި މީހެއް ކަން އެނގޭ ކަމަށެވެ. އަދި މަރުގެ މައްސަލަތަކުގައި ގާތިލުންނަށް މައާފް ކުރުމުގެ ބާރު އޮތީ ވާރިސުންނަށް ކަމަށް ވާއިރު، ގާތިލަކަށް ދައުވާ ނުކޮށް އަދި ހެކިވެރިއެއްގެ ގޮތުގައި ބޭނުން ކުރަން ދައުލަތަށް އޮތީ ކޮން ބާރެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ޝާއިރު ވިދާޅުވީ މީހަކު މެރުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ވާއިރު، މަރުގެ އަދަބުން ސަލާމަތްވުމަށްޓަކައި އެހެން މީހަކާ ދެކޮޅަށް ހެކިބަސް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންވެ، އެފަދަ ހެކިންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ޝާއިރު ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އަދި މައްސަލަ ދިރާސާ ކުރުމަށްޓަކައި ވަގުތުތަކެއް ނަގާނެ ކަމަށާއި އެކަމަކު އަންނަ މަހު ހުކުމް އިއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454